18 ސެޕްޓެމްބަރ 2016 - 14:51

ތިންކް އެޑްވަޓައިޒިން އިން އިންތިޒާމް ކޮށްގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް އެވޯޑު، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެސޯސިއޭޝަން އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ޓްރެވަލް އެވޯޑަށް ކުރިމަތިލި ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތިންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެވޯޑަށް ކުރިމަތިލި ފަރާތްތަކަށް، އެވޯޑަށް ހާއްސަ ކޮށްފައިވާ ވެބްސައިޓް www.travelawards.mv އަދި އެސްއެމްއެސް މެދުވެރިކޮށް ވޯޓު ލެވޭނެ ކަމަށެވެ.
"އެސްއެމްއެސް މެދުވެރިކޮށް ވޯޓުލާ ފަރާތްތަކުން ޖަހަން ޖެހޭ ކޯޑުތަކާއި އެފަދަ އިތުރު މައުލޫމާތު އެވޯޑުގެ ވެބްސައިޓުގައި ޝާއިއު ކޮށްފައި ވާނެ،" ބަޔާނުގައި ވެ އެވެ.
އަންނަ ނޮވެމްބަރު މަހު ބާއްވާ ހަފްލާގައި އެވޯޑު ލިބޭ ފަރާތްތަކާ އެވޯޑު ހަވާލު ކުރާނީ އޮންލައިން އަދި އެސްއެމްއެސް ވޯޓުގެ އިތުރުން ޕްރެޒެންޓޭޝަންތަކާއި އޮންސައިޓް ވިޒިޓްތަކަށް ބިނާކޮށް އެންމެ މަތިން ސްކޯ ލިބޭ ފަރާތްތަކަށެވެ.
ސްކޯ ގުނަން ކަނޑައާޅާފައި ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޭޕީއެމްޖީ އޮޑިޓް ފާމަށެވެ.
މި އެވޯޑުގެ 35 ކެޓަގަރީއަށް 246 ފަރާތަކުން ކުރިމަތިލާފައިވެ އެވެ. މިއީ މި އެވޯޑު ދޭން ފެށި ފަހުން މިހާ ގިނަ ބަޔަކު އެވޯޑަށް ކުރިމަތިލި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން، މަޓާޓޯއިން ވަނީ އަލަށް ތައާރަފް ކުރާ ފަސް ދާއިރާއަކުން އެވޯޑު ދޭން ނިންމައިފަ އެވެ. އެ ދާއިރާތަކަކީ ލީޑިން މާކެޓިން ޕްރޮގްރާމް، ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ލީޑިން ގެސްޓްހައުސް އައިލެންޑް، ލީޑިން އެފްއެންޑްބީ އައުޓްލެޓް އަދި ލީޑިން އެއާޕޯޓް ލައުންޖް އެވެ.
މިއަހަރުގެ އެވޯޑުގެ މައި ސްޕޮންސަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. އެވޯޑުގެ އިތުރު ޕާޓްނަރުންގެ ތެރޭގައި އެލައިޑް އިންޝުއަރެންސާއި ފިއުލް ސަޕްލައިސް މޯލްޑިވްސް، ޕީއެސްއެމް އާއި ދިރާގު އަދި ކޮކާކޯލާ ހިމެެނެ އެވެ. އެވޯޑުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.
މަޓާޓޯ ޓްރެވަލް އެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއަރުވަން މަސައްކަތް ކުރާ އަދި ރާއްޖެ އާއި ރާއްޖޭން ބޭރުން ފަތުރުވެރިކަމުގެ ދާއިރާ އިން ހޮވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ.