23 އޯގަސްޓް 2019 - 08:38

ޖަވާހިރެއް ހޯދާނެ ގޮތެއް ޔޫޓިއުބް ވީޑިއޯއެއް ބަލަން އިން މީހަކަށް ބިންމަތިން ޖަވާހިރެއް ފެނިއްޖެ އެވެ.
އެމެރިކާގެ ޓެކްސަސްގައި އުޅޭ މިރަންޑާ ހޮލިންގްސްހެޑް، 27، އަށް ޖަވާހިރެއް ފެނުނީ އާކަންސަސްގެ ޑައިމަންޑް ސްޓޭޓް ޕާކަށް ގޮސް، ޖަވާހިރު ހޯދާނެ ގޮތުގެ ވީޑިއޯއެއް ބަލަނިކޮށެވެ.
މިރަންޑާ ބުނި ގޮތުގައި އޭނާ އަށް ފެނުނީ 3.72 ކަރަޓްގެ ރީނދޫ ކުލައިގެ ޖަވާހިރެކެވެ.
"ގަހެއްގެ ހިޔަލުގެ ދަށުގައި ދަރިފުޅާ އެކު އިށީނދެގެން ވީޑިއޯ ބަލަން އިންދައި ތަންކޮޅެއް ދުރުން، އެއްޗަކަށް އަވި އަލިއެޅިގެން ވިދާތީ ގޮސް ނެގީ. އޭރު އޭތި އޮތީ އެހެން ހިލަކޮޅުތަކާ އެކު. އޭރު ޔަގީނެއް ނޫން އެއީ ޖަވާހިރެއް ކަމަކަށް ވެސް. އެކަމަކު ޖަވާހިރެއް އެތަނުން ފެނިދާނެ ކަމަށް ގަބޫލު ކުރެވޭތީ ޕާކްގެ ޑިސްކަވަރީ ސެންޓަރަށް އޭތި ހިފައިގެން ގޮސް އެތަނުގައި ޓެސްޓްކުރީމަ ޖަވާހިރެއްކަން ކަށަވަރުވީ،" އޭނާ ބުންޏެވެ.
މިރަންޑާ ބުނިގޮތުގައި ޖަވާހިރެއް ހޮވުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެކެވެ. އަދި އޭގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުކޮށްލެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ. ޖަވާހިރެއްގެ އަގު އާންމުކޮށް ކިރަނީ އޭގެ ތިން "ސީ" އަށް ބިނާކޮށެވެ. އެއީ "ކަލަ، ކްލެރިޓީ، ކެރަޓް އަދި ކަޓް" އަށެވެ.
"މިއަށް ހަދާނެ ގޮތެއް އަދި ނުނިންމަން. ވިއްކާ ނުލަން ހިތްއެދޭ ނަމަ އަނގޮޓިއެއްގައި ޖަވާހިރު ހަރުކުރާނީ،" ކެރޯ އެވެންޖާގެ ނަން ވެސް އަމިއްލަށް ޖަވާހިރަށް ދިން މިރަންޑާ ބުންޏެވެ.
އެ ޖަވާހިރާ ބެހޭ ގޮތުން ޕާކް އިންޓަޕްރީޓާ ވޭމަން ކޮކްސް ބުނި ގޮތުގައި ޑައިމަންޑް ސްޓޭޓް ޕާކް ސަރަހައްދަކީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި އެކި ފަހަރުމަތިން އެކި މީހުންނަށް ޖަވާހިރު ފެނިފައިވާ ތަނެކެވެ. އަދި މިރަންޑާ ހޮވި ޖަވާހިރަކީ 2013 ގެ ފަހުން އެތަނުން ފެނުނު އެންމެ ބޮޑު ޖަވާހިރު ކަމަށް ވެސް ބުންޏެވެ.
ވޭމަން ބުނި ގޮތުގައި ޑައިމަންޑް ސްޓޭޓް ޕާކުން ޖަވާހިރު ފެންނަނީ ގުދުރަތީ ގޮތުން ލިބިފައިވާ މުއްސަނދިކަމާއި އެތަނުގެ މޫސުމުގެ ސަބަބުން ކަމަށް ބެލެވެ އެވެ.