24 އޯގަސްޓް 2019 - 12:47

ސައޮޕޯލޯ (އޮގަސްޓް 24) - ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި، އެމެޒަންގައި ރޯވެ އަނދަމުންދާ ބޮޑު އަލިފާންގަނޑު ނިއްވާލުމަށް ބްރެޒިލް ސިފައިން ނެރުމަށް އެ ގައުމުގެ ރައީސް ޖައިރް ބޮލްސޮނަރޯ އަމުރު ކުރައްވައިފި އެވެ.

ބްރެޒިލް ސަރުކާރުން މި ގޮތަށް ނިންމާފައި ވަނީ ޔޫރަޕުގެ ގައުމުތަކުން ވަރަށް ބޮޑަށް ޕްރެޝަރު ކުރުމުންނެވެ. ފްރާންސާއި އަޔަލެންޑުން ބުނެފައި ވަނީ އެމެޒަންގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް ބްރެޒިލުން އެކަށީގެންވާ މަސައްކަތް ނުކުރާ ނަމަ ދެކުނު އެމެރިކާގެ ގައުމުތަކާ އެކު ގާއިމްކުރާ ވިޔަފާރީގެ ބޮޑު މުއާހަދާ ތަސްދީގު ނުކުރާނެ ކަމަށެވެ. ފިންލެންޑުގެ ފިނޭން މިނިސްޓަރު ވަނީ ބްރެޒިލްގެ ގެރިމަސް އިމްޕޯޓް ކުރުން ހުއްޓުވުމަށް ގޮވާލައްވައިފަ އެވެ.
ބްރެޒިލްގެ ރައީސް ވިދާޅުވީ ޖަންގަލިތަކުގައި އަލިފާން ރޯވުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހިނގާ ކަމެއް ކަމަށާއި އެމެޒަންގައި ރޯވުމުން ބްރެޒިލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށެވެ.
"ސިފައިންގެ ތެރޭގައި އުޅުނު މީހަކަށް ވާތީ އަޅުގަނޑަށް ވަނީ އެމެޒަން ދެކެ ލޯބިވާން ދަސްވެފައި. އެ ތަން ހިމާޔަތްކުރަން އެހީވާން އަޅުގަނޑު ބޭނުން،" ގައުމާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން ބޮލްސޮނަރޯ ވިދާޅުވި އެވެ.
ބްރެޒިލްގެ ސަރުކާރުން ބުނާ ގޮތުގައި އެއީ ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކުން، ބްރެޒިލް ސަރުކާރު ގޯސްކުރަންވެގެން ރޯކުރި ރޯކުރުމެއް ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ހެއްކެއް ބްރިޒިލްއަކަށް ނުދެއްކެ އެވެ.
ބްރެޒިލްގެ ސަރުކާރުން ބުނީ އެއީ ދަނޑުވެރިން ދަނޑުތައް ސާފުކުރަން އަންދާ އެންދުންތަކެއް ކަމަށެވެ. ނަމަވެސް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން ބުނާ ގޮތުގައި އެއީ އާންމުކޮށް ދަނޑުވެރިން ރޯކުރާ ރޯކުރުމަށް ވުރެ މާ ގިނަ މިންވަރެކެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ގަބޫލުކުރަނީ އެއީ ގަވާއިދާ ހިލާފަށް ގަސްކޮށާ މީހުންގެ އަމަލެއް ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ރެއިންފޮރެސްޓް އެމެޒަން އަކީ ކާބަން ރައްކާކުރާ މުހިންމު ތަނެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ މޫސުމަށް ބަދަލު އައުން ލަސްކޮށްދެ އެވެ. އަދި އެއީ ތިން މިލިއަން ޖަނަވާރާއި ގަސްގަހާގެހީގެ ސްޕެޝީޒް ހިމެނޭ ތަނެކެވެ. އެމެޒަން ރެއިންފޮރެސްޓް ގާތްގަނޑަކަށް 5.5 މިލިއަން އަކަ ކިލޯމީޓަރު (2،100،000 އަކަ މޭލު) ގެ ސަރަހައްދެއް ކަވަރު ކުރެ އެވެ. އެއީ ޔޫރަޕުގެ ދެބައިކުޅަ އެއްބައިވަރުގެ ސަރަހައްދެކެވެ.
ދުނިޔޭގެ އޮކްސިޖަންގެ 20 ޕަސެންޓް އުފެދިގެން އަންނަނީ އެމެޒަން ޖަންގަލީގެ ތެރެއިންނެވެ. އަދި ދުނިޔެ ހޫނުވުމުގެ މައިގަނޑު އެއް ސަބަބު ކަމަށްވާ ކާބަން ޑިއޮކްސައިޑް ޖައްވަށް ބޭރުވިޔަ ނުދީ ހިފަހައްޓައިދޭ ގުދުރަތީ އެންމެ ބޮޑު ދަލަކީ ވެސް އެ ޖަންގައްޔެވެ.
ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ބްރެޒިލްގެ ޖަންގަލިތަކުގައި މި އަހަރު ހިނގާ އަލިފާނުގެ ހާދިސާތައް ވަނީ ކުރީ އަހަރުތަކަށް ވުރެ 85 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އޭގެ ތެރެއިން ގިނަ އެނދުންތައް ނިސްބަތްވަނީ އެމެޒަން ޖަންގަލީގެ ސަރަހައްދުތަކަށެވެ. މި އަހަރުގެ މިހާތަނަށް ބްރެޒިލްގައި 75،000 އަލިފާނުގެ ހާދިސާ ހިނގައިފައިވެ އެވެ. މިދިޔަ އަހަރު ހިނގާފައި ވަނީ 40،000 އަލިފާނުގެ ހާދިސާ އެވެ.