24 އޯގަސްޓް 2019 - 20:32

މަޝްހޫރު ރީޓައިލް އައުޓްލެޓް، "މިނިސޯ"ގެ ފިހާރައެއް ރާއްޖޭގެ ހުޅުވަން ނިންމައިފި އެވެ.
ހޮންގް ކޮންގުގެ ވިޔަފާރި ނޫހެއް ކަމަށްވާ "އިންސައިޑް ރީޓެއިލް"ގައިވާ ގޮތުން ބޮޑު ޑިސްކައުންޓްތަކާ އެކު ތަކެތި ވިއްކާ މިނިސޯގެ ފިހާރައެއް އިތުރު ހަ ގައުމެއްގައި ހުޅުވާނެ އެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިނގިރޭސިވިލާތާއި ފްރާންސާއި ރީޔޫނިއަން އައިލެންޑާއި އަރޫބާ އާއި ކިއުރަސޯއާގައި ވެސް މިނިސޯގެ ފިހާރައެއް ހުޅުވުމަށް ވަނީ ނިންމާފަ އެވެ.
މިނިސޯގެ ފިހާރަތައް މިހާރު ވެސް 90 ގައުމެއްގައި ހުރެ އެވެ. އެ ކުންފުނީގެ އަމާޒަކީ 2022 ވަނަ އަހަރު އަންނަންވާ އިރަށް 100 ގައުމެއްގައި 10،000 އައުޓްލެޓް ހުޅުވުމާ އެކު ކުންފުނީގެ އާމްދަނީ 100 ބިލިއަން ޑޮލަރަށް އެރުވުމެވެ.
ޗައިނާގެ ކުންފުނި، މިނިސޯގެ ފިހާރަތައް ޔޫރަފްގެ ގައުމުތަކުގައި މިދިޔަ އަހަރުން ފެށިގެން އަންނަނީ ހުޅުވަމުންނެވެ. އެގޮތުން ސްޕެއިންނާއި ޖަޕާނާއި އަޔާލެންޑްގައި ވެސް ވަނީ ފިހާރަ ހުޅުވާފަ އެވެ. މިނިސޯގެ ފިހާރަތަކުން ކާ ތަކެއްޗާއި ބަދިގެ ސާމާނާއި ކުޑަކުދިންގެ ކުޅޭ ސާމާނާއި ސެންޓާއި މޭކަޕް ސާމާނު ވެސް ލިބޭނެ އެވެ.
މިނިސޯގެ ފިހާރަތައް 2011 ވަނަ އަހަރު ހުޅުވި އިރު އެ ކުންފުނި އަންނަނީ ވަރަށް ބާރު ސްޕީޑުގައި ކުރިއަރަމުންނެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 2.5 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވެ އެވެ.