މިއުނިކަށް ފަހު ރިބެރީގެ މަންޒިލަކީ ފްލޮރެންސް
މިއުނިކަށް ފަހު ރިބެރީގެ މަންޒިލަކީ ފްލޮރެންސް

ފްލޮރެންސް (އޮގަސްޓް 22) – ބަޔާން މިއުނިކަށް ކުޅެމުން އައި ފްރާންސްގެ ތަޖުރިބާކާރު ވިންގާ ފްރޭންކް ރިބެރީ އިޓަލީގެ ފިއޮރެންޓީނާ އަށް ބަދަލުވެއްޖެ އެވެ.

ބަޔާނަށް 12 އަހަރު ކުޅެދިނުމަށް ފަހު އުމުރުން 36 އަހަރުގެ ރިބެރީ އެ ކްލަބް ދޫކޮށްލީ ކޮންޓްރެކްޓް ހަމަވުމުން ފްރީ އޭޖެންޓެއްގެ ގޮތުގަ އެވެ. އޭނާ އަށް ކެރިއަރުގެ ފަހުކޮޅު ބޮޑު މުސާރައަކަށް ޗައިނާ ނުވަތަ މެދުއިރުމަތީގެ ކްލަބަކާ ގުޅުމުގެ ފުރުސަތު އޮތެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ލޮސް އެންޖެލްސް ގެލެކްސީގެ ހުށަހެޅުމެއް ވެސް އޭނާ ދޫކޮށްލި އެވެ.

އެކަމަކު މަތީ ފެންވަރުގައި ކުޅުމަށްޓަކައި އިޓާލިއަން ލީގަށް ބަދަލުވީ އެވެ. އޭނާ ފިއޮރެންޓީނާ ގުޅުނީ، އަހަރަކު 4.4 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ ގޮތަށް ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

އާ ޗެލެންޖަކަށް ތައްޔާރު ކަމަށް ބުނެ ރިބެރީ އިއްޔެ ފްލޮރެންސަށް ދިއުމުން މަރުހަބާ ކިޔާފައިވަނީ އެ ކްލަބުގެ ލެޖެންޑް އަދި އިޓަލީއާ އެކު 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޖިއަންކާލޯ އެންޓޮގޯނީ އެވެ.

"އަހަރެން ފިއޮރެންޓީނާއާ ދެ ހަފުތާ ވާހަކަތައް ބޭއްވިން. އަހަރެން ލޫކާ ޓޯނީއާ ވެސް ވާހަކަދެއްކިން. އޭނާ އަހަރެން ގާތު ބުނި ފިއޮރެންޓީނާ އަކީ ވަރުގަދަ ކްލަބެއް ކަމަށާއި ފްލޮރެންސަކީ ރީތީ ސިޓީއެއް ކަމަށް،" ކުރިން ބަޔާނާއި ފިއޮރެންޓީނާ އަށް ކުޅުނު ޓޯނީ އަށް އިޝާރާކޮށް ރިބެރީ ބުންޏެވެ.

ބަޔާން މިއުނިކުގެ ކުރިން ތުރުކީގެ ގަލަތަސަރާއީ އާއި ފްރާންސްގެ އޮލިމްޕިކް މާސޭ އަށް ކުޅުނީ ރިބެރީ ބުނީ މަތީ ފެންވަރުގައި އިތުރު ދެ އަހަރު ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި އަދި އާއިލާއާ އެކު ހުރެވުމުގެ ފުރުސަތު ލިބުމަކީ ވެސް މި ނިންމުން ނިންމުމަށް އެޅުނު ބާރެއް ކަމަށެވެ. މިއުނިކުން ފުރައިގެން ވައިގެ މަގުން ގަޑިއިރެއްގެ ދަތުރަކުން އާދެވޭ ފްލޮރެންސަކީ ދުނިޔޭގެ އެންމެ ރީތި އެއް ސިޓީ އެވެ.

މިދިޔަ ސީޒަން ލީގުގެ 16 ވަނައިގައި ނިންމާލި ނަމަވެސް ފިއޮރެންޓީނާ އަކީ އަބަދުވެސް ގަދަ ހަތަރެއް ނުވަތަ ގަދަ ހަޔަކަށް ވާދަކުރާ ކްލަބެކެވެ. ހާއްސަކޮށް އިޓާލިއަން އެމެރިކަން ބިލިއަނަރު ރޮކޯ ކޮމިޝިއޯ ހަވާލުވެ އާ ސީޒަނަށް އަންނަނީ ވަރުގަދައަށް ތައްޔާރުވަމުންނެވެ. ކުރީގެ ކުޅުންތެރިޔާ ވިންޗެންޒޯ މޮންޓެލާ ކޯޗުކޮށްދޭ ފިއޮރެންޓީނާގައި އިޓަލީގެ އުއްމީދީ ޒުވާން ކުޅުންތެރިން ގިނަ އެވެ.

ރިބެރީގެ ފްރާންސް ބަލިކޮށް އިޓަލީން 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މޮޅަށް ކުޅުނު ޓޯނީ ބުނީ ރިބެރީ ނުދަންނަ މީހުން އޭނާއާ ގުޅުވައިގެން ގޯސް އަހުލާގުގެ ވާހަކަދައްކަފާނެ ކަމަށާއި އެކަމަކު އޭނާ އަކީ ލީޑަރެއް ކަމަށެވެ.

"ޗޭންޖިން ރޫމުގައި އޭނާ އަކީ އެންމެންނާ ގުޅޭ ކުޅުންތެރިޔެއް. އޭނާ ޒުވާން ކުޅުންތެރިންނަށް އެހީވާނެ،" ޓޯނީ ބުންޏެވެ.

ފިއޮރެންޓީނާގެ ވައިލެޓް ޖާޒީގައި ރިބެރީ ކުޅޭނެ ފުރަތަމަ މެޗަކަށް ވާނީ އިޓާލިއަން ލީގުގައި ހޮނިހިރު ރަނަރަޕް ނަޕޯލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ.