ޒާންގެ "އާ ޖީލަކަށް": އުއްމީދީ މަސައްކަތެއް
ޒާންގެ "އާ ޖީލަކަށް": އުއްމީދީ މަސައްކަތެއް

ސްޕެއިނުގައި ކުޅެމުން އަންނަ ދިވެހި ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް ޒާން އާމިރު ކޮވިޑް-19ގެ ތެރޭގައި ރާއްޖޭގައި ލޮކްޑުންގައި ހުރިއިރު ވިސްނީ ކުޅެންނުދެވޭ އެ މުއްދަތުގައި ނަފްސާނީ ގޮތުން އޭނާ އަށް ކުރިމަތިވި ދަތިތަކާ މެދު އެވެ. ޒާން އަށް ސްޕެއިނުގައި ހުރި ތަޖުރިބާކާރުންގެ އެހީތެރިކަން ފަސޭހައިން ލިބެން އޮތް ނަމަވެސް އެ ފުރުސަތު ނުލިބި ތިބި އެތައް ޒުވާނުންނެއް ތިބިކަން އޭނާ ހިތައް ވަނީ އެ ހިސާބުންނެވެ. މިއީ "އާ ޖީލަކަށް"ގެ ފެށުމެވެ.

ޒާންގެ "އާ ޖީލަކަށް": އުއްމީދީ މަސައްކަތެއް
ޒާންގެ "އާ ޖީލަކަށް": އުއްމީދީ މަސައްކަތެއް

ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫޑީ ކެނަލްސް އަށް އެންމެ ފަހުން ކުޅުނު ޒާން "މިހާރަ"ށް ބުނީ އާ ޖީލަކަށް ފެށިއިރު ޒުވާން ކުޅުންތެރިންނަށް ޓާގެޓްކުރީ ހާއްސަ ސަބަބެއް އޮވެގެން ކަމަށެވެ.

"ޔޫރަޕްގައި ޒާން ފުޓްބޯޅައިގެ އެކި ކަންކަމުގައި މި ހޭދަކުރި އަށް އަހަރު ލިބިފައި ހުރި ކޮންޓެކްޓްތަކުގެ ތެރެއިން ކަމެއް ފެށޭތޯ ބަލައި ޓާގެޓް ކުރީ ޒުވާން ކުޅުންތެރިންނަށް. ފިއުޗާ އަށް ކުޅުންތެރިންތަކެއް، އާ ޖީލެއް އެ ވިސްނުން އައީ. އެހެންވެ ހަގީގަތުގައި އާ ޖީލަކަށް ޒާން އަށް ކޮށްދެވޭނެ ކަމެއްގެ ގޮތުގައި މިކަން ފެށީ ތަޖުރިބާކާރުންގެ އެހީގައި،" ޒޫމް މެދުވެރިކޮށް ކުރިއަށްގެންދާ ޕްރޮގްރާމާ މެދު އޭނާ ބުންޏެވެ.

ޒާން ފުރަތަމަ މަސައްކަތް ފެށީ ސްޕެއިނުގެ ސްޕޯޓްސް ސައިކޮލޮޖިސްޓެއް ކަމަށްވާ މާޓިން ޓޮރީބިއޯއާ އެކު އެވެ. އެ ގޮތުން 13 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު މާޓިންގެ އެހީގައި ސްޕޯޓްސް ސައިކޮލޮޖީގެ ސެޝަންތަކެއް ކުޅުންތެރިންނަށް ނަގައިދޭން ފެށި އެވެ. އޭގެ ދެ އެޑިޝަން މިހާތަނަށް 20 ކުޅުންތެރިން ވަނީ ފުރިހަމަކޮށް ސެޓިފިކެޓް ހާސިލްކޮށްފަ އެވެ.

"އެކެޑަމީތަކުގައި ވެސް މި ކިޔައިދެނީ ޓްރެއިނިންތައް. ސްޕޯޓްސް ސައިކޮލޮޖީ އަށް މާ ބޮޑު ފޯކަސްއެއް ނީނދޭ ކަންނޭނގެ. ހަގީގަތުގައި އާ ޖީލަކަށް ސްޕޯޓްސް ސައިކޮލޮޖީއިން ފެށީ. އަސްލު އެތުލީޓެއް ނޫނީ ކުޅުންތެރިއެއް ބިނާކުރުމުގެ ފެށުން މި އަންނަނީ ސައިކޮލޮޖީން. އޭގެ އަށް ޕްރެޕެއާ ވެގެން އެހެން ހުރިހާ ކަމަކަށް ކޮމިޓްވަނީ،" ޒާން ކިޔައިދިނެވެ.

ސައިކޮލޮޖީ އަށް ފަހު ދެން "އާ ޖީލަކަށް" އިން ފެށީ ސްޕޯޓްސް ތެރަޕިސްޓަކާ އެކު ފިޒިކަލް ފިޓްނަސްގެ ކަންތައްތަކާއި ނިއުޓްރިޝަން ޕްލޭނިން ކަންތައްތަކެކެވެ. އެ ގޮތުން އެ ކަމަށް ޒާން އާ ގުޅުނީ ފިޒިކަލް ފިޓްނަސް އިން މަތީ ފާސްތަކެއް ނަގާފައިވާ ވިޔަރެއާލްގެ ކުރީގެ ކުޅުންތެރިޔާ ޖޯޑީ އާއި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ލީޑްސް އިން ސްޕޯޓްސް އެންޑް އެކްސަސައިޒް ސައިންސްގެ ދާއިރާއިން ތައުލީމު ހާސިލްކޮށް އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން އަންނަ ލުބާނާ ޝާހު އެވެ. ކުރީގެ އެއް ވަނަ ފޯވާޑް ޝާހު އިސްމާއިލްގެ ދަރި، ލުބާނާ އާ ޖީލަކަށް ގައި އަދާކުރަނީ މުހިއްމު ރޯލެއްކަން ޒާން ފާހަގަކުރި އެވެ.

"ލުބާނާ ވެސް މި ކަމަށް އަސްލު ވަރަށް ޝައުގުވެރިވޭ. މި ކޮންސެޕްޓް އޭނާ އަށް ވެސް ކަމުގޮސްގެން ޖޮއިންވާން ނިންމީ. ލުބާނާ ޖޮއިން ކުރީ މީލް ޕްލޭނާއެއްގެ ގޮތަށް. ކުދިން ކާންޖެހޭ އެއްޗެހި ކިޔައިދީ އިންޖަރީތަކުން ސަލާމަތްވެގެން ދުޅަހެޔޮކޮށް ހުރެވޭނެ ގޮތްތައް ކިޔައިދޭ ގޮތަށް. އެ ނޫނަސް ޒުވާން ކުޅުންތެރިއަކު ކުރިއަރުވަން ދޭން ޖެހޭ މުހިއްމު މައުލޫމާތު ލުބާނާގެ ސެޝަންގެ ތެރެއިން ކުރިއަށްދާނެ،" މިދިޔަ ޑިސެމްބަރު މަހު ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅުނު ޒާން ބުންޏެވެ.

މެންޗެސްޓާ އާއި ލެވަންޓޭގައި ފުޓްބޯޅައިގެ ތަމްރީންތަކެއް ހާސިލްކުރި ޒާން ބުނީ "އާ ޖީލަކަށް" އިން އެ ފޯރުކޮށްދޭ ހިދުމަތަކީ މާ ބޮޑު މާލީ ފައިދާތަކެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށާއި މީގައި ހިނގާ ހަރަދަކީ ކުދިން އަތުން ލިބޭ އެއްޗަކުން ކުރާ ކަމެއް ކަމަށެވެ. އަދި މީގައި ހަރަދަށް ވުރެ ބޮޑަށް ބަލަނީ ފުޓްބޯޅައިން ކުރިއަށްދާން ބޭނުންވެފައިވާ ކުދިންތަކަކަށް ރަނގަޅު މަގެއް ކޮށައިދިނުން ކަމަށް އޭނާ ބުންޏެވެ.

"މާ ބޮޑު ބަޖެޓެއް ވެސް ނެތް. ލިބޭ އެއްޗެއް މި ހަރަދުކުރަނީ. މިސާލަކަށް ފިޒިކަލް ފިޓަނަސް ސެޝަންތަކަށް މަހަކަށް މި ނަގަނީ 40 ޑޮލަރު. މީލް ޕްލޭނިން އަށް 30 ޑޮލަރު. ދެން އިންޖަރީ ޕްރިވެންޝަން އަށް ވަރަށް ލުއިގޮތެއް މި ހަދައިދެނީ ފީއެއް ނަގަންޏާ 75 ރުފިޔާ މި ނަގަނީ. ހަގީގަތުގައި މިއީ މިކަން އެންމެ އަގުހެޔޮކޮށް ގިނަ ކުޅުންތެރިންތަކަކަށް ހިދުމަތް ކޮށްދެވެން އޮތް ގޮތް،" އުމުރުން 20 އަހަރުގެ ޒާން ކިޔައިދިނެވެ.

އާ ޖީލަކަށް ކޮންސެޕްޓް ކުރިއަށްގެންދަން ޒާން އަށް ލިބޭ އެންމެ ބޮޑު އެހީއަކީ ގާތް މީހުންގެ އެއްބާރުލުމެކެވެ. ފުޓްބޯޅަ އާއިލާ އަކަށް ނިސްބަތްވާ ޒާން ވަނީ 13 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) އާއި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)ގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށްފަ އެވެ. ޒާން ބުނީ އާ ޖީލަކަށް އިން ސެޝަންތައް ނަގާ ކުދިންގެ ބެލެނިވެރިން ވެސް މި ހިދުމަތްތަކާ މެދު ދެކެނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.

"މިވީ ހަތަރު ވަރަކަށް މަސް ތެރޭގައި ވެސް ކުރިއެރުން ފެނިއްޖެ. މިހާރު ޓޯޓަލް އެބަތިބި 24 ކުދިން. ކޮންމެ މަހަކު ވެސް އަދަދުތަކަށް ބަދަލު އާދޭ. މިދިޔަ މަހު 30 ކުދިން އައި. މީގައި ކްލާސް ނަގައިދީފައި ކަންތައްތައް މޮނިޓާކުރުން ވެސް ކުރިއަށް ގެންދަން. އެގޮތުން ފޯމު ފުރުމާއި ކޮންޑިޝަން ޗެކް ކުރުން ކަންކަން ވެސް އޮންނާނެ،" ޒާން ބުންޏެވެ.

"މީގައި ޕްރޮފެޝަނަލްކޮށް އެތުލީޓަކަށްވާން ބޭނުން ކޮންމެ ފަރާތަކަށް ވެސް ގުޅެވިދާނެ. ބޭނުމަކީ ދުނިޔޭގެ ފެންވަރުގައި ވެސް އެތުލީޓަކަށް ވުމަށް ނޫނީ ކުޅުންތެރިއަކަށް ވުމަށް އެހީތެރިވެދިނުން،"

ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދަމުން ވެސް އެކި ގޮތްގޮތުން ކުރެވޭ މަސައްކަތުން ޒާން އަންނަނީ "އާ ޖީލަކަށް" އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން ދިވެހި ޖޯޒީ އުފައްދާ ބްރޭންޑެއް ކަމަށްވާ ޖާޒިއާއާ އެކު އެއްބަސްވުމެއް ހެދިފައިވާއިރު، އިތުރު ޓްރެއިނިންތައް ވެސް ފަށަން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެންމެ އަވަހަށް ފަށަން މަސައްކަތްކުރަމުން އަންނަނީ ބީޗް ޓްރެއިނިންތަކެވެ.

ސްޕެއިނުގެ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އަށް ވެސް ކުޅުނު ޒާން ބުނީ ރާއްޖޭގައި ރަނގަޅަށް ހިންގާ އެކެޑެމީތައް ވެސް މިހާރު ފެންނަމުން އަންނަ ކަމަށާއި އާޖީލަކަށް އިން މި ކޮށްދޭ މަސައްކަތްތަކުގެ ފައިދާ އެކެޑަމީތަކަށް ވެސް ކުރާނެ ކަމަށާއި މި ކުޅުންތެރިން ކުރިއަރައިގެން ގޮސް ކުޅެން އޮތީ ވެސް އެ އެކެޑަމީ އަށް ނިސްބަތްވާ ޓީމުތަކަށް ކަމަށެވެ.

"އާ ޖީލަކަށް" ކޮންސެޕްޓްގެ ތެރެއިން ޒުވާން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންތަކެއް ލައްވައި ވެސް ޒާން ވަނީ ސެޝަންތަކެއް ނަގައިފަ އެވެ. އެ ގޮތުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) އާއި ގައުމީ ސިނިއާ ޓީމުގެ ކުޅުންތެރިޔާ ހައިޝަމް ހަސަން ވެސް ވަނީ މިހާތަނަށް ދެ ސެޝަނެއް ނަގައިދީފަ އެވެ. އާ ޖީލަކަށް އިން ކުޅުންތެރިން ކުރިއަރުވަން ކުރާ މަސައްކަތް އަންނަނީ ރާއްޖޭގެ ކޯޗުން ވެސް ބަލައިގަންނަމުންނެވެ.

އާޖީލަކަށް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ކުޅުންތެރިންނަށް ވީ އެންމެ ފުރިހަމަ އަށް އެހީތެރިވުން ކަމަށާއި އެހެންކަމުން ކޮންމެ ކުއްޖަކު ވެސް އެހީތެރިކަން ބޭނުންވެއްޖެނަމަ އެ ކަމެއްގައި އެހީ ފޯރުކޮށްދެވެން އޮތް ގޮތަކަށް ކޮށްދޭނެ ކަމަށް ޒާން ވަނީ ބުނެފަ އެވެ.