27 ސެޕްޓެމްބަރ 2016 - 11:40
އެމެރިކާގެ މަޝްހޫރު ހެވީ މެޓަލް ބޭންޑް މެޓަލިކާ އިން ނެރެން ތައްޔާރުވަމުން އަންނަ އާ އަލްބަމް "ހާޑްވަޔާޑް ... ޓު ސެލްފް-ޑިސްޓްރަކްޓް" ގައި ހިމެނޭ "މޮތު އިންޓު ފްލޭމް" ލަވައިގެ ވީޑިއޯ އެ ބޭންޑުގެ ވެބްސައިޓުގައި އާންމުކޮށްފި އެވެ.
ވަޔާ ހޫރެމުންދާ ބޮކިތަކެއް އެލުވާފައިވާ، ފަނޑު އައްޔެއް ހުރި ކޮޓަރިއެއްގެ ތެރޭގައި ނަގާފައިވާ ވީޑިއޯ ލަވަ ވެފައި ވަނީ މެޓަލިކާގެ ފޭނުންނަށް ލިބުނު އަގުބޮޑު ހަދިޔާއަކަށެވެ.
ލަވަޔާއި އަލްބަމާ ބެހޭ ގޮތުން، ބޭންޑުގެ ޑްރަމާ ލާސް، ރޯލިން ސްޓޯން އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އަލްބަމްގެ ހުރިހާ ލަވައެއް ވެސް ހުންނާނީ ވަރަށް ސާދާކޮށް ކަމަށެވެ. އޭނާ ބުނެފައި ވަނީ ލަވަތަކުގައި އެއް ތަންކޮޅެއް ތަކުރާރުކޮށް ކިޔުމުގެ ބަދަލުގައި މިފަހަރު ތަފާތުވާނެ ކަމަށެވެ. އެންމެ ފަހުގެ އަލްބަމާ އަޅާބަލާއިރު ލަވަތަށް މާބޮޑަށް ވެސް ތަފާތުވާނެ ކަމަށް ލާސް ބުންޏެވެ.
ހާޑްވަޔާޑް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. މިއީ މިދިޔަ އަށް އަހަރު ތެރޭގައި މެޓަލިކާ އިން ނެރޭ ފުރަތަމަ އަލްބަމެވެ. އުމުރުން 35 އަހަރު ވެފައިވާ ބޭންޑުން އެންމެ ފަހުން ނެރުނީ "ޑެތު މެގްނެޓިކް" އެވެ. އެއީ 2008 ވަނަ އަހަރު އެވެ. މި ބޭންޑުގެ ދެ އަލްބަމް ދޭތެރޭ މިހާ ދިގު މުއްދަތެއް މީގެ ކުރިން ހޭދަވެފައެއް ނުވެ އެވެ.