25 އޯގަސްޓް 2019 - 18:22

ބަޖެޓަށް އިތުރު ކުރާ 1.7 ބިލިއަން ރުފިޔާގެ 65 ޕަސެންޓް ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ހޭދަކުރުމަށް ކަނޑައަޅައިފި އެވެ.
ބަޖެޓަށް ފައިސާ އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ލިޔުމުގައިވާ ގޮތުން އެންމެ ބޮޑު ހޭދައެއް ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަކުރާ އިރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރެއިން ބިން ހިއްކުމާއި އިމާރާތް ކުރުމަށް 129 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ކެޕިޓަލް ޚަރަދުގެ އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ އޮފީސް ހިންގުމަށް ބޭނުންވާ ހަރު މުދާ ގަތުމަށެވެ. އެކަމަށް 402 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އިގްތިސާދަށް ފައިދާ ކުރާ ކަންކަމަށް 350 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ރިކަރަންޓް ޚަރަދަށެވެ. ގާތްގަނޑަކަށް 588 މިލިއަން ރުފިޔާ ރިކަރަންޓް ޚަރަދަށް ކަނޑއަޅާފައިވާ އިރު އޭގެ ތެރެއިން 301 މިލިއަން ރުފިޔާ ހޭދަކުރަނީ މުވައްޒަފުން ތަމްރީނު ކުރުމަށެވެ. މީގެ އިތުރުން 270 މިލިއަން ރުފިޔާ ސަރުކާރުންދޭ އެހީ އާއި އިޝްތިހާރާއި ސަބްސިޑީއަށް ކަނޑައަޅާފައިވާ އިރު އޮފީސްތައް ހިންގުމަށް 13 މިލިއަން ކަނޑައަޅާފައިވެ އެވެ.
މިދިޔަ އަހަރު، 2019 ވަނަ އަހަރުގެ ބަޖެޓް ފާސްކުރި އިރު ރިކަރަންޓް ޚަރަދަށް 18.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އަލަށް ބަޖެޓަށް އިތުރު ކުރި ފައިސާއާ އެކު އެ އަދަދު 19 ބިލިއަނަށް އަރާނެ އެވެ.
ޚަރަދުތައް އިތުރުކުރުމުން މުޅި ބަޖެޓުގެ އަދަދު 31.9 ބިލިއަން ރުފިޔާއަށް އަރަ އެވެ. ދައުލަތުގެ ބަޖެޓަށް މިއައި ބަދަލާ އެކު ވެސް އެންމެ ބޮޑު ހޭދައެއް އަދިވެސް ކުރަނީ ރިކަރަންޓް ޚަރަދަށެވެ. މުޅި ބަޖެޓުގެ 59 ޕަސެންޓް ރިކަރަންޓް ޚަރަދަށް ހޭދަކުރާ އިރު ކެޕިޓަލް ހަރަދަށް ހޭދަ ކުރަނީ 40 ޕަސެންޓެވެ.