24 އޯގަސްޓް 2019 - 11:41

އައްޑޫ ތަރައްގީކުރަންވީ ބައިނަލްއަގްވާމީ ޓްރާންސްޕޯޓް ހަބެއްގެ ގޮތުގައި ކަމަށާއި އެތަނުގެ ތަރައްގީ އަށް ބޮޑެތި ޕްރޮޖެކްޓްތަކަށް ވިސްނަވަމުން ގެންދަވާ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ، އައްޑޫ ހިތަދު އަށް އުފަން އުގެއިލްގެ އިއްޔެ އާއި މިއަދު ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓްތަކެއްގައި ވިދާޅުވީ އައްޑޫ ކުރިއަރުވަން ބޭނުން ނަމަ އެކަމަށް ބޭނުން ވަނީ އެކި ކަހަލަ ތަފާތު ބޮޑެތި ޕްރޮޖެކްޓްތަކެއް ކަމަށެވެ.
"އެކަމާ އަޅުގަނޑު ވަރަށް އެބަ ވިސްނަން،" އޭނާ ވިދާޅުވި އެވެ.
އުގައިލް މިއަދު ވިދާޅުވީ އައްޑޫ ބައިނަލްއަގްވާމީ ޓްރާންސްޕޯޓް ހަބެއްގެ ގޮތުގައި ތަރައްގީކުރަން ޖެހޭ ސަބަބަކީ ގިނަ އަހަރުތަކަކަށް އިނގިރޭސީން ވެސް އައްޑޫގެ ބޭނުން ހިފީ އެގޮތަށް ކަމަށްވާތީ އެވެ.
"ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސީން ވެސް އައްޑޫގެ ބޭނުން ހިފީ އެގޮތަށް،" އޭނާ ވިދާޅުވި އެވެ. "އައްޑު އަށް މިހާތަނަށް މުހިއްމު ކުރިއެރުމެއް އައިސްފައި އޮތިއްޔާ އެއީ އިނގިރޭސީންގެ ސަބަބުން އައިސްފައި އޮތް އެއްޗެއް."
އިނގިރޭސީން 1976 ގައި އައްޑޫން ފައިބައިގެން ދިޔަ އިރު، އައްޑޫގެ އަދި މުޅި ރާއްޖޭގެ ދަތުރުފަތުރަށް ވެސް ބޮޑު އިންގިލާބެއް ގެނެސް ދީފައި އޮތެވެ. އެގޮތުން ރާއްޖޭގައި ބިނާކުރި ފުރަތަމަ އެއާޕޯޓަކީ ގަމުގައި އިނގިރޭސިން ތަރައްގީ ކުރި އެއާޕޯޓެވެ. މީގެ އިތުރުން ކޯޒްވޭތަކުން އައްޑޫގެ ގިނަ ރަށްތައް ގުޅާލީ ވެސް އިނގިރޭސީންނެވެ.
އައްޑޫގެ ރައްޔިތުންނަށް މިހާރު ލިބޭ ދަތުރުފަތުގެ ފަސޭހައަކީ އެ މަސައްކަތުގެ ސަބަބުން އައިސްފައި އޮތް ފަސޭހަތަކެއްކަން ގިނަ ބަޔަކު ގަބޫލު ވެސް ކުރެ އެވެ.
އައްޑޫ ތަރައްގީކުރުމުގެ ވާހަކަތަކެއް އުގައިލް ފޭސްބުކްގައި ހިއްސާ ކުރައްވަމުން ގެންދެވި ނަމަވެސް އެކަމާ ގުޅޭ ގޮތުން އެހާ ތަފުސީލީ ވާހަކަތަކެއް ނުދައްކަވަ އެވެ.
މިހާރުގެ ސަރުކާރުން ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީކުރުމުގެ ޕްލޭންތަކެއް ރާވަމުން އަންނަ އިރު، ހިތަދުއަކީ އޭގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.