ޗައިނާގެ "ބްރެޒިލް" ފޯވާޑުގެ ފުރަތަމަ މެޗު ރާއްޖެއާ ދެކޮޅަށް
ޗައިނާގެ "ބްރެޒިލް" ފޯވާޑުގެ ފުރަތަމަ މެޗު ރާއްޖެއާ ދެކޮޅަށް

ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނުނު، އެ ގައުމުގެ ދަރިކޮޅަކަށް ނިސްބަތްވާ ނުވާ ފުރަތަމަ ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލަށް އުފަން އެލްކެސަންގެ ރަސްމީ ފުރަތަމަ މެޗަކަށް ވާނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ރާއްޖެއާ ދެކޮޅަށް މާލޭގައި ޗައިނާ އިން ކުޅޭ މެޗެވެ.

ދާދި ފަހުން ޗައިނާ ޕާސްޕޯޓް ލިބުނު އެލްކެސަންގެ ނަން، ރާއްޖެއާ ދެކޮޅަށް ކުޅެން ކޯޗު މާސެލޯ ލިއްޕީ ނެގި ސްކޮޑުގައި ވަނީ ހިމަނައިފަ އެވެ. ބްރެޒިލުގެ ކޮއެޅޯ ނެޓޯ އަށް އުފަންވި އެލްކެސަން އަށް ގާނޫނީ ގޮތުން ޗައިނާ ރައްޔިތުކަން ލިބުނީ ޗައިނީސް ލީގުގައި ކުޅެން އެ ގައުމުގައި ހަ އަހަރު ހޭދަކޮށްފައިވާތީވެ އެވެ. ފީފާގެ ގަވާއިދުގެ ދަށުން ވެސް އޭނާ އަށް ޗައިނާ އަށް ކުޅެން ކޮލިފައިވެ އެވެ.

އެލްކެސަން އަށް 2011 ވަނަ އަހަރު އާޖެންޓީނާއާ ދެކޮޅަށް ކުޅެން ބްރެޒިލުން ނެގި ސްކޮޑުން ފުރުސަތު ލިބުނެވެ. އެކަމަކު އޭނާ އެ މެޗުގައި ނުކުޅެ އެވެ. އޭގެ ކުރިން ވެސް ފަހުން ވެސް ބްރެޒިލްގެ އެއްވެސް އުމުރުފުރާއެއްގެ ޓީމަކަށް އޭނާ ކުޅެފައެއް ނުވެ އެވެ.

ޗައިނީސް ނަމަކަށް "އައި-ކެސެން" ހިޔާރުކޮށްފައިވާތީ އެލްކެސަން އަށް ފުރުސަތު ދޭން ލިއްޕީ ނިންމި ސަބަބަކީ އެ ގައުމުގައި ފެންވަރު ރަނގަޅު ފޯވާޑުން މަދުވުމުންނެވެ. އިޓަލީ އަށް 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދީ އަދި ޔުވެންޓަސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ލިއްޕީ ވަނީ ޗައިނާގައި އެޓޭކިން ކުޅުންތެރިން ނެތުމުގެ އުނިކަން ފާހަގަވާކަމަށް ބުނެ ވަރަށް ބޮޑަށް ޝަކުވާކޮށްފަ އެވެ.

ބްރެޒިލްގެ ވިޓޯރިއާ އިން 2009 ގައި ކެރިއަރު ފަށައި ބޮޓަފޯގޯ އަށް ވެސް ކުޅެފައިވާ އެލްކެސަން ޗައިނީސް ލީގަށް ބަދަލުވީ 2013 ވަނަ އަހަރު ގުއަންޒޫ އެވަގްރެނޭޑަށް ކުޅޭށެވެ. އޭގެ ފަހުން ޝަންހާއީ އެސްއައިޕީޖީ އަށް ވެސް ކުޅެ އަދި މިހާރު އަލުން ގުއަންޒޫއާ ގުޅިފައިވާ އަލްކެސަން ވަނީ އެ ޓީމަށް އޭޝިއަން ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްދީފަ އެވެ. އެ ލީގުގައި އޭނާ ކުޅުނު 150 އެއްހާ މެޗުން 100 އަށް ވުރެ ގިނަ ގޯލް ވަނީ ޖަހައިފަ އެވެ.

ޗައިނާ އިން ވަނީ އިނގިރޭސި ވިލާތަށް އުފަން މިޑްފީލްޑަރު ނިކޯ ޔެނަރިސް އަށް މި އަހަރު ކުރީކޮޅު ޕާސްޕޯޓްދީފަ އެވެ. އެކަމަކު ކުރިން އާސެނަލްގެ ޔޫތު ޓީމަށް ކުޅުނު ޔެނަރިސްގެ މަންމަ އަކީ ޗައިނީސް ދަރިކޮޅު މީހެކެވެ. ބައްޕައަކީ ސައިޕްރަސް ދަރިކޮޅެވެ.

ޗައިނާ ދަރިކޮޅަކަށް ނިސްބަތްނުވާ ކުޅުންތެރިޔަކަށް ގައުމީ ޓީމުން ފުރުސަތު ދިނުމުން ބައެއް ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަމަކު ސަޕޯޓަރުންނަށް އެލްކެސަން ފޮނުވި ހުޅުވާލެވިފައިވާ ސިޓީއެއްގައި ބުނީ ފާޑުކިޔާ ފަރާތްތަކުގެ މައްޗަށް ކާމިޔާބު ހޯދާނެ ކަމަށެވެ.

"އަހަރެން މުޅި ދުނިޔެއަށް އިއްވަން ބޭނުންވޭ މިކަން. އަހަރެން ރަސްމީކޮށް އާ ދަތުރެއް މި ފެށީ. އަހަންނަކީ ޗައިނީސް މީހެއް މިހާރު. އަހަރެން ބޭނުންވޭ މިދިޔަ އަހަރުތަކުގައި އަހަންނަށް ލިބުނު ލޯތްބާއި އަޅާލުމުން އަނބުރާދޭން. އަހަރެން އުއްމީދުކުރަން، ކުރިއެކޭ އެއްފަދައިން އެންމެންގެ ސަޕޯޓް ލިބޭނެ ކަމަށް،" އެލްކެސަން ބުންޏެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ ޗައިނާ އަކީ ފުޓްބޯޅައިގެ ބާރެއް ނޫނެވެ. އެ ގައުމުގެ ލީގަށް ބޮޑެތި ވިޔަފާރި ކުންފުނިތަކުން ހަރަދުކޮށް ޔޫރަޕުގެ މަޝްހޫރު ކުޅުންތެރިން ބޮޑުއަގުގައި ގެނައި ނަމަވެސް އޭގެ މާބޮޑު ފައިދާއެއް ޗައިނާގެ ފުޓްބޯޅަ އަށް އަދި ނުކުރެ އެވެ.

ޗައިނާ ސްކޮޑުގައި އެލްކަސަން ސްކޮޑުގައި ހިމެނި އެންމެ ބޮޑު ސަބަބަކީ ވެސް ގަތަރުގައި 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމެވެ. ޗައިނާ މިހާތަނަށް ކޮލިފައިވި ހަމައެކަނި ވޯލްޑް ކަޕަކީ 2002 ގަ އެވެ. އެ ފަހަރުގެ ކޮލިފައިންގެ ފުރަތަމަ ބުރުގައި ވެސް ހިމެނުނީ ރާއްޖެއާ އެއް ގްރޫޕެއްގަ އެވެ. ޒިއާންގެ ގަދަފިނީގައި ކުޅެ ޗައިނާ އިން ރާއްޖެ އަތުން 10-1 އިން މޮޅުވި ނަމަވެސް މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ.

ރާއްޖެއާ ދެކޮޅަށް އަންނަ މަހުގެ 10 ވަނަ ދުވަހު ކުޅޭ މެޗުގެ ކުރިން ޗައިނާ އިން މި މަހުގެ 30 ގައި މިޔަންމާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ.