ސުނިލް ޝެޓީގެ ދަރިންނަށް މަސައްކަތުގައި ލަފައެއް ނުދޭ
ސުނިލް ޝެޓީގެ ދަރިންނަށް މަސައްކަތުގައި ލަފައެއް ނުދޭ

ކޮންމެ މީހަކު ވެސް އެމީހެއްގެ ކެރިއަރުގައި ކުރިއަށް ދަނީ އަމިއްލަ އަށް ކަމަށާއި އެކަކު އަނެކަކަށް ހިޔާލާއި ލަފާ ދިނުމަކީ އާއިލާގެ ތެރޭގައި ކުރާ ކަމެއް ނޫން ކަމަށް ސުނިލް ޝެޓީަގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ބުނެފި އެވެ.

ފިލްމު "ހީރޯ" އިން 2015 ގައި ބޮލީވުޑަށް ނުކުތް ބަތަލާ ބުނި ގޮތުގައި އޭނާ ފިލްމު ކުޅެން ނުކުތް އިރު ވެސް ވަކި ގޮތަށް ވަކި ކަމެއް ކުރަން ނުވަތަ ކުޅޭނެ ފިލްމެއް ހޮވުމާއި ނުހޮވުމުގެ އިހުތިޔާތުގެ ތެރެ އަށް އެއްވެސް ގޮތަކަށް މައިންބަފައިންނެއް ނުވަދެ އެވެ.

"މިހާތަނަށް އަހަރެންގެ ކެރިއަރުގައި ނިންމާފައި ހުރި ނިންމުންތައް ނިންމާފައި ހުންނާނީ އަމިއްލަ މިނިވަންކަމާ އެކު. އެއްވެސް ކަމަކަށް އާއިލާގެ ތެރެއިން ވަކި ކަހަލަ ނުފޫޒެއް ނާންނާނެ،" މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ނުލިބި ހުރި ބަތަލާ މިހާރު ކުރިއަށްދާ ލަކްމޭ ފެޝަން ވީކްގެ ހަވާސާގައި ބުންޏެވެ.

އާތިޔާ ބުނިގޮތުގައި އޭނާގެ ކޮއްކޮ އަހާން ޝެޓީ ވެސް ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ އިރު، އޭނާގެ ކެރިއަރު ވެސް ބިނާކުރާނީ އަމިއްލައަށެވެ.

"އަހަންނެކޭ އެއްގޮތަށް އަހާން އަށް ވެސް ބައްޕަ އާއި މަންމަ ވަކި މިވެނި ގޮތަކަށް ކަމެއް ކުރާކަށް ލަފައެއް
ނުދޭނެ. އެއީ އަހަރެމެންގެ އާއިލާތެރޭގައި އޮންނަ ކަމެއް ނޫން،" 2017 ގެ "މުބާރަކަން" ގެ ބަތަލާ ބުންޏެވެ.

އަހާން ބޮލީވުޑަށް ތައާރަފުވާާނީ މިދިޔަ އަހަރު ރިލީޒްކުރި ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ހިންދީ ރިމެކުންނެވެ. ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރާ، އެ ފިލްމު ޑައިރެކްޓްކުރަނީ މިލަން ލުތުރިއާ އެވެ.

ދާދި ފަހުން ސުނިލް ޝެޓީ ވެސް ބުނި ގޮތުގައި ބޮލީވުޑް ކަހަލަ ދާއިރާއަކުން ކުރިއަށް ދެވޭނީ ކޮންމެ މީހަކު ވެސް އެ މީހަކު އަމިއްލަ އަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ. އަދި އޭނާ އެކްޓަރަކަށްވުމަކީ ދަރިންނަށް އޭނާގެ ހިޔާއި ލަފާ މުހިއްމުވާން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށް ބުންޏެވެ.