13 އަހަރަށް ފަހު އެމެރިކާ ބާސްކެޓްބޯޅަ ޓީމު ބަލިވެއްޖެ!
13 އަހަރަށް ފަހު އެމެރިކާ ބާސްކެޓްބޯޅަ ޓީމު ބަލިވެއްޖެ!

މެލްބަން (އޮގަސްޓް 25) – އެމެރިކާގެ ގައުމީ ބާސްކެޓްބޯޅަ ޓީމު 13 އަހަރަށް ފަހު މެޗަކުން ބަލިވެއްޖެ އެވެ. އެ ޓީމު ބަލިކުރުމުގެ ޝަރަފް ހޯދީ އޮސްޓްރޭލިއާ އިންނެވެ.

ދުނިޔޭގެ ބާސްކެޓްބޯޅައިގެ ރަސްގެފާނުގެ މައްޗަށް، 2006 ގެ ވޯލްޑް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ގްރީސް 101-95 ކުރި ހޯދި ފަހުން މޮޅުވި ފުރަތަމަ ޓީމަކަށް އޮސްޓްރޭލިއާވީ ކުރިއަށް އޮތް ފީބާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މެލްބަންގައި ކުޅެ 98-94 ޕޮއިންޓުން މޮޅުވެގެންނެވެ.

އެކަމަކު މި މެޗުގައި އެމެރިކާގެ އެންބީއޭ ލީގުގެ މަޝްހޫރު ގިނަ ތަރިން ނުކުޅެ އެވެ. އެ ކުޅުންތެރިން ވަނީ ވޯލްޑް ކަޕުގައި ބައިވެރިނުވާން ނިންމައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ 30 ޕޮއިންޓް އެއްކުރި، އޮސްޓްރޭލިއާގެ ގާޑް ޕެޓީ މިލްސް އެވެ. އޭނާ އެންބީއޭގެ ސެން އެންޓޯނިއޯ ސްޕާސްގެ ކުޅުންތެރިޔެކެވެ.

ވޯލްޑް ޗެމްޕިއަންޝިޕުގެ ތިން ވަނަ ހޮވި މެޗުން އާޖެންޓީނާ އަތުން 96-81 ޕޮއިންޓުން މޮޅުވި ފަހުން އެމެރިކާ ވަނީ ބަލިނުވެ 78 މެޗު ފުރިހަމަކޮށްފަ އެވެ. އަނެއްކޮޅުން މި މެޗަކީ 1964 ގެ ފަހުން އެމެރިކާއާ ދެކޮޅަށް އޮސްޓްރޭލިއާ ކުޅުނު 26 މެޗުން ހޯދުނު ފުރަތަމަ މޮޅު ވެސް މެ އެވެ. މެލްބަންގެ ޑޮކްލޭންޑްސް ސްޓޭޑިއަމަށް މި މެޗު ބަލަން 52،079 މީހުން ވަންއިރު މިއީ ބާސްކެޓްބޯޅަ މެޗެއް ބަލަން އެ ސްޓޭޑިއަމަށް އެންމެ ގިނަ ބަޔަކު ވަން ފަހަރެވެ.

އެމެރިކާ އިން ވޯލްޑް ކަޕުގެ ކުރިން މާދަމާ ސިޑްނީގައި ކެނެޑާއާ ދެކޮޅަށް ނުކުންނާނެ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ އެމެރިކާ މި ފަހަރު ހިމެނެނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗައިނާ އާއި ސްޕެއިން އަދި ފްރާންސާ އެއް ގްރޫޕެއްގަ އެވެ. --ބީބީސީ