05 ސެޕްޓެމްބަރ 2019 - 16:34

މި ފަހުން ބ. އޭދަފުށީގައި ހަވީރު ފިންޏަށް އާއްމުން އަތިރިމައްޗަށް ނިކުންނަނީ ވައި ޖައްސާލާކަށް ނޫނެވެ. އެކަމަކު މާބޮޑު މުށިމަސްގަނޑެއް އެ ރަށު ފަޅުތެރެއަށް ވަދެގެން، މަސް ބާނާށެވެ. އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ގޮތަށް ގިނަ ބަޔަކު އެ ރަށު އުތުރު ފަރާތު އަތިރިމަތިން މިހާރު ދުރަށް ނުދެ އެވެ. ހަވީރު ގަޑީގައި މި ފަދަ ގުރޫޕުތައް، ރަށުގެ ޖެޓީމަތިންނާއި ފަޅުތެރެއިން ހުސް ނުވާއިރު މިއީ ބަލާލަން ހިތްގައިމު އަދި އުފާވެރި މަންޒަރެކެވެ.

އޭދަފުށީ ކައުންސިލް މެމްބަރު ހައްވާ ސަމީހާ ވިދާޅުވި ގޮތުގައި މިއީ އޭދަފުށީގައި އާ މަންޒަރެއް ނޫނެވެ. ކުރިންވެސް އެ ރަށުގެ ފަޅުތެރެއަށް މުށިމަސް އައިންތައް ވަދެ އެވެ. އެކަމަކު މިހާ ގިނައެއްކޮށް މީގެ ކުރިން މަހެއް ނުވަދެ އެވެ. އެހެންވެ، ވަރަށް ފޯރީގައި އާއިލާތައް ނިކުމެ މަސް ބާނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަންޒަރު ސަމީހާ ވެސް ވެސް ސިފަ ކުރެއްވީ ވަރަށް އުފާވެރިކޮށެވެ.

"ފެމެލީތައް ގުރޫޕު ހަދާލައިގެން ނިކުމެ ކުރާކަމެއް މިއީ. ވަރަށް ފޯރި އެބަހުރި،" 3،000އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އެ ރަށުގެ ކައުންސިލަރު ވިދާޅުވި އެވެ.
ކުޑަކުދިންނާއި އަންހެނުން ގިނައިން މަސް ބާނަން ތިބެނީ ޖެޓީ މަތީގަ އެވެ. ބައެއް ޒުވާނުންނާއި ބޮޑެތި ފިރިހެން ކުދިން ޑިންގީތަކާއި ކުދި ލޯންޗު ފަހަރުގައި މަސް ބާނަން ނިކުމެ އެވެ. ތެޔޮހަން ހުސްކުރި ބޮޑެތި ފުޅީގައި ފިލާ ހަރުކޮށްގެން އަމިއްލައަށް ޑިންގީއެއް ހަދާލައިގެން ވެސް މީހުން މަސް ބާނަން ނިކުމެ ތިއްބެވެ. އެންމެންގެ މޫނު މަތިން ވެސް ފެންނަނީ އުފާވެރިކަމެވެ.
ސަމީހާ ވިދާޅުވީ މިދިޔަ ބޮޑު އީދުތެރޭގައި ރަށުގެ ފަޅުތެރެއަށް ވަން މުށިމަސްތައް އަދިވެސް ގިނައިން އުޅޭ ކަމަށާއި ބައެއް ރަށްރަށުން ވެސް މަަސް ބާނަން އެ ރަށަށް ދިޔަ ކަމަށެވެ. އެހެންވެ، މަސް ބޭނުމުގެ ވާދަވެރިކަން އެންމެންގެ މެދުގައި ވެސް އޮތީ ހިފާފަ އެވެ.
އޭދަފުށީ މީހުން ބާނާ އެ މަސްތައް ގިނަ މީހުން ތެލުލަނީ އެވެ. އަނެއް ބަޔަކު ވިއްކަން ވެސް ވިއްކަ އެވެ.
ސަމީހާ ވިދާޅުވީ މަސް ތެލުލާފައި ވިއްކަން ވެސް ބައެއް މީހުން އިޝްތިހާރު ކުރެ އެވެ.
"ބައެއް ވައިބާ ގުރޫޕުތަކުގައި ވެސް މީހުން އިޝްތިހާރުކުރާނެ، ތެލުލި މުށިމަސް ވިއްކާ ކަމަށް ބުނެ. އެހެންވެ، ވަރަށް ފޯރީގައި މިކަން އެބަ ހިނގާ،" އޭނާ ވިދާޅުވި އެވެ.
އެކި މޫސުންތަކަށް ގިނަ ރަށްރަށުގެ ފަޅުތެރެއަށް މުށިމަސް އައިންތައް ވަދެ އެވެ. އަދި ކުދި ދޯނި ފަހަރުގައި ނިކުމެ، މަސް ބާނާ މަންޒަރު އެ ރަށްތަކުން ވެސް ފެނެ އެވެ.