22 އޯގަސްޓް 2019 - 14:48

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބޭނުންވާ މެމްބަރުންގެ އަދަދު ހަމަކޮށް، ހަ މަސް ފަހުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދި ހުށަހެޅީ 3،313 ފޯމާ އެކުގަ އެވެ. އެ ޕާޓީގެ މުއައްސިސްގެ ގޮތުގައި އެންމެ ފުރަތަމަ ހުށަހެޅުއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން އެވެ. އެކަމަކު ފަހުން ޕާޓީގެ މުއައްސިސްގެ ގޮތުގައި އީސީ އަށް ހުށަހެޅުއްވީ ދަރިކަނބަލުން، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ ނަމެވެ.
އެމްއާރުއެމް އުފެއްދުމުގެ ފޯމުތައް އީސީ އަށް ހުށަހެޅީ ކަޅުފޮށިތަކެއްގަ އެވެ.
ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އުޅުނުކަމުގެ ތުހުމަތުގައި މައުމޫން ހައްޔަރުކުރި އިރު އެމަނިކުފާން ދިރިއުޅުއްވާ މ. އެންދެރިމާގެ އިން ގެންދިޔަ ކަޅު ފޮއްޓަކުން، ތަހުގީގަށް ބޭނުންވާ ހެކި ހޯދާފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފަ އެވެ.
ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްދެނީ 3،000 މެމްބަރުން ހަމަ ކުރުމުންނެވެ. ދައުލަތުން ސިޔާސީ ޕާޓީތަކަށް ބަޖެޓު ދެނީ 10،000 މެމްބަރުން ހަމަވާނަމަ އެވެ.
އެމްއާރުއެމްގެ ސެކެޓަރީ ޖެނެރަލް އަބްދުލްއަލީމް "މިހާރު" އަށް ވިދާޅުވީ ޕާޓީ އުފެއްދުމަށް ބޭނުންވާ ގާނޫނީ އަދަދަށް މެމްބަރުން ހަމަކޮށްފައިވާ އިރު މިހާރު ކުރަމުން އަންނަނީ އެކިއެކި ގަވައިދުތައް ހެދުން ކަމަށެވެ. އީސީއިން ހުއްދަ ދިންހާ އަވަހަށް ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބާއްވާނެ ކަމަށް އަލީމް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނީ އެ ޖަލްސާ އަށް ފަހު ގާނޫނީ ކަންކަން ފުރިހަމަވުމުންނެވެ.
އެމްއާރުއެމްއަކީ މައުމޫން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ.
ޕީޕީއެމަށް ދޫކޮށްލައްވައި، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު މައުމޫން ފެއްޓެވީ ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތައް ޝަރީއަތުން އެމަނިކުފާނާ އެއްކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން ގެއްލުމުންނެވެ. އެ ޕާޓީ ދޫކޮށްލަން މައުމޫނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ.