21 ސެޕްޓެމްބަރ 2016 - 11:48

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ސްކޫލު، އަމީނިއްޔާ ސްކޫލުގައި ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަސީލަތްތައް ގާއިމްކުރަން ބޭނުންވާ ފައިސާ ހޯދުމަށް ބޮޑު ފެއާއެއް ބާއްވަން އެ ސްކޫލުން ތައްޔާރުވެއްޖެ އެވެ.

އެ ސްކޫލުގެ ޕޭރެންޓްސް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އިން އިސްނަގައިގެން ބާއްވާ "އަމީނީ ފެއާ 2016" ބާއްވަނީ ރާއްޖެއަށް މުޅިން އާ ކުޅިވަރުތަކެއް ހިމަނައިގެން ކަމަށާއި އެހެން ސްކޫލުތަކުގެ ފެއާތަކާ މުޅިން ތަފާތުވާނެ ކަމަށް ފެއާގެ މެނޭޖަރު އަދި ޕީޓީއޭގެ މެމްބަރު ހަސަން ނިޔާޒު ވިދާޅުވި އެވެ.
މި ފެއާ އިން ބައި މިލިއަން ރުފިޔާ ވަރު ލިބޭނެ ކަމަށް، އިންތިޒާމްކުރާ ފަރާތްތަކުން އުއްމީދުކުރެ އެވެ.
މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ފެއާ އޮންނާނީ އަމީނިއްޔާ ސްކޫލް ގޯތިތެރޭގަ އެވެ. ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00-11:00 އަށް އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަވީރު 4:00-6:00 އަދި ރޭގަނޑު 8:00-11:00 އަށް ފެއާ ކުރިއަށް ދާނެ އެވެ.
"ރާއްޖެއަށް މުޅިން އާ ކުޅިވަރުތައް މި ފެއާގައި އޮންނާނީ. އެޑިއުކޭޝަންއާ ވެސް ގުޅޭ ކުޅިވަރުތައް ހުންނާނެ،" ހަސަން ވިދާޅުވި އެވެ.
އިންޑޯ އާއި އައުޓްޑޯ ކުޅިވަރުތަކާއި އެހެން ކަންކަން ހިމެނޭ އެތައް ސްޓޯލަކާ އެކު ހުޅުވާ ފެއާއަށް ވަދެވޭނީ 10ރ. ގެ ޓިކެޓެއް ގަނެގެންނެވެ. ކުޅިވަރުތަކުގައި ބައިވެރިވާން ތަފާތު ޕެކޭޖްތައް ވަނީ ހަދައިފަ އެވެ.
"ޕެކޭޖުތައް ވަކިކުރެވޭނީ އެކުއްޖެއްގެ އަތުގައި އަޅާފައި އޮންނަ ބޭންޑަކުން. މިސާލަކަށް ޔެލޯ ބޭންޑްގެ ޕެކޭޖެއް 15 ރުފިޔާ އަށް. އެއިން ބައިވެރިވެވޭނެ ހަތް ވަރަކަށް ކުޅިވަރުގައި. އެގޮތަށް ޕެކޭޖުތައް ހުންނާނީ ކުޅިވަރުތަކުގައި ބައިވެރިވާން،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެއާއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި، އެއް ނަސީބުވެރިޔަކަށް ހާއްސަ އިނާމެއް ދޭން ވެސް ހަމަޖައްސާފައިވާ ކަމަށެވެ.
އަންނަ އަހަރު 75 އަހަރު ފުރޭ އަމީނިއްޔާ ސްކޫލުގައި މިހާރު 44 ކްލާސްރޫމް ހުރެ އެވެ. އޭގެ ތެރެއިން ބައެއް ކްލާސްރޫމްތަކުގައި ޕްރޮޖެކްޓަރާއި ޓީވީ ބަހައްޓާފައިވެ އެވެ.
އަމީނިއްޔާ ސްކޫލުގައި ދެ ދަންފަޅިއަށް 1780 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.