ބޯނީ ކަޕޫރް "ސްރީދޭވީ ބަނގްލާ" ގެ މައްސަލަ ކޯޓަށް ހުށަހަޅައިފި
ބޯނީ ކަޕޫރް "ސްރީދޭވީ ބަނގްލާ" ގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

"ސްރީދޭވީ ބަންގްލާ" ގެ ނަމުގައި، މަލަޔާޅަމް ޑައިރެކްޓަރު ޕްރަސާންތު މަމްބަލީ ހެދި ހިންދީ ފިލްމު ރިލީޒްކުރަން ހުއްޓުވައި ދިނުމަށް، ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް ކޯޓަށް ހުށަހަޅައިފި އެވެ.

މިދިޔަ އަހަރު މަރުވި ސްރީދޭވީގެ ފިރިމީހާ ބޯނީ ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެ ފިލްމުގެ ޓްރެއިލާ ދައްކައިލުމާ އެކު، ފިލްމަށް ދައުވާކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. ބޯނީ ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ "ސްރީދޭވީ ބަނގްލާ" ގެ ނަމުން ސްރީދޭވީ އުނިކޮށް ދިނުމުގެ އަމުރަށް ވެސް އެދިފަ އެވެ.

ފިލްމެއްގެ މަންޒަރެއްގައި އެއް ލޯ މަރާލައިގެން މިދިޔަ އަހަރު އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ޒުވާން ބަތަލާ ޕްރިއާ ވާރިއާ ސްރީދޭވީ ނަމަކަށް ކިޔާ ކެރެކްޓާއެއް ކުޅެފައިވާ ފިލްމުގެ ޓްރެއިލާ ދައްކައިލުމާ އެކު، ގިނަ ބަޔަކު ވަނީ މި ފިލްމަކީ ސްރީދޭވީގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ. "ސްރީދޭވީ ބަންގްލާ" ގައި ޕްރިޔާ ކުޅެފައި ވަނީ މަޝްހޫރު ފިލްމީ ބަތަލާއެއްގެ ރޯލެވެ.

އަދި މި ފިލްމުގެ ޓްރެއިލާ އިން މިއީ ސްރީދޭވީ އަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް އެ ބެލި ގިނަ ބަޔަކު ބުނެފައިވެ އެވެ. އެގޮތުން އޭގައި ޕްރިޔާ ބިލިގާއެއްގެ ތެރެއަށް ވެއްޓިފައި އޮންނަ މަންޒަރަކީ ދުބާއީގެ ހޮޓަލެއްގެ ކޮޓަރީގެ ފާހާނާގައި ސްރީދޭވީ ބިލިގާއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަންޒަރުގެ ގޮތުގައި ގެނެސް ދީފައިވާ މަންޒަރެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ސްރީދޭވީގެ އޮޓޮޕްސީ ރިޕޯޓްގައި ބުނި ގޮތުގައި އޭނާ މަރުވެފައި ވަނީ މަސްތުވެގެން ބިލިގާ ތެރޭގައި އޮއްވައި، ގެނބިގެންނެވެ.

މި މައްސަލާގައި "ސްރީދޭވީ ބަނގްލާ" ގެ ޑައިރެކްޓަރު ޕްރަސާންތު ކުރިން ބުނިގޮތުގައި ފިލްމުގައި ޕްރިޔާ ފިލްމުގައި ބަތަލާއެއްގެ ގޮތުގައި ދެއްކުމަކީ "ސްރީދޭވީ ބަނގްލާ" އަކީ ސްރީދޭވީ އަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ކަމަށް ބަލަން ޖެހޭ ސަބަބެއް ނޫނެވެ. އަދި އެކަން ބޯނީއާ ވެސް އަހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ. ނަމަވެސް މި ފިލްމުގެ މައްސަލާގައި އޭނާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.

ޕްރަސާންތު ބުނި ގޮތުގައި "ސްރީދޭވީ ބަނގްލާ" މައްސަލައަކަށް ހަދައިގެން ބޯނީ ކޯޓަށްދާ ނަމަ އެ މީހުން ވެސް ތިބީ އެކަމާ ކުރިމަތިލާން ތައްޔާރަށެވެ. އެހެންވެ ފިލްމަށް ވެދާނެ ގޮތަކާ ދޭތެރޭ ކަންބޮޑު ނުވާ ކަމަށް ބުންޏެވެ.

މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ސްރީދޭވީ ބަންގްލާ" ގެ ކާސްޓުންގެ ތެރޭގައި ބޯނީގެ ދަރިފުޅު އަދި އެކްޓަރު އަރުޖުން ކަޕޫރް ލޯބީގެ ގޮތުން ގުޅިގެން އުޅޭ މަލައިކާ އަރޯރާގެ ކުރީގެ ފިރިމީހާ އަރްބާޒް ހާނާއި އޭނާގެ ބިދޭސީ ލޯބިވެރިޔާ އިޓަލީގެ ޖިއޯޖިއާ އެޑްރިއާނީގެ އިތުރުން "ތުމް ބިން" ފަދަ ފިލްމުތައް ކުޅުނު ޕްރިޔަންޝޫ ޗެޓަޖީ ހިމެނެ އެވެ.