19 ސެޕްޓެމްބަރ 2016 - 06:17

ހިންދީ ފިލްމު އިންޑަސްޓްރީ އަށް ފިލްމީ ތަރި ކެޓުރީނާ ކައިފް ކޮށްދީފައިވާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިއަހަރުގެ ސްމީތާ ޕާޓިލް މެމޯރިއަލް އެވޯޑު އޭނާއަށް ދޭން ނިންމައިފި އެވެ.

ކެޓުރީނާ މިހާތަނަށް ތިރީހަކަށް ފިލްމު ކުޅެފައިވެ އެވެ. ނަމަވެސް އެއްވެސް ފިލްމެއްގައި މާ މޮޅު އެކްޓިން އެއް ދެއްކިފައެއް ނުވެ އެވެ. އެހެންކަމުން ކެޓުރީނާ އަށް މި އެވޯޑު ދިނީ ކީއްވެތޯ ވަރަށް ގިނަ ބަޔަކު މިހާރު ދަނީ ސުވާލު ކުރަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކެޓުރީނާ އަށް ވުރެ ކަލްކީ ކޯޗްލީން، ރާދިކާ އަޕްޓޭ އަދި ކޮންކޮނާ ސެން ޝަރުމާ ފަދަ ބަތަލާއިންނަށް ވެސް މި އެވޯޑު މާ ހައްގެވެ.
މި އެވޯޑަށް ކެޓުރީނާ ހޮވާފައިވަނީ ޕްރިޔާދަރްޝިނީ އެކަޑަމީންނެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި މި އެވޯޑު ކެޓުރީނާ އަށް ދިނުމަކީ ސްމީތާ ކަހަލަ ހުނަރުވެރި ބަތަލާއެއްގެ ހުނަރަށް ކުރެވުނު ބޭއިންސާފެކެވެ. ސްމީތާ ފިލްމު ކުޅުނު ދުވަސްވަރު އޭނާގެ ސާދާކަމާއި ހުނަރަށް މުޅި އިންޑިއާ ފަޚުރުވެރި ވި އެވެ. މި ޒަމާނުގައި ނަމަ ސްމީތާއާ ކިރިޔާ ވެސް ވާދަކުރެވޭ ތަރިންނަށް ތިބީ ޝްރީދޭވީ، މާދުރީ ޑިކްޝިޓް، ވިދްޔާ ބާލަން އަދި ތައްބޫ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
މީގެ ކުރިން ވެސް ބައެއް އެވޯޑުތައް އެ އެވޯޑު އެންމެ ހައްގު ނޫން ފަރާތްތަކަށް ދީފައި އެބަހުއްޓެވެ. އަދި މިފަދަ އެވޯޑުތައް އެ އެވޯޑެއް އޮގަނައިޒްކުރާ ފަރާތަކަށް ފެންނަ މީހަކަށް ދެނީ ކަމަށް ބެލެވެ އެވެ.
ނަމަވެސް ސްމީތާ ޕާޓިލްގެ ހަނދާނުގައި ދޭ އެވޯޑެއް ކެޓުރީނާ އަށް ދިނުމަކީ ވަރަށް ބޮޑު ޖޯކެއް ކަމަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް ގަބޫލު ކުރެ އެވެ. ސަބަބަކީ ސްމީތާ އާއި ކެޓުރީނާ އާ އެކްޓްކުރުމުގެ ރޮނގުން އަޅާ ކިޔޭނެ ގޮތެއް ނެތީމަ އެވެ.
ސްމީތާ ކުޅެފައިވާ ކޮންމެ ފިލްމަކީ ވެސް އެކްޓްކުރުމުގެ ރޮނގުން އޭނާގެ ވިސްނުން ތޫނުކަން ހާމަކޮށްދިން ފިލްމެކެވެ. ޑައިރެކްޓަރު މަހޭޝް ބަޓްގެ "އަރްތު" އަދި ޝާމް ބެންގާލްގެ "ބޫމިކާ" އަކީ މީގެ ރަނގަޅު މިސާލުތަކެވެ.
އަނެއްކޮޅުން ކެޓުރީނާ ފިލްމު ކުޅޭތާ މިހާރު 13 ވަރަކަށް އަހަރު ވެފައިވާއިރު ރީތިކޮށް ހިންދީ ބަހުން ވާހަކަ ދައްކަން ވެސް އޭނާއަށް އަދިވެސް ނޭނގެ އެވެ. އަދި މިހާދުވަސްވީއިރު ނަށަން ނޫން އެއްވެސް ކަމެއް އޭނާއަށް ދަހެއް ނުވި އެވެ. އޭނާ އެކްޓްކުރާއިރު އަދިވެސް މޫނުގައި އެއްވެސް އެކްސްޕްރެޝަނެއް ނުހުންނަ ކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
އުމުރުން 31 އަހަރުގައި 13 ޑިސެމްބަރު 1986 ގައި ސްމީތާ ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ. އަލަތު ދަރިފުޅު ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލަތަކަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އެހެންކަމުން އޭނާގެ ހަނދާނުގައި ދޭ އެވޯޑެއް އެ އެވޯޑް ހައްގު ނޫން ފަރާތަކަށް ދިނުމަކީ އޭނާއަށް ކުރެވޭ މަލާމާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
މި އެވޯޑު ކެޓުރީނާ އަށް ދީގެން ފާޑުކިޔަނީ ހަމައެކަނި ފިލްމު އިންޑަސްޓްރީގެ މީހުން އެކަންޏެއް ނޫނެވެ. މި އެވޯޑު ލިބެނީ ކެޓުރީނާއަށް ކަން އިއުލާން ކުރުމާއެކު ޓުވީޓްކުރާ މީހުންތައް ވެސް ހީވީ ކެކި އަރައިގެން ހެންނެވެ. އަދި ކެޓުރީނާއަށް މަލާމާތްކުރުމުގައި ގިނަ ބަޔަކު ހައްދުފަހަނައަޅާ ގޮސްފައިވާކަން ފާހަގަކުރެވެ އެވެ.
މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ސެޕްޓެމްބަރު 19 ވަނަ ދުވަހު އެވެ.