23 އޯގަސްޓް 2019 - 17:55

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ދެ ނަން ބަލައިގަނެ، އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ބޭނުންވާ އިތުރު މީހުންނަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އެދިވަޑައިގެންފަ އެވެ.
މި ދެ ނަން ބަލައިގަނެ، ޖޭއެސްސީން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 12 ޖެހުމުގެ ކުރިން ހުށަހަޅަން އިއުލާންކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ތައުލީމީ ފެންވަރުގެ ގޮތުގައި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނުގެ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާން ޖެހެ އެވެ. އަދި
ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން ހަތް އަހަރު
ދުވަހުގެ ތަޖްރިބާ ލިބިފައިވާން ޖެހެ އެވެ.
ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ އެގޮތަށް އިިއުލާންކުރީ ގާނޫނުއަސާސީގައި އެކަން ކުރުމަށް އަންގާފައިވާތީ ކަމަށެވެ. ރައީސް ފޮނުއްވި ބޭފުޅުންގެ ޝަރުތު ހަމަވޭތޯ ޖެއެސްސީން ކަނޑައަޅާނީ ކުރިމަތިލައްވާ ހުރިހާ ބޭފުޅުންގެ ޝަރުތުތައް ބަލާއިރު ކަމަށް ޒަހީން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އައްޔަންކުރާ ދެ މަގާމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރުމުގައި ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގަތްއިރު، މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން ނޮމިނޭޓްކުރި ފުރަތަމަ ފަހަރެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.