"ބެޓްލް އޮފް ބިޓޯރާ" ގައި ސޯނަމް ކަޕޫރާ އެކު ކޮއްކޮ ހާޝްވަރުދަން ކަޕޫރް
"ބެޓްލް އޮފް ބިޓޯރާ" ގައި ސޯނަމް ކަޕޫރާ އެކު ކޮއްކޮ ހާޝްވަރުދަން ކަޕޫރް

އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރު މިހާތަނަށް ކުޅުނު ދެ ފިލްމަކީ ވެސް ބޮޑު ދެ ފްލޮޕެވެ. އެއީ "ބަވޭޝް ޖޯޝީ" އާއި "މިރުޒިޔާ" އެވެ. މި ފިލްމުތައް ބަލާނެ ބަޔަކު ނުވި އިރު، ހާޝް އަށް މިހާތަނަށް މާ ރަނގަޅު ފުރުސަތުތަކެއް ވެސް ނުލިބެ އެވެ. އޭނާގެ އަޑެއްބަޑެއް ވެސް އިވެނީ ހާލަކުން ފަހަރަކު އެވެ.

ބައްޕަ އަނިލްއާ އެކު އިންޑިއާގެ ކުރީގެ ޝޫޓަރު އަބިނާވް ބިންދުރާގެ ރޯލް ކުޅެން ހާޝް ބައޮގްރަފިކަލް ޑްރާމާއަކަށް ސޮއިކުރިތާ ވެސް މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނާ ގޮތުގައި ހާޝް އަންނަނީ އާއިލާ އިން ހަދާ ފިލްމަކަށް ތައްޔާރުވަމުންނެވެ. މިއީ ދައްތަ ސޯނަމް ކަޕޫރް ބަތަލާގެ ރޯލް ކުޅެ، ދެވަނަ ދައްތަ ރިއާ ކަޕޫރް ޕްރޮޑިއުސްކުރާ "ބެޓްލް އޮފް ބިޓޯރާ" އެވެ.

މިއީ އަންނަ މަހުގެ 20 ގައި ރިލީޒްކުރާ ސޯނަމްގެ "ދަ ޒޯޔާ ފެކްޓާ" ގެ ވެސް ލިޔުންތެރިޔާ އަނޫޖާ ޗޯހަން 2010 ހަމަ އެ ނަމުގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

އަނޫޖާގެ މި ވާހަކައިގެ ރައިޓްސް ރިއާ އާއި ސޯނަމް ހޯދާފައިވާތާ މިހާރު ހަތަރު ވަރަކަށް އަހަރުވެފައިވާ އިރު، އޭގައި ކިޔައި ދެނީ އެޑްވަޓައިޒިން ކޮޕީރައިޓަރަކު ސިޔާސީ ދާއިރާ އަށް ނުކުންނަން ކުރާ މަސައްކަތެވެ.

ބޮލީވުޑްގެ ހަންގާމާ އިން ބުނި ގޮތުގައި "ބެޓްލް އޮފް ބިޓޯރާ" ގެ ބަތަލުގެ ރޯލް ސޯނަމް ކުޅެން ހަމަޖެހިފައިވާ އިރު، ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ހާޝް ފެންނާނެ އެވެ. މި ފިލްމު ޑައިރެކްޓް ކުރާނީ މިދިޔަ އަހަރު ރިލީޒްކުރި ސޯނަމްގެ "ވީރޭ ދީ ވެޑިން" ވެސް ޑައިރެކްޓް ކުރި ޝަޝަންކާ ގޯޝް އެވެ.

ސޯނަމް އާއި ޕާކިސްތާނުގެ ބަތަލު ފަވާދު ހާން 2014 ގައި ކުޅުނު "ހޫބްސޫރަތު" އަކީ ވެސް އޭނާ ޑައިރެކްޓްކުރި ފިލްމެކެވެ.

"ބެޓްލް އޮފް ބިޓޯރާ" ގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުނި ނަމަވެސް މި ޕްރޮޖެކްޓާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ސޯނަމް އާއި ކޮއްކޮ ހާޝް އެކީގައި ފިލްމަކުން ފެނިގެން ދިއުމަކީ ބެލުންތެރިންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެކެވެ. ސޯނަމް ވަނީ ބައްޕައާ އެކު ވެސް ފިލްމެއް ކުޅެފަ އެވެ. އެއީ ފެބްރުއަރީ މަހު ރިލީޒްކުރި "އޭކް ލަޅްކީ ކޮ ދޭކަ ތޮ އޭސާ ލަގާ" އެވެ.