ފިރިމީހާ މާ ބޮޑަށް ލޯބިވާތީ އަނބިމީހާ ބޭނުމީ ވަރިވާން
ފިރިމީހާ މާ ބޮޑަށް ލޯބިވާތީ އަނބިމީހާ ބޭނުމީ ވަރިވާން

އާންމުކޮށް އަނބިން ފިރިން ގާތުން ވަރިވާން ކޯޓަށް ދަނީ ދެ މީހުންގެ ދޭތެރޭގައި އެކި ކަހަލަ މައްސަލަތައް ޖެހި އެކީގައި ނޫޅޭވޭ ހިސާބަށް ދިއުމުންނެވެ. އެކަމަކު މި ފަހަރު މިއީ މުޅިން އާދަޔާހިލާފު ހާދިސާއެކެވެ.

އަހަރު ދުވަސްވީ ކައިވެނި ރޫޅައިލަން ނިންމައި ދުބާއީގެ އަންހެނަކު ކޯޓަށް ހުށަހެޅީ ފިރިމީހާ އޭނާ ދެކެ މާ ބޮޑަށް ލޯބިވާތީ އެވެ.

ޔޫއޭއީގެ ފުޖެއިރާގެ ޝަރީއާ ކޯޓަށް ވަރީގެ މައްސަލަ ހުށަހެޅި އަންހެން މީހާ ބުނިގޮތުގައި ފިރިމީހާ އޭނާ ދެކެ މާ ބޮޑަށް ލޯބިވުމަކީ އޭނާ އެހާ ގަޔާވާ ކަމެއް ނޫނެވެ. އަދި ފިރިމީހާ "ރޮމޭންޓިކްކަމުން" ދެ މީހުންގެ ދޭތެރޭގައި މައްސަލަ ޖެހޭނެ ކަހަލަ ކަންކަން ވެސް ދިމާވެފައިވާ ކަމަށް ބުންޏެވެ.

"ފިރިމީހާ ރުޅި އަންނާނެ ކަހަލަ ކަމެއް ކޮށްގެން ވެސް އޭނާ އަހަރެން ދެކެ ރުޅި އައިސް ނަފުރަތު ކުރާނެ ކަހަލަ ކަމެއް އަހަންނަށް ކުރެވޭ ކަމަކަށް ނުވޭ. ބަދަލުގައި އަބަދު ވެސް ވަރަށް ލޯބިން މާފުކޮށް ހަދިޔާ ދީފައި އަހަރެން އުފަލުގައި ބަހައްޓަން އޭނަ މަސައްކަތް ކުރަނީ،" އަންހެން މީހާ ބުންޏެވެ. "ދުވަހަކު ފިރިމީހާ އަހަންނާ ހަރުކަށިކޮށް ވާހަކައެއް ވެސް ނުދައްކާ. ދެ މީހުންގެ ދޭތެރޭގައި ދުވަހަކު ޒުވާބެއް ވެސް ނުހިނގާ."

އަންހެން މީހާ ބުނި ގޮތުގައި ފިރީމީހާ އޭނާ ދެކެ ލޯބިވާވަރުން، ގޭތެރެ ސާފުކޮށް ދިނުމާއި އެ ނޫން ވެސް ގިނަ ކަންކަން ވެސް ވަރަށް ބަރާބަރަށް ކޮށްދެ އެވެ.

އަދި އެއް ފަހަރު ފިރިމީހާ ރުޅިއެރުވުމުގެ ބޭނުމުގައި މިހާރު މާ ފަަލައޭ ބުނުމުން އެކަމަށް އޭނާ ހައްލު ހޯދީ ކަސްރަތުކޮށް ހިކިގެންނެވެ. އެކަމުގެ ތެރޭގައި ފިރިހެން މީހާ ފައިގައި ރެނދެއް ވެސް ލި އެވެ.

ވަރިވާން އަންހެނުން ކޯޓަށް ހުށަހެޅި މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި ފިރިހެން މީހާ ބުނީ އޭނާ އަބަދު ވެސް ބަލަނީ ވީހާ ވެސް ފުރިހަމަ އޯގާތެރި ފިރިއަކަށްވެވޭތޯ ކަމަށެވެ. އަދި އެއް އަހަރުގެ ތެރޭގައި ކައިވެންޏެއްގެ ގުޅުން ޖަޖްކުރުމަކީ އިންސާފެއް ނޫން ކަމަށް ބުންޏެވެ.

އެހެންވެ ކޯޓްގައި އޭނާ އެދުނީ އަންހެން މީހާއާ ވާހަކަ ދައްކައިގެން ސުލްހަ ކުރާށެވެ. ކޯޓުން މިހާރު ވަނީ ދެމަފިރިން ވާހަކަ ދައްކައިގެން ގޮތެއް ނިންމަން ފުރުސަތު ވެސް ދީފަ އެވެ.