އާސެނަލްގެ ފުރަތަމަ ޓެސްޓް މިރޭ ލިވަޕޫލާ ދެކޮޅަށް
އާސެނަލްގެ ފުރަތަމަ ޓެސްޓް މިރޭ ލިވަޕޫލާ ދެކޮޅަށް

ލިވަޕޫލް (އޮގަސްޓް 24) – އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޔޫރަޕުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް އާސެނަލުން ނުކުންނައިރު މިއީ އެ ޓީމުގެ ހަގީގީ ފެންވަރު ވަޒަންކޮށްލަން ލިބޭނެ ފުރުސަތެކެވެ.

އާސެނަލުގެ ސަޕޯޓަރުން މިދިޔަ ސީޒަން ނިންމާލީ ހިތްދަތިކޮށެވެ. ޖެހިޖެހިގެން ތިން ވަނަ ސީޒަނެއްގައި ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމާއި ޓްރާންސްފާ ބާޒާރުގައި މާބޮޑު ހަރަދެއް ނުކުރާނެ ކަމުގެ އިޝާރާތެއް ކްލަބުން ދިނުމުންވެ. އެކަމަކު ބާޒާރުގައި ހުނަރުވެރި ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކުރިއިރު، އާ ސީޒަނުގެ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އެއީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން އަދި އަމިއްލަ ދަނޑުގައި ބާންލީ އަތުން 2-1 އިންނެވެ.

އެކަމަކު މިރޭގެ މެޗަކީ އެ ޓީމުގެ ހަގީގީ އިމްތިހާނެވެ. މިދިޔަ ސީޒަނުގެ ޔޫރަޕުގެ ޗެމްޕިއަން، ޕްރިމިއާ ލީގުގެ ރަނަރަޕް އަދި ދާދި ފަހުން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރި ލިވަޕޫލް ހުރިހާ ގޮތަކުން ވެސް އާސެނަލަށް ވުރެ ވަރުގަދަ އެވެ. ލިވަޕޫލުގެ ދަނޑަށް އާސެނަލް އެންމެ ފަހުން ޒިޔާރަތްކުރި ދެ ފަހަރު ވެސް، 4-0 އިން އަދި 5-1 އިން ބަލިވީ އެވެ.

"ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު އެއީ ކުރިމަތިވާނެ ޗެލެންޖެއް އަހަރެމެންގެ ފެންވަރު ދައްކާލަން. އެއީ ހަގީގީ ޗެލެންޖެއް. މިއީ ވަރަށް ރަނގަޅު ޓެސްޓެއް ވެސް މެ. އަހަރެމެންގެ ޓާގެޓަކީ ލިވަޕޫލާއި މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް އަދި ޗެލްސީއާ އޮތް ދުރުމިން ނައްތާލުން،" އާސެނަލްގެ ކޯޗު އުނައި އެމެރީ ބުންޏެވެ.

ރެކޯޑް އަގެއްގައި ގަތް އައިވަރީ ކޯސްޓް ވިންގާ ނިކޮލަސް ޕެޕޭ އާއި ރެއާލް މެޑްރިޑުން ލޯން އުސޫލުން ގެނައި މިޑްފީލްޑަރު ޑެނީ ސަބެޔޯސް އަދި ޕްރިމިއާ ލީގުގެ ތަޖުރިބާކާރު ޑިފެންޑަރު ޑަވިޑް ލުއިޒް އާ އެކު އާސެނަލް ވަރުގަދަ އެވެ. މީގެ އިތުރުން ވާތު ބެކް ކިއެރަން ޓިއެނީ އަދި ހެކްޓާ ބެލެރިން އާއި ރޮބް ހޯލްޑިން އަނިޔާ އިން އައުމާ އެކު އިތުރަށް ވަރުގަދަވާނެ އެވެ. އެކަމަކު ވެސް ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލާއި ސިޓީއާ ވާދަކުރުމުގެ ފުރުސަތު އާސެނަލަށް ހަންޏެވެ. އެ ޓީމުން ބޮޑަށް މަސައްކަތްކުރާނެ ކަމަށް ބެލެވެނީ ގަދަ ހަތަރަކަށް ވަނުމަށެވެ.

އެހެންވިޔަސް މިރޭ ލިވަޕޫލަށް ވަރުގަދަ ޗެލެންޖެއް ދޭން އެމެރީ އަންނަނީ ރާވަމުންނެވެ. އެއީ އެފްރިކާ ކަޕަށް ފަހު އަރާމުކުރަން ވަގުތުދޭން ވެގެން ފުރަތަމަ ދެ މެޗު ބެންޗުން ފެށި ޕެޕޭ މިރޭ ފުރަތަމަ އެގާރައިގައި ހިމެނުމެވެ. އޭނާއާ އެކު ޕިއެރޭ-އެމެރިކް އޯބަޔަމަން އަދި އެލެކްޒެންޑާ ލަކަޒޭ ކުޅުވުމުން އެޓޭކް ނުރައްކާތެރިވާނެ އެވެ. ބޭނުމަކީ މިވަގުތު ލިވަޕޫލުގެ ޑިފެންސް ކޮންމެވެސް ވަރަކަށް ބަލިކަށިވެފައިވާތީ އޭގެ ފައިދާ ނެގުމެވެ.

ލިވަޕޫލް މި ސީޒަނުގައި ކުޅުނު ހަތަރު މެޗުގައި ވެސް ބައިކޮޅަށް ގޯލެއް ވައްދާނުލާ ނިންމާލެވިފައެއް ނުވެ އެވެ. ޑިފެންސުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ގޯލްކީޕަރު އެލިސަން ބެކާ އަށް އަނިޔާގައި ހުރުމާ ވެސް އެކު އެވެ. އެންމެ ފަހުން ކުޅުނު ޗެލްސީ މެޗުގައި އެ ޓީމު ކޮޅަށް 20 ހަމަލާ އަމާޒުވި އެވެ. އެއީ މިދިޔަ ސީޒަނުގެ އެއްވެސް މެޗަކަށް ވުރެ ގިނަ އަދަދެކެވެ. އޭގެ ފައިދާ ނަގަން އެމެރީ މިރޭ މަސައްކަތްކުރާނެ އެވެ.

ނޯވިޗް ސިޓީ – ޗެލްސީ: 16:30

ބްރައިޓަން – ސައުތުހެމްޓަން: 19:00

މެންޗެސްޓާ ޔުނައިޓެޑް – ކްރިސްޓަލް ޕެލަސް: 19:00

ޝެފީލްޑް ޔުނައިޓެޑް – ލެސްޓާ ސިޓީ: 19:00

ވަޓްފޯޑް – ވެސްޓް ހޭމް ޔުނައިޓެޑް: 19:00

ލިވަޕޫލް – އާސެނަލް: 21:30