22 އޯގަސްޓް 2019 - 13:20

ވޮޝިންޓަން (އޮގަސްޓް 22) - އެމެރިކާގެ އެއްވެސް ރައީސެއް އެމަނިކުފާނަށް ވުރެ ބޮޑަށް އިޒްރޭލަށް އެހީތެރިވެދީފައި ނުވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އިޒްރޭލަށް ކޮށްދީފައިވާ ވަރަށް ބޮޑެތި ކަންތައްތަކާ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އަޅުގަނޑު،" އެމެރިކާގެ ޔަހޫދިން ޑިމޮކްރެޓުންނަށް ވޯޓުލުމަކީ ވަރަށް ބޮޑު ބޭވަފާތެރިކަމެއް ކަމަށް ޓްރަމްޕް ވިދާޅުވުމުން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ވިދާޅުވި އެވެ.
އިޒްރޭލަށް ކޮށްދެއްވި ކަންތައްތަކުގެ މިސާލް ނަންގަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލު ކުރުމާއި އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަތުން ހިމެނޭ ކަމަށެވެ.
ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ނަޒަރުގައި އެމެރިކާގެ ޔަހޫދިން ޑިމޮކްރެޓިކުންނަށް ވޯޓުލައިފި ނަމަ އެއީ ވަރަށް ބޮޑު ބޭވަފާތެރި ކަމެއް ކަމަށެވެ.
"އެއީ އިޒްރޭލަށާއި ޔަހޫދިންނަށް ވެސް ވެވޭ ބޭވަފާތެރި ކަމެއް. ޑިމޮކްރެޓުން ވަނީ އިޒްރޭލާ ވަރަށް ދުރުވެފައި،" ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ޓްރަމްޕް އެހެން ވިދާޅުވުމާ ގުޅިގެން އެމެރިކާގެ ޔަހޫދިންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ފާޑުކިޔުންތައް ޓްރަމްޕަށް ވަނީ އަމާޒުވެފަ އެވެ.
ރިޔާސީ ކެންޑިޑޭޓް އަދި ސެނޭޓަ ބާނީ ސެންޑާސް ވިދާޅުވީ އޭނާ އަކީ ފަޚުރުވެރި ޔަހޫދީއެއް ކަމަށާއި ޑިމޮކްރެޓުންނަށް ވޯޓުލުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.