22 އޯގަސްޓް 2019 - 16:12

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޒާތީ މަސްލަހަތެއް އޮވެގެން ކަމަށާއި އެކަމުގައި ޖޭއެސްސީން އަމަލުކުރީ ގާނޫނާ ޚިލާފަށް ކަމަށް އަބްދުﷲ ދީދީގެ ވަކީލް ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިިޔާރު ޑީޑީ މިދިޔަ ޖޫން މަހު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލާގައި ފަނޑިޔާރު ޑީޑީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޖޭއެސްސީން އަމަލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި ސަސްޕެންޝަން ބާތިލްކޮށް ދިނުމަށް އެދި އެވެ. އޭރު ޖޭއެސްސީގެ މެމްބަރު ކަން ވެސް ކުރައްވާ ނަޝީދު އޮތީ ފަނޑިޔާރު ޑީޑީގެ އަނބިކަނބަލުންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމުގެ ތުހުމަތު ކުރައްވައި، ޖޭއެސްސީއަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލާގެ ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ޑީޑީގެ ވަކީލް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ ފަނޑިޔާރު ޑީޑީގެ މައްޗަށް ތުހުމަތު ކުރާ މައްސަލައަކީ ޓެރަރިޒަމްގެ ކުށުގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް ކުރެއްވި ބެންޗުގައި ފަނޑިޔާރު ޑީޑީ އިންނެވި އިންވެވުމާ ގުޅުންހުރި މައްސަލައެއް ކަމަށާއި އެހެންވެ، އެ މައްސަލާގައި ނަޝީދުގެ އަމިއްލަ މަސްލަހަތެއް އެބައޮތް ކަމަށެވެ. ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް ނަޝީދު ހުންނަވައިގެން އެ މައްސަލަ ހުށަހެޅީ ޒާތީ ގޮތެއްގައި ކަމަށާއި އެ މައްސަލަ ނަޝީދަށް ހުށަނޭޅުއްވޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
މީގެ އިތުރުން ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ނިންމި ޖޭއެސްސީގެ ޖަލްސާގައި ނަޝީދުގެ އިތުރުން އެކަމުގައި މަސްލަހަތު ހިމެނޭ އެހެން ތިން ބޭފުޅަކު ބައިވެރިވި ކަމަށް ސަލީމް ވިދާޅުވި އެވެ. އެގޮތުން ނަޝީދުގެ ވަކީލުންގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު ހިސާންގެ އިތުރުން ރައީސްގެ މެމްބަރު މަސްތޫރު ހުސްނީއަކީ އެ މައްސަލާގައި މަސްލަހަތު ހިމެނޭ ބޭފުޅުން ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީއަށް ފަނޑިޔާރު ޑީޑީގެ މައްސަލަ ނަޝީދު ހުށަހެޅުއްވީ ވެސް އުސޫލުތަކާ ޚިލާފަށެވެ. މަޖިލީހުގެ އެއްވެސް ނިންމުމެއް ނެތި، ނަޝީދު އަމިއްލައަށް ފެނިވަޑައިގެން އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވުމަކީ މަގާމުގެ ނުފޫޒު ބޭނުން ކުރެއްވުން ކަމަށް ބެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ މައްޗަށް ހުކުމް ކުރިތާ ހަ އަހަރުވީއިރު ވެސް، ކުރިން އެފަދަ އެއްވެސް މައްސަލައެއް ނަޝީދުގެ ވަކީލުން ހުށަހަޅުއްވާފައި ނެތްއިރު މި މައްސަލައަކީ "ޔޯލަ" ވާހަކަތަކެއް ހިމަނައިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެއްވެސް ތަފްސީލެއް ހުށަހަޅާފައި ނެތް ކަމަށް ސަލީމް ވިދާޅުވި އެވެ.
ނަޝީދު ކުރެއްވީ ޖިނާއީ ތުހުމަތުތަކެއް ކަމަށް ވާއިރު، ޖިނާއީ އިޖްރާއާތުގެ އުސޫލުތަކުގެ ތެރެއިން މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅަނީސް އެ މައްސަލާގައި ޖޭއެސްސީއަށް ނިިންމުމެއް ނުނިންމޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ. ޖޭއެސްސީއަކީ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު އޮންނަ އިދާރާއަކަށް ނުވާއިރު، ޖިނާއީ ތަހުގީގު ހިންގާ ފުލުހުން ފަނޑިޔާރު ޑީޑީއާ ގުޅޭ އެއްވެސް މައްސަލައެއް ނުބަލާ ކަމަށް އަންގާފައިވާ ކަން ވެސް ސަލީމް ފާހަގަ ކުރެއްވި އެވެ.
ފަނޑިޔާރަކު ސަސްޕެންޑް ކުރުމުގެ ކުރިން އޭނާގެ ބަހެއް ހޯދަން ޖެހޭނެ ކަމަށް ގާނޫނު ބުނާއިރު، ޖޭއެސްސީން އެގޮތަށް އަމަލު ނުކުރާ ކަމަށާއި އަދި މައްސަލައެއް ބަލާ ކަން ވެސް އޭރު އަންގާފައި ނެތް ކަމަށް ސަލީމް ވިދާޅުވި އެވެ.
އެކަންކަން ފާހަގަ ކުރައްވައި، ސަލީމް އެދިވަޑައިގަތީ ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ނިންމި ނިންމުން ބާތިލްކޮށް ދިނުމަށާއި އެ މައްސަލަ ޖޭއެސްސީން ބަލަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޖޭއެސްސީގެ ވަކީލެއްގެ ގޮތުގައި ވަޑައިގަތް އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ހުރިހާ ފަނޑިޔާރުންގެ މައްޗަށް ޖޭއެސްސީގެ ބާރު ހިނގާނެ ކަމަށާއި ފަނޑިޔާރެއްގެ މައްސަލައެއް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައެއް ބެލުމަކީ ގާނޫނީ ގޮތުން ޖޭއެސްސީއަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ޖޭއެސްސީގެ ހިންގާ ގަވާއިދު އޮންނަ ގޮތުން ކޮންމެ މީހަކަށް ވެސް ފަނޑިޔާރަކާ ދެކޮޅަށް މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށާއި އެކަމުން ވަކި މީހަކު އިސްތިސްނާ ނުވާ ކަމަށް ޒަހީން ވިދާޅުވި އެވެ.
ކޮންމެ މީހަކު މައްސަލަ ހުށަހެޅިޔަސް، އެއީ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ އެ މައްސަލައެއް ކޮމިޝަނަށް ބެލޭނެ ކަމަށް ޒަހީން ވިދާޅުވި އެވެ. އަދި ކޮމިޝަނުން ކަންކަން ނިންމަނީ މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެން ކަމަށާއި އެހެންވެ، ވަކި މެމްބަރަކު ބޭނުންވާ ގޮތަށް ކަންކަން ނުނިންމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒަހީން ވިދާޅުވި ގޮތުގައި ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރީ ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެނެއް ނޫނެވެ. އޭނާ ސަސްޕެންޑްކުރީ ފުލުހުން މައްސަލައެއް ބަލަމުންދާތީ ޖޭއެސްސީގެ ގަވާއިދުގެ ދަށުން އެކަމުގައި ގޮތެއް ނިންމަން ޖެހޭތީ ކަމަށާއި އެ ހާލަތުގައި ސަސްޕެންޑް ކުރުމުގެ ކުރިން ބަހެއް ހޯދަން ލާޒިމް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަންކަން ފާހަގަ ކުރައްވައި، ޒަހީން އެދިވަޑައިގަތީ ފަނޑިޔާރު ޑީޑީގެ މައްސަލަ ޖޭއެސްސީން ބެލުން އެއްވެސް ފަރާތަކަށް ނުހުއްޓުވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޖޭއެސްސީގެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރުގެ ބެންޗުގެ ބައެއް ސުވާލުތައް އެ ކޮމިޝަނަށް އަމާޒުވި އެވެ. އެގޮތުން ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރީ ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ނޫން ކަމަށް އެ ކޮމިޝަނުން ބުނާއިރު، އޭނާ ސަސްޕެންޑް ކުރަން ނިންމި ޖޭއެސްސީގެ ޖަލްސާގައި ނަޝީދު ހުށަހެޅުއްވި މައްސަލަ އެޖެންޑާ ކޮށްފައި އޮތް ނޫންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ޒަހީން ވިދާޅުވީ ނަޝީދު ހުށަހެޅުއްވި މައްސަލަ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮއްވާ ފަނޑިޔާރު ޑީޑީގެ މައްސަލައެއް ބަލާ ކަމަށް ބުނެ އެދުވަހު ފުލުހުންގެ ސިޓީއެއް ލިބުނީ ކަމަށާއި ސަސްޕެންޑްކުރީ އެ ސިޓީއަށް ރިއާޔަތް ކޮށްގެން ކަމަށެވެ.
ސަސްޕެންޑް ކުރުމުގެ ދެ ދުވަސް ކުރިން، ފަނޑިޔާރު ޑީޑީގެ މައްސަލައެއް ނުބަލާ ކަމަށް ފުލުހުން އޭނާއަށް އަންގާފައި އޮތުމަށް ފަހު، އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ފެށީ ކޮންއިރަކުތޯ ބެންޗުން ސުވާލު ކުރެއްވުމުން ޒަހީން ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަން ފެށި އިރެއް ނޭނގޭ ކަމަށެވެ.
އެ މައްސަލާގައި ފަނޑިޔާރު ޑީޑީގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގައި ވަކާލާތު ކުރައްވާތީ އެ ޝަރީއަތަށް ވަގުތު ދިނުމަށްޓަކައި ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އެހެން ދުވަހަކު އިތުރު އަޑުއެހުމެއް ބޭއްވުމަށެވެ.
އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.
އެ މައްސަލަ ބަލަމުންދާތީ ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ކުރިން ނެރުނެވެ. އެކަމަކު އެ އަމުރު ޖޭއެސްސީން ގަބޫލެއް ނުކުރި އެވެ.