ރާޖްކުމާރު ހިރާނީގެ ފިލްމަކަށް ޝާހްރުކް ހާން ސޮއިކޮށްފި؟
ރާޖްކުމާރު ހިރާނީގެ ފިލްމަކަށް ޝާހްރުކް ހާން ސޮއިކޮށްފި؟

ޝާހްރުކް ހާން އާ ފިލްމަކަށް ސޮއިކޮށް، އެ ފިލްމެއް ރަސްމީކޮށް އިއުލާންކުރާނެ އިރަކަށް އޭނާގެ އެތައް ފޭނުންނެއް ތިބީ އިންތިޒާރުގަ އެވެ.

ޝާހްރުކް މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް ޕްލޮޕްވުމުން އޭނާ މި ވަގުތު ހުރީ ފިލްމަކަށް ސޮއިކުރާ ކަހަލަ މޫޑެއްގައި ނޫން ކަމަށް ދާދި ފަހުން ބުންޏެވެ. އަދި އެކްޓިން އިން ބްރޭކެއް ނަގައިގެން ހުއްޓަސް، ވަރަށް ގިނަ ސްކްރިޕްޓްތައް ކިޔަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

މީޑިއާތަކުން މިހާރު ބުނާ ގޮތުގައި މިދިޔަ އަހަރު ރަންބީރު ކަޕޫރާ އެކު "ސަންޖޫ" ގެނެސްދިން، ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ދެން ހަދާ ފިލްމަކަށް ޝާހްރުކް މިހާރު ވަނީ ސޮއިކޮށްފަ އެވެ. މި ދެ މީހުން އެކީގައި ފިލްމެއްގެ މަސައްކަތް ކުރަން އުޅޭ ކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވެނީ މިދިޔަ އަހަރުން ފެށިގެންނެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ޝާހްރުކާ އެކު ހިރާނީ ހަދަން އުޅޭ ފިލްމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ސާފު ނުވިޔަސް، މި ދެ މީހުން އެކީގައި ޕްރޮޖެކްޓެއް ފަށަން އުޅޭކަން މިހާރު ޔަގީނާ ގާތަށް އެނގެ އެވެ.

ޝާހްރުކް މިހާތަނަށް ހިރާނީގެ ފިލްމެއްގައި މަސައްކަތެއް ނުކުރެ އެވެ. އެކަމަކު ހިރާނީގެ އެންމެ ހިޓް އެއް ފިލްމު ކަމަށްވާ 2003 ގެ "މުންނާ ބާއީ އެމްބީބީއެސް" އަކީ ފުރަތަމަ ޝާހްރުކަށް ހުށަހެޅި ފިލްމެކެވެ. އެކަމަކު އެ ފިލްމު އޭނާ ގަބޫލު ނުކުރުމުން ފިލްމު ކުޅުނީ ސަންޖޭ ދަތެވެ. އަދި "މުންނާ ބާއީ" އަކީ ހިރާނީގެ ފްރެންޗައިޒެއް ވެސް މެ އެވެ.

ބައެއް ނޫސްތަކުން ބުނާ ގޮތުގައި އޭނާ ދެން ޑައިރެކްޓްކުރާނީ ވެސް އެ ސީރީޒްގެ ތިން ވަނަ ފިލްމެވެ. އެކަމަކު މި އަހަރުގެ ކުރީކޮޅު ހިރާނީގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތަކާ ގުޅިގެން އޭނާ ނިޒާމުން ގެއްލިފައިވާތީ އަޑެއްބަޑެއް ނީވެ އެވެ.

އެހެންވެ މީޑިއާތަކުން ހިރާނީ ދެން ހަދާނެ ފިލްމަކާ ބެހޭ ގޮތުން ފަތުރާ އެއްވެސް ވާހަކައެއް ކަށަވަރުވާ ގޮތެއް ނުވެ އެވެ. އެކަމަކު ހަމަ ޔަގީނުން ވެސް ހިރާނީ އާއި ޝާހްރުކް ކޮލަބަރޭޝަން އާދައިގެ ފިލްމަކަށް ނުވާނެ އެވެ.