25 އޯގަސްޓް 2019 - 18:37

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންނާ މިރޭ އިންޓަވިއު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ކޯޓަށް އަލަށް އައްޔަންކުރާ ދެ މަގާމަށް ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލެއްވި އެވެ. އަދި އޭގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަން ޖޭއެސްސީ އަށް ފޮނުއްވައިފަ އެވެ.
ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިއަދު މެންދުރު ހަމަވިއިރު ކުރިމަތިލެއްވީ ހައި ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒް ކަމަށެވެ. އެހެންވެ، އެ ހަތަރު ބޭފުޅުންގެ އިތުރުން ރައީސް ނަން ފޮނުއްވި ދެ ބޭފުޅުން ކަމަށްވާ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫންއާ މުހައްމަދާ މިރޭ އިންޓަވިއު ކުރަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
މިރޭ އިންޓަވިއު ކުރިއަށް ދާއިރު، ޖޭއެސްސީގެ ބޭނުމަށްޓަކައި އިންޓަވިއު ވީޑިއޯ ރެކޯޑް ކުރަން ވެސް ހަމަޖައްސާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ލަފާ ދިނުމަށް ކޮމިޝަންގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތަށް ކޮމެޓީއެއް އެކުލަވާލައިފަ އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރަނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަށް ބިނާކޮށް، އެ މަޖިލީހުންނެވެ.