23 އޯގަސްޓް 2019 - 23:16

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދަށު ކޯޓުތަކުން ބޭފުޅަކު އިންތިޚާބުކުރުމަށް މާދަމާ ބާއްވާ އިންތިޚާބުގައި ދަށު ކޯޓުތަކުގެ ހުރިހާ ފަނޑިޔާރުން ވޯޓު ލެއްވުމަށް ފަނޑިޔާރުންގެ އެސޯސިއޭޝަނުން މިރޭ އެދިއްޖެ އެވެ.
އެ މަގާމަށް ވާދަ ކުރައްވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ އިތުރުން ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފާއި ގދ. ފިޔޯރީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ.
އިންތިހާބުގެ ވޯޓުލުން މާލެ އާއި އަތޮޅުތަކުގެ ބައެއް ރަށްތަކުގައި އޮންނާނެ އެވެ.
ފަނޑިޔާރުންގެ އެސޯސިއޭޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ އިންތިޚާބުގައި ވޯޓުލައި ހައްގު ބޭނުން ކުރުމަށް ފަނޑިޔާރުންގެ ފަރާތުން އެދޭ ކަމަށެވެ.
އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި މިހާރު އިންނަވާ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު މިމަހު ހަމަވާތީ އެވެ.
ޖޭއެސްސީގައި ވަކީލުންގެ ތެރެއިން އިންނެވި މެމްބަރު ލަތީފާ ގާސިމްގެ މަގާމު ހުސްވުމުން، އެ މަގާމަށް ވެސް އާ މެމްބަރަކު ދާދި ފަހުން ވަނީ އިންތިޚާބުކޮށްފަ އެވެ. އެ މަގާމަށް އިންތިޚާބުކުރީ ވަކީލް އަބްދުލްމާނިއު ހުސައިންނެވެ.
މީގެ އިތުރުން އާންމުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅާ މެމްބަރުގެ ދައުރު ވެސް މި އަހަރު ހަމަވާތީ އެ މަގާމަށް ވެސް ތިން ބޭފުޅަކު މިހާރު ވަނީ ކުރިމަތިލައްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.