25 އޯގަސްޓް 2019 - 08:06

އެއްސެލް ވިޝަންއާ ގުޅިގެން އެކްޓަރު ޕްރަކާޝް ރާޖް ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ތަޅުކާ" ގެ ކާސްޓުންނާއި ކްރޫންނަށް ފައިސާ ނުދިން މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
ރިލީޒް ވެސް ނުކުރެވި ދިގުލައިގެން ގޮސްފައި އޮތް ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލީ ފަޒަލް، ނާނާ ޕަޓޭކަރް އަދި ތާޕްސީ ޕައްނޫ ހިމެނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ތަޅުކާ" ގެ ޑިސްޓްރިބިއުޝަނާ އެއްވެސް ބަޔަކު ހަވާލުނުވުމުން އެ ފިލްމު ތިއޭޓަރުގައި ރިލީޒް ނުކޮށް، ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ ޑިޖިޓަލް ޕްލެޓްފޯމަކުންނެވެ.
ތަރިންނަށް ދޭންޖެހޭ ފައިސާ ނުދީ އޮތް މައްސަލަ އެއްސެލް އިން ކޯޓަށް ހުށަހެޅި އިރު، އަލީ ވަނީ އެ ވާހަކަ މި މަހުގެ ކުރީކޮޅު ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ ޕްރަކާޝް ކާސްޓުންނަށް ދޭންޖެހޭ 5.88 ކްރޯޑް ރުޕީސް (818,995.80 ޑޮލަރު) މިދިޔަ ޖުލައި މަހުގެ 15 ގެ ކުރިން ދައްކައި ނިންމާނެ ކަމަށް ބުނުމަށް ފަހު، އޭނާ ދިން 2 ކްރޯޑް ރުޕީސްގެ ޗެކެއް ބައުންސްވުމުންނެވެ. އަދި މި ދަރަންޏާ ގުޅިގެން، ޕްރަކާޝްގެ މިލްކިއްޔާތުގައި ހުރި ދެ އިމާރާތެއް ރަހުނު ވެސްކޮށްފައިވެ އެވެ.
ދަރަނީގެ މައްސަލާގައި ހުކުރު ދުވަހު ބޭއްވި އަޑު އެހުމުގައި ޕްރަކާޝް ވަނީ އެއްސެލް އަށް އަލުން ދެ ކްރޯޑް ރުޕީސް ޗެކެއް ގެ ދޭން އެއްބަސްވެފަ އެވެ. އެހެންވެ މި މައްސަލަ ބަލާ ގާޒީ ކޭއާރް ސްރީރާމް މިހާރު ވަނީ ބާކީ ހުރި ފައިސާ އަންނަ ފެބްރުއަރީ ނިމުމުގެ ކުރިން ދައްކައި ހަލާސް ކުރަން ޖެހޭނެ ކަމަށް ކަނޑައަޅައި، މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 30 އަށް ވެސް ތާވަލުކޮށްފަ އެވެ.
ބޮލީވުޑާއި ސައުތުގެ ފިލްމުތައް ވެސް ކުޅޭ ޕްރަކާޝް، 53، އަކީ މި އަހަރު ބޭއްވި އިންޑިއާގެ އާންމު އިންތިހާބުގައި އަމިއްލަ ގޮތުން ބެންގަލޫރުގެ ދާއިރާއަކަށް ކުރިމަތިލައި ނާކާމިޔާބު ވެސް ފަންނާނެކެވެ.