ކަސްރަތަށް ހާއްސަ، ހިތްގައިމު ސްމާޓް ގަޑިތަކެއް
ކަސްރަތަށް ހާއްސަ، ހިތްގައިމު ސްމާޓް ގަޑިތަކެއް

ގޫގުލް "ވެއާ އޯއެސް" ސްމާޓްގަޑިތަކާ މެދު ބަޔަކު ސުވާލު އުފައްދަފާނެ އެވެ. ގަޑިތަކުގެ ބާރުވެރިކަމަށް ފާޑުކިޔައި، އެއީ ބަލި ކަށި ޑިވައިސްތަކެއް ކަމަށް ވެސް ބުނެފާނެ އެވެ. ނަމަވެސް، އެ ފަދަ ބުނުންތައް ހަގީގަތާ ޚިލާފުކަން "މޮބްވޮއި" މި އޮތީ ދައްކައިދީފަ އެވެ. މިއީ "މޮބްވޮއި އިންފޮމޭޝަން ޓެކްނޮލޮޖީ ކޮމްޕެނީ"ގެ "ޓިކްވޮޗް އެސް2" އަދި "ޓިކްވޮޗް އީ2" ސްމާޓްގަޑިތަކުގެ ވާހަކަ އެވެ.

މޮބްވޮއީ ބުނެދޭ ގޮތުގައި ސްމާޓްގަޑިއެއް ނަމަވެސް، އަތުޖެހޭ ވަރު ވާން ޖެހޭނެ އެވެ. އެއީ ޖީބަށް ލުއި، ބަލައިލަން ރީތި އަދި ސްމާޓްގަޑިއަކުން ފުދޭ ޒަރޫރަތްތައް ހުރި އާލާތަކަށް ވާން ޖެހޭނެ އެވެ. ޓިކްވޮޗް އެސް2 އަދި އީ2 އުފެއްދުމުގައި މޮބްވޮއީ ބަލާފައި ވަނީ އެފަދަ ހުރިހާ ހާޖަތަކަށް ފުދޭ އާލާތަކަށް ހެދުމަށެވެ.

ޓިކްވޮޗް އެސް2 ގައި ހުރި ގާބިލުކަމަށް ބަލަމާ ހިނގާށެވެ. ގަޑީގައި ވަނީ ބާރުގަދަ ކުންފުނިތަކުން އުފައްދާ ސްމާޓްގަޑިތަކަށް ދޫނުކުރާ ފެންވަރުގެ "އޯލެޑް" ޑިސްޕްލޭއެކެވެ. ސްކްރީން ސައިޒަކީ 1.39 އިންޗި އެވެ. މިއީ ސްމާޓްގަޑިއަކަށް ފުދޭ ސްކްރީނެކެވެ. މި ގަޑި ހިންގަން ބޭނުންކޮށްފައި ވަނީ މަޝްހޫރު "ސްނެޕްޑްރޭގަން 2100 ސީޕީޔޫ" އެކެވެ. ބެޓެރީގައި 415އެމްއޭއެޗް އެވެ. މެމޮރީ 512އެމްބީ އެވެ. "އިންޓާނަލް ސްޓޯރޭޖް 4ޖީބީ" އެވެ. ސްމާޓްގަޑިތަކަށް ލޯބިކުރާ މީހުންގެ ސަމާލުކަން މި ގަޑި އަތުލައިގަންނަ އަނެއް ސަބަބަކީ، މިއީ ޔޫއެސް މިލިޓަރީ 810ޖީ މިންގަޑަށް ދަރަޖަކޮށްފައި ވާ ގަޑިއަކަށް ވުމެވެ. ދެ ދުވަސް ވަންދެން ބެޓެރީ ޗާޖު ދެމެހެއްޓުމަކީ ވެސް ހަނދާނުގައި ބަހައްޓަން ރަނގަޅު ނުކުތާއެކެވެ.

މޮބްވޮއީ ޓިކްވޮޗް އީ2 ވެސް އަދި އެބަ އޮތެވެ. "އޯލެޑް ސްކްރީނެކެވެ. ސްކްރީން ސައިޒަކީ 1.39 އިންޗި އެވެ. ސީޕީޔޫ، ބެޓެރީ އަދި މިލިޓަރީ ގްރޭޑް ވެސް މި ދެ ގަޑި އެއް ހަމަ އެވެ.

މި ދެ ގަޑީގައި ދެން ހުރި ފީޗާތަކަށް ބަލާއިރު، ކަޝްރަތުކުރުން، ފެތުން އަދި ދުވުން ފަދަ އަމަލީ ފިޓްނެސް ހަރަކާތްތަކަށް މިއީ ބަރާބަރު އުފެއްދުމެކެވެ. ފެނެއް ނުވަދެ އެވެ. ޖީޕީއެސްގެ އެހީގައި، ވާދަވެރި ގަޑިތަކުން ކުރެވޭ ހުރިހާ ކަމެއްހެން، މި ގަޑިތަކުން ފުދެ އެވެ.