24 އޯގަސްޓް 2019 - 10:07

ރިލޭ އުސޫލުން ބާއްވާ ދިގު ރާސްތާ ދުވުމުގެ ރޭހެއް ކަމަށްވާ މޯލްޑިވްސް އެކިޑެންގެ މި އަހަރުގެ އިވެންޓުގެ ފުލް މެރެތަން ކެޓަގަރީގެ އެއް ވަނަ ސްނެއިލް ބައި އައި ރަނާސް އަދި ހާފް މެރެތަން ކެޓަގަރީން އެއް ވަނަ ކޭއެޗް އެކަޑަމީން ހޯދައިފި އެވެ.

އެކިޑެންގެ ފުލް މެރެތަންގައި ވާދަކުރާ ކޮންމެ ޓީމެއްގައި އަށް ދުވުންތެރިން ހިމެނޭއިރު ފުރަތަމަ ދުވުންތެރިޔާ ދުވަން ޖެހޭނީ 4.68 ކިލޯމީޓަރަށެވެ. އަނެއް ހަތް ދުވުންތެރިން ދުވާނީ، ކޮންމެ ދުވުންތެރިޔަކު 5.37 ކިލޯމީޓަރަށެވެ. އޭރުން ޖުމްލަ 42.27 (ފުލް މެރެތަން) ފުރިހަމަކުރެވޭނެ އެވެ. އަދި ހާފް މެރެތަންގެ ކޮންމެ ޓީމެއްގައި ފަސް ދުވުންތެރިން ހިމެނޭއިރު ހަތަރު ދުވުންތެރިން ދުވަން ޖެހޭނީ 4.2 ކިލޯމީޓަރަށެވެ. އަދި އެއް ދުވުންތެރިޔަކު 4.3 ކިލޯމީޓަރު ދުވަން ޖެހޭނެ އެވެ. އޭރުން މުޅި ޓީމަށް ޖުމްލަ 21.1 ކިލޯމީޓަރު (ހާފް މެރެތަން) ފުރިހަމަކުރެވޭނެ އެވެ.
ހުޅުމާލޭގައި އިއްޔެ ބޭއްވި ތިން ވަނަ އެކިޑެންގެ މައި އިވެންޓް ކަމަށްވާ ފުލް މެރެތަންގެ އެއް ވަނަ އައިރަނާސް ހޯދީ 3 ގަޑި 12:10 މިނެޓުން ރޭސް ނިންމައިގެންނެވެ. ފާސްޓާ ދެން އިންޓަނެޓް ޓީމުން ދެ ވަނަ ހޯދީ 3 ގަޑި 36:40 މިނެޓުން ރޭސް ނިންމައިގެންނެވެ. ރޭހުގެ ތިން ވަނަ ހޯދީ ޓީއެފްޖީ ސްޕާޓްނަން ޖައިވް ޓީމެވެ. އެއީ 3 ގަޑި 41:39 މިނެޓުން ރޭސް ނިންމައިގެންނެވެ.
ހާފް މެރެތަން ކެޓަގަރީގައި ތިން އިވެންޓެއް އޮތެވެ. އޭގެ ތެރެއިން މައި އިވެންޓް ކަމަށްވާ ޓީމު/އެކަޑަމީ އިވެންޓުން އެއް ވަނަ ކޭއެޗް އެކަޑަމީ ހޯދީ 1 ގަޑި 31:04 މިނެޓުން ދުވެގެންނެވެ. މި ރޭހުގެ ދެ ވަނަ 1 ގަޑި 32:18 މިނެޓުން ދުވެ ކޭއެޗް އެކަޑަމީގެ އެހެން ޓީމެއް ހޯދިއިރު ތިން ވަނަ އަކީ 1 ގަޑި 32:18 މިނެޓުން ރޭސް ނިންމި ރަޝާޒް 1 އެވެ.
ކޮމްޕެނީ އެންޑް އޯގަނައިޒޭޝަން ކެޓަގަރީގެ އެއް ވަނަ ހޯދީ 1 ގަޑި 37:39 މިނެޓުން ރޭސް ނިންމި ދިރާގުގެ ޓީމެވެ. އަލަށް ތައާރަފްކުރި ރިޒޯޓް ކެޓަގަރީގައި ވާދަކުރި ހަމައެކަނި ރިޒޯޓް ކަމަށްވާ ކޮންރެޑް ލައުންޖުގެ ޓީމުން ނިންމީ 1 ގަޑި 52:24 މިނެޓުންނެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ބޭއްވި ދެ ކިލޯމީޓަރު ދުވުމުގައި 104 ކުދިން ބައިވެރިވި އެވެ. އެ އިވެންޓުން، ކޮންމެ ޖިންސަކުން ގަދަ 10 ދުވުންތެރިން ވަނީ ހޮވައިފަ އެވެ.
ރާއްޖެ އަށް އެކިޑެން އިވެންޓް ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ތައާރަފްކުރެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް މަރްހޫމް ޒާހިރު ނަސީރެވެ. އޭރު ކްލަބްތަކާއި ސްކޫލްތަކުގެ މެދުގައި އެކިޑެން ރޭސްތައް ބާއްވާފައިވެ އެވެ. މި ރޭސް 2017 އަހަރު އަލުން ރާއްޖެ އަށް ތައާރަފްކޮށް މިހާރު ކުރިއަށްގެންދާ ކޭއެޗް އެކަޑަމީގެ ބާނީ އަދި ކޯޗު ހުސެއިން ހަލީމް (ކުޑަހުސެން) އަކީ ޒާހިރު ނަސީރުގެ ބެލެނެވެރިކަމުގެ ދަށުން ކުޅިވަރުގެ ތެރެއަށް ނުކުތް ދުވުންތެރިއެކެވެ. ރާއްޖޭގެ މެރެތަން ރެކޯޑް ގިނަ ދުވަސްތަކެއް ވަންދެއް އޮތް ކުޑަހުސެންގެ އެކަޑަމީ އަކީ ރާއްޖޭގައި މިހާރު އެންމެ ފުޅާކޮށް ކުރިއަށްގެންދާ އެއް އެކަޑަމީ އެވެ.
އެ އެކަޑަމީން ޒާހިރުގެ ހަނދާނުގައި "އެމް.އެޒް.އެން މޯލްޑިވްސް ރަން" ގެ ނަމުގައި ދުވުމުގެ ރޭހެއް ބާއްވަ އެވެ. އަދި ޒާހިރު ބޭއްވި މާލޭ މެރެތަން ރީބްރޭންޑްކޮށް މޯލްޑިވްސް މެރެތަންގެ ނަމުގައި މި އަހަރު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ޒާހިރަކީ ރާއްޖޭގައި ވާދަވެރި ރޭސްތަކާއި މުބާރާތްތައް ސީދާ އަމިއްލަފުޅަށް އިންތިޒާމްކުރެއްވި ބޭފުޅެކެވެ. ރޭސް ފަށަން ކަށިގަނޑު ފުމުމުން ފެށިގެން ގިނަ ކަންކަން ކުރެއްވީ ސީދާ އަމިއްލަފުޅަށެވެ. ވަރަށް ހަރަދުކުޑަކޮށް ވަރަށް ސިމްޕަލް ކޮންސެޕްޓަކަށް ކުޅިވަރުގެ ހަރަކާތްތައް ރޭއްވެވި އެވެ. ކުޑަހުސެން މި އިވެންޓްތައް ރާވަނީ ވެސް އެފަދަ ގޮތަކަށެވެ.