އަންހެނުން ބާކީކޮށްފައި ގައުމު ބިނައެއް ނުކުރެވޭނެ: އެމްޑީޕީ
އަންހެނުން ބާކީކޮށްފައި ގައުމު ބިނައެއް ނުކުރެވޭނެ: އެމްޑީޕީ

ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އަންހެނުން ހިއްސާ ކުރާއިރު، ގައުމު ބިނާ ކުރުމާއި ޕްރޮފެޝަނަލް މަސައްކަތްތަކުގައި އަންހެނުން ބާކީ ނުކުރެވޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނަން ފޮނުއްވުމާ އެކު އެކަމާ މެެދު ބައެއް މީހުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ. އަދި އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ބުނެ، ފަތުވާ ކޮމެޓީން ވަނީ ބަޔާން ނެރެފަ އެވެ.

މިކަމާ ގުޅޭގޮތުން ސަރުކާރު ހިންގާ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރުކަމުގެ މަގާމަށް އަންހެނަކު އައްޔަން ކުރުމަކީ ގާނޫނު އަސާސީ އާއި ރާއްޖޭގައި އަމަލު ކުރާ އެއްވެސް ގާނޫނަކާ ހިލާފު ކަމެއް ނޫން ކަމަށެވެ. އަދި އެއީ ދީނުގެ އެއްވެސް އަސާސަކާ ވެސް ޚިލާފުވާ ކަމެއް ނޫން ކަމަށް އެ ޕާޓީން ދެކެ އެވެ.

އޭގެ އިތުރުން އެ މައްސަލައާ ގުޅޭގޮތުން ކޮށްފައިވާ ގިނަ ދިރާސާތަކާއި ބައިނަލްއަގްވާމީ އިސްލާމީ ގިނަ ޖަމިއްޔާތަކުން ބުނާ ގޮތުގައި ކޯޓުތަކުގައި ޝަރީއަތް ކުރުމަށް އަންހެން ފަނޑިޔާރުން ތިބުމަކީ ދީނުގެ އަސްލަކާ ހިލާފުކަމެއް ނޫން ކަމަށް އެމްޑީޕީން ބުންޏެވެ.

ޚިޔާލުތަފާތުވެފައިވާ މި މައްސަލައިގައި އެމްޑީޕީން ގަބޫލުކުރާ ވިސްނުމަކީ، އެ ޕާޓީން ބުނިގޮތުގައި، މީހަކު ނިސްބަތްވާ ވަކި ޖިންސެއްގެ ސަބަބުން އެ މީހަކު ކުރަން ބޭނުންވާ މަސައްކަތެއް ކުރުން އޭނާއަށް ހުރަހަކަށް ނުވުމެވެ. އަދި އިގްތިސާދީ ކަންކަމާއި އިޖްތިމާއީ ކަންކަމުގައި ވެސް ބަސްބުނެ، ގޮތް ނިންމުމުގެ ބާރު ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށް ވެސް އޮންނަން ޖެހޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނިގޮތުގައި މިނިވަން ޑިމޮކްރެޓިކް އިސްލާމީ މުޖުތަމައުތަކުގައި އަންހެނުން ފަނޑިޔާރުކަން ކުރަމުން ގެންދާތާ އެތައް އަހަރެއްވެފައިވާއިރު ދުނިޔޭގެ އެންމެ މުސްލިމުން ގިނަ އިންޑޮނީޝިޔާ އާއި ސައޫދީ އަރަބިޔާ އަދި މެދުއިރުމަތީގެ ގިނަ ގައުމުތަކުގައި ވެސް އަންހެން ފަނޑިޔާރުން ތިބޭ ކަމަށް ބުންޏެވެ.

މި މައްސަލައާ ގުޅޭގޮތުން އަދާލަތު ޕާޓީން ވެސް މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ޕާޓީގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި ފަނޑިޔާރު ކަމަށާއި ގާޒީ ކަމަށް އަންހެނުން އައްޔަން ކުރުމަކީ އިސްލާމީ އުއްމަތުގެ ދަންނަ ބޭކަލުންގެ މެދުގައި ރައުޔު ތަފާތުވެ، ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. އެކަމަކު، އެކަމުގައި ގޯސް ރައުޔެއް އިހްތިޔާރު ކުރި ނަމަވެސް ފާފަވެރި ނުވާނެ ކަމަށް އަދާލަތުން ބުންޏެވެ.

މި މައްސަލައިގައި އިސްލާމީ ފިގުހުވެރިންނާއި އިސްލާމީ ގައުމުތަކުގެ އެކިއެކި މުއައްސަސާތަކުން ނެރެފައިވާ ރަސްމީ އަދި އިލްމީ މައިގަނޑު ތިން ރައުޔަށް ބަލާއިރު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ރާޖިހުކުރަނީ ފަނޑިޔާކަމަށް އަންހެނަކު އައްޔަންކުރުމަކީ ހުއްދަނޫން ކަމެއް ކަމަށް ބުނާ ރަައުޔުކަން އަދާލަތު ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.