22 އޯގަސްޓް 2019 - 14:30

ތެހެރާން (އޮގަސްޓް 22) - އީރާނުން އަމިއްލަ އަށް އުފެއްދި މިސައިލުން ދިފާއުވެވޭ ނިޒާމް މިއަދު ދައްކާލައިފި އެވެ.

"ބަވަރް-373" މިސައިލް ޑިފެންސް ސިސްޓަމް ދައްކާލުމުގެ ރަސްމިއްޔާތުގައި ރައީސް ހަސަން ރޫހާނީ ބައިވެރިވެވަޑައިގެންނެވި އެވެ. ރޫހާނީ ވަނީ އެ ނިޒާމް އީރާނުގެ މިސައިލް ޑިފެންސް ނެޓްވޯކުގައި ހިމެނުމަށް އަންގަވައިފަ އެވެ.

"ބަވަރް-373 މިސައިލް ސިސްޓަމަކީ އީރާނުގެ ޖިއޮގްރަފީ އަށް ފެތޭ 200 ކިލޯ މީޓަރު (124 މޭލު) ރާސްތާގެ އެއްޗެއް. އަދި އެއީ ރަޝިޔާގެ އެސް-300 އާއި އެމެރިކާގެ ޕެޓްރިއޮޓް ސިސްޓަމާ ވާދަކުރާނެ އެއްޗެއް،" އީރާނުގެ ރަސްމީ ނޫސް އެޖެންސީ އިރްނާ އިން ބުންޏެވެ.
ރޫހާނީ ވިދާޅުވީ އީރާނުން އުފެއްދި ސިސްޓަމް އެސް-300 އަށް ވުރެ ރަނގަޅުވާނެ ކަމަށާ އަދި އެސް-400 އާ ކައިރިކުރާނެ ކަމަށެވެ.
އީރާނުން އެސް-300 ސިސްޓަމް ގާއިމްކޮށްފައި ވަނީ މާޗް 2016 ގަ އެވެ.