23 އޯގަސްޓް 2019 - 08:44

ޓެސްލާގެ ސޯލާ ޕެނެލްތަކުގެ ފެންވަރު ދަށްކަމުން އެ އެއްޗެހީގައި އަލިފާން ރޯވެ، ވޮލްމާޓްގެ އައުޓްލެޓްތަކަކަށް ގެއްލުންވެފައިވާ މައްސަލާގައި އެ ކުންފުންޏަށް ވޮލްމާޓުން ދައުވާކޮށްފި އެވެ.

އެމެރިކާގެ އެންމެ ބިޔަ އެއް ރިޓެއިލް ކުންފުނި ވޮލްމާޓުން ނިއު ޔޯކް ސްޓޭޓް ސްޕްރީމް ކޯޓަށް އަންގާރަ ދުވަހު ހުށަހެޅި މައްސަލާގައި ބުނިގޮތުގައި އީލޮން މަސްކްގެ ޓެސްލާ ކުންފުނީގެ އެނާޖީ ޑިވިޝަނުން ވޮލްމާޓްގެ ހަތް އައުޓްލެޓެއްގެ ފުރާޅުގައި ހަރުކުރި ސޯލާ ޕެނެލްތަކުގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
ވޮލްމާޓުން ބުނި ގޮތުގައި އެ ކުންފުނިން އޮހައިޔޯ އާއި މޭރީލޭންޑްގެ އައުޓްލެޓްތަކެއްގެ ފުރާޅުތަކެއްގައި ހަރުކުރި ސޯލާ ޕެނެލްތައް ރޯވީ 2012-2018 އާ ދޭތެރޭގަ އެވެ. އަދި އެކަން އެގޮތަށް ދިމާވި މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ޕެނެލްތަކުގެ އިންސްޓަލޭޝަނުގެ ފެންވަރު ދަށްވުމާއި ތަމްރީނާއި ތަޖުރިބާ ނެތް މީހުން ބޭނުންކޮށްގެން ޓެސްލާ އިން ސޯލާ ޕެނެލްތައް ހަރުކުރާތީ ކަމަށް ވޮލްމާޓުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ޓެސްލާ އަށް ވޮލްމާޓުން ކުރާ ދައުވާގައި ވަނީ ސޯލާ ޕެނެލްތައް ނައްޓާލައި، ލިބުނު ގެއްލުންތަކަށް ބަދަލު ހޯދަން އެދިފަ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ޓެސްލާ އިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އިޔާދަކުރަނިވި ހަކަތަ އަށް ބަރޯސާވާން ވޮލްމާޓުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން އެ ކުންފުނީގެ 240 ތަނެއްގައި ސޯލާ ޕެނެލް ހަރުކުރުމަށް ޓެސްލާއާ އެކު އެއްބަސްވުން ހަދާފައިވެ އެވެ.
އަދި ވޮލްމާޓްގެ ލޮޖިސްޓިކަށް ޓެސްލާގެ 45 އިލެކްޓްރިކް ޓްރަކަށް އޯޑަރު ވެސް ކޮށްފައިވާ އިރު، ޓެސްލާގެ އެފަދަ އުފެއްދުންތަކުގައި އަލިފާން ރޯވާ މައްސަލަ އެމެރިކާގެ ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންކަން ފާހަގަކޮށްލެވެ އެވެ.
ޓެސްލާގެ ސޯލާ ޑިވިޝަން ސޯލާސިޓީން 2016 ގައި ވަނީ ކްލީން އެނަޖީ 2.6 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ. އެ ކުންފުނިން މިދިޔަ މަހު އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ 408 މިލިއަން ޑޮލަރުގެ ގެއްލުމެއްވެފަ އެވެ.