"ބްލެކް ޕެންތާ 2" 2022 ގައި
"ބްލެކް ޕެންތާ 2" 2022 ގައި

މިދިޔަ އަހަރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" ގެ ދެވަނަ ބައި 2022 ގައި ގެނެސްދޭން ނިންމައިފި އެވެ.

މާވެލް ޑީ23 އިވެންޓްގައި އެ ސްޓޫޑިއޯ އިން ބުނީ ޑިޒްނީއާ ގުޅިގެން ގެނެސްދޭ ފިލްމު ރިލީޒްކުރާނީ މެއި 6، 2022 ގައި ކަމަށެވެ.

"ބްލެކް ޕެންތާ 2" ވެސް ލިޔެ، ޑައިރެކްޓްކުރާނީ ފުރަތަމަ ބައި ގެނެސް ދިން ރަޔަން ކޫލްގާ އެވެ.

އެފްރިކާ ބައްރުގައި އޮންނަ ހިޔާލީ ރަށެއް ކަމަށްވާ ވަކެންޑާގެ ރަސްކަމުގެ ތެރޭގައި ހިނގާ ހާދިސާތަކެއް ކިޔައިދިން "ބްލެކް ޕެންތާ" އަކީ ބޮކްސް އޮފީހުގައި 1.347 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މި ފިލްމު ހަދާފައި ވަނީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

"ބްލެކް ޕެންތާ" ގެ ކާސްޓުންގެ ތެރޭގައި މައިކަލް ބީ ޖޯޑަން، ޝާޑްވިކް ބޯޒްމަން، ލުޕިޓާ ނިއޮންގޯ، ޑާނިއާ ގްރީރާ، ޑެނިއެލް ކަލުޔާ، މާޓިން ފްރީމަން، ލެލިޓިއާ ރައިޓް، އެންޖެލާ ބެޒެޓް، އެންޑީ ސާކިސް އަދި ފޮރެސްޓް ވިޓޭކާ ހިމެނެ އެވެ.

މި އަހަރު ބޭއްވި 91 ވަނަ އޮސްކާ އެވޯޑްގައި "ބްލެކް ޕެންތާ" 7 ކެޓަގަރީއަކުން ނޮމިނޭޓްވެ، ތިން އެވޯޑް ހޯދި އެވެ. އެއީ އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން، އެންމެ މޮޅު އޮރިޖިނަލް ސްކޯ އަދި އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިނެވެ.