ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

އަންނަ މަހުގެ 20 ގައި ރިލީޒްކުރާ ފިލްމުގެ ލަވަތަކުގެ ތެރެއިން ދައްކައިލި ފުރަތަމަ ލަވައަކީ "ހޯ ޖާ އާވާރާ" އެވެ. މި ލަވަ ކިޔާފައި ވަނީ އޭޝް ކިންގް އާއި މޮނާލީ ތާކޫރެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ ތަނިޝްގް ބަގްޗީ އެވެ.

އެޑްވެންޗެރަސް ލަވް ސްޓޯރީއެއްގެ ގޮތުގައި ގެނެސްދޭ "ޕަލް ޕަލް ދިލް ކޭ ޕާސް" އަކީ ސަނީ ޑައިރެކްޓް ވެސްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ކަރަންއާ އެކު ބަތަލާގެ ރޯލުން ވެސް ފެނިގެން ދާނީ އަލަށް ތައާރަފުކުރާ ސަހެރް ބާމްބާ އެވެ.

މިދިޔަ އަހަރު ރިލީޒްކޮށް، އެކްޓަރު އަޔޫޝްމަން ކުރާނާ އަށް މި އަހަރުގެ ނެޝަނަލް އެވޯޑްގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ވެސް ކަށަވަރުވެފައިވާ ފިލްމު "އަންދާދުން" ދެކުނު ކޮރެއާގައި ރިލީޒްކުރަން ނިންމައިފި އެވެ.

ސްރީރާމް ރަގްވަން ޑައިރެކްޓްކޮށްފައިވާ ކާމިޔާބު ސަސްޕެންސް ތުރިލާ ދެކުނު ކޮރެއާގެ ސިނަމާތަކުގައި ދައްކަން ފަށާނީ މި މަހުގެ 28 އިން ފެށިގެންނެވެ. އެގޮތުން އެ ގައުމުގެ 90 އަށް ވުރެ ގިނަ ސިނަމާގައި ފިލްމު ދައްކަން ވަނީ ހަމަޖެހިފަ އެވެ.

"އަންދާދުން" އަކީ ޗައިނާގައި ވެސް ދައްކައިގެން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފަސް ފިލްމުގެ ތެރޭގައި ވެސް ހިމެނޭ ފިލްމެކެވެ. މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅުނީ އަޔޫޝްމަން އާއި ތައްބޫގެ އިތުރުން ރާދިކާ އަޕްޓޭ އެވެ.

ޒުވާން ދެ ތަރިން ކަމަށްވާ ވިކީ ކޯޝަލް އާއި ނޯރާ ފަތެހީ އެކީގައި ކުޅުނު ފުރަތަމަ ވީޑިއޯ ލަވަ "ޕަޗްތާއޯގޭ" ދައްކާލައިފި އެވެ.

ޓީ ސީރީޒުން ގެނެސް ދިން ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގެވެ. އަދި ލަވައިގެ މިއުޒިކް ހަދާފައި ވަނީ ބީ ޕްރާކެވެ.

"ޕަޗްތާއޯގޭ" އަކީ ލޯބީގައި ހިތް ހަލާކުވާ ދެ ޖޯޑެއްގެ ވާހަކަ ކިޔައިދޭ އަސަރުގަދަ ލަވައެކެވެ.

މީގެ ކުރިން ވެސް އެކީގައި އިޝްތިހާރުތަކެއް ކުޅެފައިވާ ޝާހްރުކް ހާނާއި އަންހެނުން ގޯރީ ހާން އަނެއްކާ ވެސް އާ އިޝްތިހާރެއް ކުޅެފި އެވެ.

އިންޓީރިއާ ޑިޒައިނަށް ހާއްސަ މި އިޝްތިހާރަކީ ޑީޑެކޯގެ އިޝްތިހާރެކެވެ. މީތި ގެނެސްދީފައި ވަނީ ކަރަން ޖޯހަރުގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ އެޑް ފިލްމްސް އަށް ހާއްސަ ޔުނިޓް ދަރުމާ 2.0 އިންނެވެ.

އިޝްތިހާރު ޑައިރެކްޓް ކުރީ މެއި މަހު ރިލީޒްކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ޑައިރެކްޓަރު ޕުނީތު މަލްއުތުރާ އެވެ.