25 އޯގަސްޓް 2019 - 15:10

ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ސަޕްލިމެންޓްރީ ބަޖެޓެއް ނޫން ކަމަށާއި ފައިސާ އިތުރު ކުރުމަށް ހުށަހަޅާ ލިޔުމެއް ކަމަށް ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.
ބަޖެޓް ކޮމިޓީގައި ފިލްޒާ ވިދާޅުވީ، މާލިއްޔަތު ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއާ ގުޅޭ ގޮތުން ހުށަހެޅި ލިޔުމުގެ ވާހަކަ އޮންނަ އިރު ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ވަނީ އެފަދަ ލިޔުމެއް ހުށަހެޅި ވާހަކަ ކަމަށެވެ.
މާލިއްޔަތު ގާނޫނުގައިވާ ގޮތުން ސަޕްލިމެންޓްރީ ބަޖެޓާއި އިތުރަށް ފައިސާ ބޭނުންވެގެން ހުށަހަޅާ ލިޔުމަކީ ދެ ހުށަހެޅުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިގޮތަށް ފައިސާ އިތުރު ކުރުމަށް އެދި މީގެ ކުރިން ހުށަހަޅާފައިނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މަޖިލީހުގެ ގަވައިދަކު ނޯވޭ ސަޕްލިމެންޓްރީ ބަޖެޓެއް އަޔަސް، ބަޖެޓަށް އިތުރުކުރަން ހުށަހަޅާ ލިޔުމެއް އަޔަސް އަމަލުކުރާނެ ވަކި އުސޫލެއް ބަޔާންކޮށްފައެއް،" އޭނާ ވިދާޅުވި އެވެ.
ފިލްޒާ ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓެއް އަތުވެއްޖެ ނަމަ އަމަލުކުރަމުން އައިސްފައި ވަނީ އަހަރީ ބަޖެޓާ މެދު އަމަލު ކުރާ އުސޫލުން ކަމަށެވެ.
"މަޖިލީހުގެ ރައީސް އިހްތިޔާރު ކުރެއްވީ ކުޑަ ދުވަސްކޮޅެއް ފަހުން ރިސެސް ކުރިއަށް ދާތީއާ އެކު އެންމެ އަވަހަށް ގޮސް ނިންމޭނެ އުސޫލަކީ ކޮބައިތޯ. ބެލިއިރު ނިންމެވީ، ލިޔުން ހުށަހަޅުއްވާފައި، ކޮމިޓީ އަށް ފޮނުވާފައި ވަގުތުން ދިރާސާ ކުރުމަށް ފުރުސަތު ދީފައި ދެން ރިޕޯޓު ތަޅުމަށް އައިމަ ކޮންމެ މެންބަރަކަށް ވެސް ވާހަކަދެއްކުމަށް ފުރުސަތުދީފައި، ފިނޭންސް މިނިސްޓަރު ވެސް ތަޅުމަށް ވަޑައިގެން މެންބަރުންގެ ސުވާލެއް އޮތް ނަމަ އެއަށް ޖަވާބުދޭން،" އޭނާ ވިދާޅުވި އެވެ.
ފިލްޒާ ވިދާޅުވީ، މި އުސޫލަކީ ކަނޑައެޅިގެން ގަވައިދާ ހިލާފު އުސޫލެއް ކަމަށް ނުދެންނެވޭނެ ކަމަށެވެ. އަދި މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ފިލްޒާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ބަޖެޓް ފާސް ކުރުމަށް ބަހުސް ކުރާ ނަމަ، މަޖިލީހުގެ ވަރަށް ގިނަ ވަގުތުތައް ދާނެ ކަމަށެވެ.
ފިލްޒާ މިހެން ވިދާޅުވި އިރު ބަޖެޓް ކޮމިޓީގައި ބައެއް މެންބަރުން ވަނީ ބަހުސް ކުރުމަށް ފުރުސަތު ނުދީ ދިރާސާ ކުރުމަށް ކޮމިޓީ އަށް ފޮނުވުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ، ސިޓީގައި ބަޖެޓަށް އިތުރުކުރާ ފައިސާއާ ގުޅޭ ލިޔުމެއް ކަމަށް ބުނާ އިރު ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ލިޔުންތަކުގައި ސަޕްލިމެންޓްރީ ބަޖެޓެއް ކަމަށް އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ސިފަ ވަނީ ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި. ސަޕްލިމެންޓްރީ ބަޖެޓުތަކުގައި އަމަލުކޮށްފައިވަނީ ބަހުސްކޮށްގެން ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.
އާމިރު ވިދާޅުވި ބަހަށް ބާރު ދެއްވައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ރިސެސްދާތީ ވަގުތު ނެތޭ ބުނެ މިފަދަ ބަދަލެއް ގެނައުން ގަބޫލު ނުކުރެވޭ ކަމަށެވެ.
"ބަޖެޓަށް ފައިސާ އިތުރުކުރަން މާލީ ވަޒީރު ބޭނުންފުޅުވެއްޖެ ނަމަ އެއީ ބަޖެޓް ފާސް ނުކުރުން ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މި އަހަރުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރު ކުރުމަށް މަޖިލީހަށް ފޮނުވާފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލިހަށް ފޮނުއްވި ސިޓީއާ ގުޅިގެން އެ ބަޖެޓް ބަލައިގަނެ، ބަޖެޓު މާދަމާ ރޭ މަޖިލިހުން ނިންމުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެހެންވެ، ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު އެއްކޮށް ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގަތެވެ.