25 އޯގަސްޓް 2019 - 18:45

ބަޖެޓް ޑެފިސިޓަށް އިތުރުވާ ފައިސާ ހޯދުމަށް ދަތިކަމެއް ނެތް ކަމަށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މި އަހަރުގެ ބަޖެޓަށް ފައިސާ އިތުރު ކުރުމަށް ހުށަހަޅާފައިވާ އަދަދާ ގުޅިގެން، ބޭއްވި ބަޖެޓް ކޮމިޓީގައި ޒާހިރާ ވިދާޅުވީ، ބަޖެޓަށް އިތުރު ކުރުމަށް 1.7 ބިލިއަން ރުފިޔާގެ ސަބަބުން ދައުލަތުގެ ބަޖެޓް ޑެފިސިޓަށް އިތުރުވާ 986 މިލިއަން ރުފިޔާ ހޯދުމަށް ބޭނުންވާ ފައިސާ ޓީބިލް ވިއްކައިގެން ހޯދޭނެ ކަމަށެވެ.
"އެމްއެމްއޭގެ އޯވަނައިޓް ޑިޕޮސިޓް ފެސިލިޓީގައި ވެސް މި ފައިސާ އިންވެސްޓްކުރަމުން އެބަދޭ. އެހެންވީމަ ސްޕޭސް އެބައޮތޭ ދެންނެވޭނީ،" އޭނާ ވިދާޅުވި އެވެ.
މިހާރު ރާއްޖޭގެ މާލީ ދާއިރާ އޮތް ހާލަތަށް ބަލާ އިރު ޓީބީލް ވިއްކުމުން ޕްރައިވެޓް ސެކްޓާއަށް އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓީބިލް ވިއްކުމަށް ފަހި ފުރުސަތެއް އޮތް އިރު މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ 1.9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފަ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް ވިއްކުމަށް ހަފްތާއަކު އެއް ފަހަރު ހުޅުވާލަ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ. ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ.
އެމްއެމްއޭ އިން ޓީބީލް ވިއްކަނީ 28 ދުވަހަށާއި 90 ދުވަހާއި 182 ދުވަހުގެ އިތުރުން 365 ދުވަހަށެވެ. ޓީބިލް އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އިންޓްރެސްޓް ރޭޓު ބޮޑުވާނެ އެވެ. އެގޮތުން 28 ދުވަހަށް ޓީބިލް ވިއްކާނަމަ އިންޓަރެސްޓް ރޭޓަކީ 3.5 ޕަސެންޓް ކަމަށްވާ އިރު 365 ދުވަހަށް ޓީބިލް ވިއްކާނަމަ އިންޓަރެސްޓް ރޭޓު 4.6 ޕަސެންޓަށް އަރަ އެވެ.