އަންނަ އަހަރުގެ ސެންޓްރަލް ޒޯން އަންހެން ވޮލީ މުބާރާތް އޮންނާނީ ރާއްޖޭގައި
އަންނަ އަހަރުގެ ސެންޓްރަލް ޒޯން އަންހެން ވޮލީ މުބާރާތް އޮންނާނީ ރާއްޖޭގައި

އަންނަ އަހަރުގެ އޭވީސީ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތް ބާއްވަން ރާއްޖެ އަށް ފުރުސަތު ލިބިއްޖެ އެވެ.

ފިރިހެން މުބާރާތް ބާއްވަން ވެސް ރާއްޖެ ކުރިމަތިިލި އެވެ. އެކަމަކު އެ ފުރުސަތު ލިބުނީ ބަންގްލަދޭޝް އަށެވެ. އެއީ އެ ގައުމުގެ ފަހުރެއް ކަމަށް ބަލާ ޝައިޚް މުޖީބު ރަހުމާންގެ ހަނދާނުގައި ކުރިއަށްގެންދާ ހާއްސަ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން މުބާރާތް ބާއްވަން އެ ގައުމުން އެދުމުންނެވެ.

ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން މިއަދު އޭވީސީ އާންމު ޖަލްސާގައި ބައިވެރިވީ އެސޯސިއޭޝަންގެ ނޯމަލައިޒިން ކޮމިޓީގެ މެމްބަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ އަހުމަދު އިބްރާހިމް އެވެ. އެސޯސިއޭޝަން ހިންގަން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ނިންމީ އެސޯސިއޭޝަނާ ގުޅޭ ގިނަ މައްސަލަތަކެއް ތަހުގީގުކުރުމަށް ފަހު އެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވި އިންޑޯ ވޮލީބޯޅައިގެ ދެ މުބާރާތް ކުރިއަށްދިޔައީ 2017 ވަނަ އަހަރު އެވެ. އެއީ ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރާއި ސީނިއާ މެންސް ސެޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕެވެ.

ގައުމީ އަންހެން ވޮލީ ބޯޅަ ޓީމުން އެންމެ ފަހުން އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ސާބިއާ އެކު ހަދާ ކުޅިވަރުގެ ކަންތައްތަކުގައި އެހީތެރިކަން ހޯދުމުގެ އެއްބަސްވުމުގެ ތެރެއިން އަންހެން ވޮލީ ޓީމަށް ވެސް ގިނަ ފުރުސަތުތަކެއް ހޯދައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އައިއޯއައިޖީގެ ކުރިން ފިރިހެން ވޮލީ ޓީމު ވަނީ މިނިސްޓަރު ހޯދައިދެއްވި ފުރުސަތެއްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.

ކުޅިވަރުގެ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ގޮތުން ރާއްޖޭން ވަނީ 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމަށް ބިޑްކާމިޔާބުކޮށްފަ އެވެ. އައިއޯއައިޖީ އަށް ތަރައްގީކުރާ ކުޅިވަރުގެ އިފްރާސްޓްރަކްޗާގެ ޕްލޭން އޮތީ މުޅި ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލެވިފަ އެވެ. އެހެން ކަމުން މުބާރާތްތައް ބޭއްވިގެންދާނީ ރާއްޖޭގެ އެކި ހިސާބުތަކުގަ އެވެ.

ރާއްޖޭން ވަނީ އަންނަ އަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ހޯދައިފަ އެވެ. އަދި ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތަށް ކޮލިފައިވާން ބާއްވާ އޭޝިއާ މުބާރާތް ވެސް އަންނަ ސެޕްޓެމްބަރު މަހު އޮންނާނީ މާލޭގަ އެވެ. މި އަހަރު ބެޑްމިންޓަންގެ ބައިނަލްއަގުވާމީ މުބާރާތްތަކެއް ވެސް ރާއްޖޭގައި ބާއްވާނެ އެވެ.