24 އޯގަސްޓް 2019 - 09:00

އެމެރިކާގެ މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި އެމެޒޯން އިން އެ ކުންފުނީގެ އެންމެ ބޮޑު އިމާރާތް އިންޑިއާގެ ހައިދަރުއާބާދުގައި ބުދަ ދުވަހު ހުޅުވައިފި އެވެ.

އެމެޒޯންގެ ވިޔަފާރީގެ މަސައްކަތްތަކަށް ހާއްސަކޮށްގެން "ކެމްޕަހެއް" ގެ ގޮތުގައި ހުޅުވި މި އިމާރާތަކީ 9.5 އޭކަރު ސަރަކައްދެއްގައި އަދި 1.8 މިލިއަން އަކަފޫޓަށް ފެތުރިފައިވާ އިމާރާތެކެވެ. އެމެޒޯނުން ބުނިގޮތުގައި މިހާތަނަށް އެ ކުންފުނިން ބިނާކުރި އެންމެ ބޮޑު އިމާރާތުގައި އެއްފަހަރާ 15،000 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އެވެ. އެގޮތުން އެތަން ހަދާފައި ވަނީ އެންމެ މި ޒަމާނީ ފެންވަރަށެވެ. އެކަމަކު އިމާރާތަށް ހަރަދުކުރި ވަރެއް އެމެޒޯން އިން ހާމައެއް ނުކުރެ އެވެ.
އިންޑިއާގައި ވަރަށް ފުޅާކޮށް ވިޔަފާރިކުރަމުން އަންނަ އެމެޒޯންގެ އިންޑިއާގެ ދާއިމީ މުވައްޒަފުންގެ އަދަދު 62،000 އަށް އަރަ އެވެ. އަދި 155،000 މުވައްޒަފުން އެ ކުންފުންޏަށް އިންޑިއާގައި ކޮންޓްރެކްޓް އުސޫލުން ވެސް މަސައްކަތްކުރެ އެވެ.
"އެމެޒޯންގެ މި އާ އިމާރާތުގެ ސަބަބުން އިންޑިއާގައި އެމެޒޯންގެ މަސައްކަތްތައް އިތުރަށް ފުޅާވެ، ތަރައްގީވެގެން ދާނެ،" އެމެޒޯންގެ އިންޑިއާ ހެޑް އަމިތު އަގަރްވާލް ވިދާޅުވި އެވެ. "އޭގެ މާނައަކީ އިންޑިއާގައި އެމެޒޯނުން ކުރާ އެތައް ބާވަތެއްގެ ވިޔަފާރިއެއް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތަކާއި އޭގެ ވިސްނުމާއި ހިޔާލު އާ ކެމްޕަހުގެ ތެރެއިން އުފަންވެގެން އަންނާނޭ."
އެމެޒޯންގެ ބިޔަ އިމާރާތެއް ހައިދަރުއާބާދުގައި ބިނާކުރި އިރު، އެމެރިކާގެ ކެލިފޯނިއާގައި ވެސް އެ ކުންފުނީގެ ބޮޑު އިމާރާތެއް ހުރެ އެވެ.
އެމެޒޯންގެ ގްލޯބަލް ރިއެލް ސްޓޭޓް އެންޑް ފެސިލިޓީޒްގެ ވައިސް ޕްރެޒިޑެންޓް ޖޯން ޝޮއެޓްލާ ވިދާޅުވި ގޮތުގައި އިންޑިއާގައި ހުޅުވި ބިޔަ ކެމްޕަހަކީ އެމެޒޯންގެ އިންޑިއާ މަސައްކަތުގެ ފެށުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ދައުރު މުޅި އިންޑިއާ އަށް ފެތުރުމުގެ މަސައްކަތް އަދި ކުރިއަށް އޮތީ އެވެ.
"މިއިން ދައްކުވައިދެނީ އިންޑިއާގެ ވޯކްފޯކްސް އަށް އަހަރެމެން މަރުހަބާކިޔާކަން. ޒުވާން އާ ވިސްނުންތަކެއް އެމެޒޯނުން ފުރުސަތުތައް އެބަހުރިކަން،" ޖޯން ވިދާޅުވި އެވެ.
ދެހާސް ހަތަރެއްގައި އިންޑިއާ އަށް ފުންމައިލި އެމެޒޯންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ ކެމްޕަސް 68 އޭކަރުގެ ސަރަހައްދަކަށް ފަތުރައިލުމެވެ. އެއީ ގާތްގަނޑަކަށް 65 ފުޓްބޯޅަ ދަނޑުގެ ސައިޒެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖެފް ބެޒޯސްގެ ކުންފުނީގެ ފިޔަގަނޑު އިންޑިއާގައި ފަތުރައިލަމުން އަންނަ އިރު، އެ ކުންފުންޏާ އެންމެ ވާދަވެރި ބޭރުގެ އަނެއް ކުންފުންޏަކީ އެމެރިކާގެ ވޮލްމާޓެވެ.