އެމެޒަން ޖަންގަލީގެ އަލިފާންގަނޑު: ބައިނަލްއަގުވާމީ މައްސަލައަކަށް
އެމެޒަން ޖަންގަލީގެ އަލިފާންގަނޑު: ބައިނަލްއަގުވާމީ މައްސަލައަކަށް

ސައޮޕޯ (އޮގަސްޓް 23) - ބްރެޒިލްގެ އެމެޒަން ޖަންގަލީގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑު ބައިނަލްއަގުވާމީ މައްސަލައަކަށްވެ ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ އެމެޒަން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑަކީ ދުނިޔޭގެ މައްސަލައެއް ކަމަށާއި ކުރިއަށް އޮތް ޖީ7 ގެ ސަމިޓުގެ އެޖެންޑާގައި އެ މައްސަލަ ހިމަނަންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ގެދޮރު ދަނީ އަނދަމުން،" މެކްރޮން ޓްވީޓް ކުރެއްވި އެވެ. "އަޅުގަނޑުމެންނަށް ބޭނުންވާ އޮކްސިޖަންގެ 20 ޕަސެނޓް އުފައްދައިދޭ ދުނިޔޭގެ ފުއްޕާމޭ، އެމެޒަން ދަނީ އަނދަމުން."

މެކްރޮން އެހެން ވިދާޅުވުމުން ހިތްހަމަޖެހިވަޑައިނުގެން ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވިދާޅުވީ މެކްރޮން އުޅުއްވަނީ ބްރެޒިލްގެ ދާޚިލީ ކަމަކުން ވެސް ސިޔާސީ ފައިދާއެއް ހޯއްދެވޭތޯ ކަމަށެވެ. އޭނާ ވިދާޅުވީ ފްރާންސްގައި ބާއްވާ ސަމިޓަކީ ބްރެޒިލް ބައިވެރިވާ ބައްދަލުވުމެއް ވެސް ނޫން ކަމަށާއި އެހެންވެ ޖީ7 ގެ ބައްދަލުވުމުގައި އެމެޒަން އަލިފާނުގެ މައްސަލައިގައި މަޝްވަރާ ކުރުމަކީ "އިސްތިއުމާރީ ވިސްނުމެއް" ކަމަށެވެ.

ބޮލްސޮނަރޯ ވިދާޅުވީ ޖަންގަލީގައި އަލިފާން ރޯވީ އަމިއްލަ ޖަމާއަތްތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެކަމަށް ދެއްކޭނެ ހެއްކެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެމެޒަންގެ ރޯވެފައިވާ އަލިފާންގަނޑާ މެދު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ރެއިންފޮރެސްޓް އެމެޒަން އަކީ ކާބަން ރައްކާކުރާ މުހިންމު ތަނެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ މޫސުމަށް ބަދަލު އައުން ލަސްކޮށްދެ އެވެ. އަދި އެއީ ތިން މިލިއަން ޖަނަވާރާއި ގަސްގަހާގެހީގެ ސްޕެޝީޒް ހިމެނޭ ތަނެކެވެ. އެމެޒަން ރެއިންފޮރެސްޓް ގާތްގަނޑަކަށް 5.5 މިލިއަން އަކަ ކިލޯމީޓަރު (2،100،000 އަކަ މޭލު) ގެ ސަރަހައްދެއް ކަވަރު ކުރެ އެވެ. އެއީ ޔޫރަޕުގެ ދެބައިކުޅަ އެއްބައިވަރުގެ ސަރަހައްދެކެވެ.

މި އަހަރުގެ މިހާތަނަށް ބްރެޒިލްގައި 75،000 އަލިފާނުގެ ހާދިސާ ހިނގައިފައިވެ އެވެ. މިދިޔަ އަހަރު ހިނގާފައި ވަނީ 40،000 އަލިފާނުގެ ހާދިސާ އެވެ.