25 އޯގަސްޓް 2019 - 12:02

ތެހެރާން (އޮގަސްޓް 25) - އީރާނުން އާ މިސައިލެއް ޓެސްޓްކޮށްފައިވާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ކޮމާންޑަރު މޭޖާ ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވެއްޖެ އެވެ.
"އީރާނަކީ އަބަދުވެސް ދިފާއީ އަދި ސްޓްރެޓެޖިކް ސިސްޓަމްތައް ޓެސްޓްކުރާ ގައުމެއް. މިއީ އީރާނުގެ ބާރުވެރިކަމަށްޓަކައި ހުއްޓުމެއް ނެތި ހިންގާ ހަރަކާތެއް،" ސަލާމީ ވިދާޅުވި އެވެ.
މިސައިލާ ގުޅޭ އިތުރު ތަފްސީލް ނުދެއްވާ އޭނާ ވިދާޅުވީ އެ މިސައިލް ޓެސްޓްކުރި ދުވަހަކީ އީރާނަށް ވަރަށް ކާމިޔާބު ދުވަހެއް ކަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އީރާނުން ވަނީ އެ ގައުމުން އަމިއްލަ އަށް އުފެއްދި މިސައިލުން ދިފާއުވެވޭ ނިޒާމެއް ދައްކާލައިފަ އެވެ.
އީރާނުން މިސައިލެއް ޓެސްޓްކޮށްފައި މި ވަނީ އެމެރިކާއާ އެކު މަސްރަހު ހޫނުވެފައިވާ ދުވަސްވަރެއްގަ އެވެ. އީރާނުން މިދިޔަ ޖޫން މަހު ވަނީ އެމެރިކާގެ ސާވެއިލަންސް ޑްރޯނެއް ވައްޓާލައިފަ އެވެ. އީރާނުން ބުނީ ޑްރޯން ވައްޓާލީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަނުމުން ކަމަށެވެ. ނަމަވެސް އެމެރިކާ އިން ބުނީ ޑްރޯން ދަތުރު ކުރަމުން ދިޔައީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގެ ތެރޭން ކަމަށެވެ.
އީރާނުން މިދިޔަ މަހު ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފަ އެވެ. އެ ޓޭންކަރު ހިފެހެއްޓުމާ ގުޅިގެން އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ގަލްފުގައި ދަތުރުކުރާ ބޯޓުތަކަށް ހިމާޔަތް ދޭން ލަޝްކަރެއް އުފައްދަން ނިންމައިފަ އެވެ.