އިންފްރާސްޓްރަކްޗާގެ 1.5 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފި
އިންފްރާސްޓްރަކްޗާގެ 1.5 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފި

އިންފްރާސްޓްރަކްޗާ އަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ 2.5 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.5 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވާކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ "ބީލަންވެރިންގެ މަހާސިންތާ" ގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މަސައްކަތްތައް ހަވާލުކުރި ނަމަވެސް އަމަލީ މަސައްކަތްތައް ދަށްކަން ފާހަގަކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް މިވަނީ 1.5 ބިލިއަން ރުފިޔާގެ މަސައްކަތް އެވޯޑުކޮށްފައި. އެހެންނަމަވެސް އަދި މާގިނަ މަސައްކަތްތަކެއް އެގްޒެކިއުޓް ކުރަމުން ގޮސް ޑިސްޕާސްމަންޓް އުޅެނީ ތަންކޮޅެއް ދަށުގައި. މި މަސައްކަތްތައް ހަވާލުކުރިތާ މާ ގިނަ ދުވަސް ނުވެސްވޭމެ. އެކަމަކު މި މަސައްކަތްތައް މި އަހަރުތެރޭގައި ބާރަށް ކުރިއަށްދާނެ ކަމަށް ބެލެވޭ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މަސައްކަތް ހިނގާ ސްޕީޑަށް ރައްޔިތުން ބެލި ނަމަވެސް ދެފުށް ފެންނަ ގޮތަށް ޓެންޑަރިންގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން ބަލަން ޖެހޭކަމަށެވެ. ބައެއް މަސައްކަތްތައް ނުފެށި ލަސްވަނީ މި ސަބަބާހުރެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައްޔިތުން ޕްރޮސެސް އެއް ބަލާކަށް ބޭނުމެއް ނުވޭ. ރައްޔިތުން ބަލަން ބޭނުންވަނީ މަސައްކަތް ހިންގަނީ ކޮން ސްޕީޑެއްގައިތޯ. ނަމަވެސް އަޅުގަނޑުމެން ޖެހޭ ބަލަން ޓްރާންސްޕޭރެންޓް ޕްރޮސެސްއެއް ވެސް ގެންދަން. އިވެލުއޭޝަންތައް ފެއާކޮށް ވެސް ގެންދަން. އަދި މަސައްކަތް ހަވާލުކުރެވޭ ފަރާތްތަކަކީ އެ މަަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ބަޔެއްތޯ ވެސް ބަލަން ޖެހޭ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ޓެންޑަރިން ޕްރޮސެސްގައި ގިނަ މައްސަލަތައް ސަރުކާރު އޮފީސްތަކުގެ ފަރާތުންނާއި ޓެންޑާ ހުށަހަޅާ ފަރާތުން ފެންނަކަން ފާހަގަކުރައްވައި މިނިިސްޓަރު އަސްލަމް ވަނީ އެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މި މަހާސިންތާގައި މަޝްވަރާ ކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.