22 އޯގަސްޓް 2019 - 10:53

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ދިރާސާކުރަން ބާ ކައުންސިލުން ނިންމައިފި އެވެ.
ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅައި، މަޖިލީހުން އިއްޔެ ފާސްކުރި ބިލްގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ޖޭއެސްސީގެ ދަށުން ހިންގާ މުއައްސަސާއެއް ކަމަށް ބަދަލުކުރުމަށް ހިމަނާފައިވެ އެވެ. އަދި ޖޭއެސްސީގައި މަގާމުގެ ހައިސިއްޔަތުން ނޫން ގޮތަށް ތިބޭ މެމްބަރުންގެ ޝަރުތުތަކަށް ބަދަލު ގެނައުމާއި ޖޭއެސްސީގެ ނިންމުންތައް އިސްތިއުނާފް ކުރަން ކޯޓަށް ނުދެވޭ ގޮތަށް ހެދުމާއި އިސްތިއުނާފް ކޮމެޓީއެއް އުފެއްދުން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުންގެ ރެގިއުލޭޓް ކުރަން އުފެދުނު ބާ ކައުންސިލުން ކުރި ޓްވީޓެއްގައިވަނީ ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެންނަން ފާސްކުރި ބިލް ދިރާސާ ކުރަން އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
އެ ބިލާ އެކު ޑީޖޭއޭ، ބައެއް މަގާމުތައް ހުސްވާ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން އެ ބިލް ގާނޫނަކަށް ވުމާ އެކު، ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލާގެ މަގާމު ހުސްވެ، އެ ދެ މަގާމަށް އަލުން ބޭފުޅުން އައްޔަން ކުރަން ޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.