24 އޯގަސްޓް 2019 - 12:56

ކޯޓުތަކުން ބޭރުގައި މައްސަލަ ހައްލުކުރާ ނިޒާމު ކަމަށް ވާ އަލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން (އޭޑީއާރް) ގެ މުހިންމުކަން ރާއްޖެއަށް ވެސް މިހާރު ބޮޑު ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް އެކްސްޗޭންޖް އޮން އަލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ނަމުގައި ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކުރިއަށް ގެންދާ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އޭޑީއާރްގެ ނިޒާމުން، ކޯޓުތަކާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ވެސް ގިނަ ފައިދާތަކެއް ކުރާ ކަމަށެވެ.
އެ ނިޒާމްގެ ދަށުން ކޯޓުތަކަށް ވުރެ އަވަހަށް މައްސަލަތައް ނިމުމާއި އަދި ގާނޫނީ ޚަރަދަށް ދައްކަން ޖެހޭ ބޮޑެތި އަދަދުތައް ކުޑަވުމާއި މައްސަލަތައް ބެލުމުގައި ދެ ފަރާތުން ބޭނުންވާ މިންވަރަށް ސިއްރުވެރިކަން ހިފެހެއްޓޭ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ގުޅުން ހީނަރުވެގެން ނުދިއުމާއި މައްސަލައާ ގުޅުން ހުރި ކަމާ ބެހޭ ދާއިރާތަކުގެ މާހިރުން ބޭނުން ކޮށްގެން މައްސަލަތައް ހައްލު ކުރުމުގެ ފުރުސަތު ވެސް އޮންނަ ކަމަށް ވިދާޅުވި އެވެ.
"އޭޑީއާރްއަކީ ލިޓިގޭޝަން މަރުހަލާއަށް ވުރެ މައްސަލަތައް ހައްލުކުރުމުގައި މާ ބޮޑަށް ވެސް ފައިދާ ހުރި ނިޒާމެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއަރައި، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ އަންނަމުން ދާއިރު ވިޔަފާރިއާ ގުޅުން ހުރި ބޮޑެތި މައްސަލަތައް ކޯޓުތަކަށް ހުށަހެޅޭ މިންވަރު ވެސް އިތުރުވާ ކަމަށެވެ. އަދި އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން އުފެދުނު އާބިޓްރޭޝަން ސެންޓަރުން ވިޔަފާރީގެ ދާއިރާއަށް އިސްކަން ދީގެން ރާއްޖޭގެ ގާނޫނީ ނިޒާމަށް ކުރިއެރުންތައް ގެންނާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އާބިޓްރޭޝަންގެ ގާނޫނު 2013 ގައި ވުޖޫދަށް އައުމާ އެކު އާބިޓްރޭޝަން ސެންޓަރު އުފެދުމަށް ފަހު އެ ސެންޓަރުގެ މަަސައްކަތް ފެށެން ހަ އަހަރު ދުވަސް ހޭދަވިޔަސް، ދާދި ފަހުން އެ ސެންޓަރުގެ ބޯޑު އަލުން އެކުލަވާލައި، އައްޔަންކުރި ބޭފުޅުންނަކީ އެ މަގާމަށް އެންމެ ގާބިލް އަދި އިތުބާރު ކުރެވޭ ބޭފުޅުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ޖުޑިޝަރީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އެ ސެންޓަރަށް ލިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އާބިޓްރޭޝަނަކީ ވެސް އޭޑީއާރް ނިޒާމުގެ ބައެއް ކަން ފާހަގަކުރައްވައި ވިދާޅުވީ އާބިޓްރޭޝަންގެ އިތުރުން އޭޑީއާރްގެ އެހެން ނިޒާމުތައް ވެސް ރާއްޖޭގައި ކުރިއަރުވަން މަސައްކަތް ކުރަން އާބިޓްރޭޝަން ސެންޓަރުން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އެހީގައި ރާއްޖޭގެ އާބިޓްރޭޝަންގެ ސެންޓަރާއި ސިލޯން ޗެމްބާ އޮފް ކޮމާސް އާއި އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާޝަލް ލޯ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ބާއްވާ އެ ކޮންފަރެންސްގައި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސިވިލް ކޯޓުގެ 15 ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވަ އެވެ.