ދަށު ކޯޓުން ޖޭއެސްސީ އަށް ފަނޑިޔާރު އަލީ ޝަރީފް އިންތިޚާބުކޮށްފި
ދަށު ކޯޓުން ޖޭއެސްސީ އަށް ފަނޑިޔާރު އަލީ ޝަރީފް އިންތިޚާބުކޮށްފި

ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތަމްސީލުކުރައްވާ ފަނޑިޔާރަކަށް، ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު މިއަދު އިންތިޚާބުކޮށްފި އެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި މިހާރު ހުންނެވި ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު ހަމަވާތީ ބޭއްވި އިންތިޚާބުގައި ތިން ބޭފުޅަކު ވާދަކުރެއްވި އެވެ. އެއީ ޝަރީފްގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާއި ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ.

ޝަރީފަށް 127 ވޯޓު ލިބިވަޑައިގެންނެވިއިރު ހައިލަމަށް ލިބިވަޑައިގަތީ 37 ވޯޓެވެ. އަބްދުއްރައްޒާގަށް ލިބިވަޑައިގެންނެވީ އެންމެ ވޯޓެކެވެ.

އެ އިންތިޚާބުގެ ވޯޓު ފޮށިތައް ކޮންމެ ޖުޑީޝަލް ދާއިރާއެއްގެ އެއް ރަށެއްގައި ބަހައްޓާފައިވެ އެވެ. އެގޮތުން 21 ވޯޓު ފޮށި ބެހެއްޓިއިރު ދަށު ކޯޓު ފަނޑިޔާރުންގެ ތެރެއިންގެ 93 ޕަސެންޓް ފަނޑިޔާރުން ވޯޓުލާފައި ވެ އެވެ.

ޖޭއެސްސީ އަށް ދަށު ކޯޓުތަކުން މެމްބަރަކު އިންތިޚާބު ކުރާއިރު، ވަކީލުންގެ ތެރެއިން ވެސް ދާދި ފަހުން ވަނީ ޖޭއެސްސީ އަށް މެމްބަރަކު އިންތިޚާބުކޮށްފަ އެވެ. އަދި އާންމުންގެ ތެރެއިން ހުންނަވާ މެމްބަރުގެ ދައުރު މި އަހަރު ހަމަވާތީ އެ މަގާމަށް އާ ބޭފުޅަކު އިންތިޚާބު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އަންނަނީ ކުރަމުންނެވެ.