23 އޯގަސްޓް 2019 - 08:48

ފިލްމީ ދާއިރާގައި މިހާތަނަށް ހޯދި ހުރިހާ ކާމިޔާބީއެއް ވެސް ހޯދީ އަމިއްލަ ބުރަ މަސައްކަތުން ކަމަށް މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ބުނެފި އެވެ.
އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން އަދި މިހާރު ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ އަކީ ފިލްމީ އެއްވެސް ކަމަކާ ގުޅުމެއް ނެތް އާއިލާއަކުން ނުކުމެ، ބޮލީވުޑްގައި ފައިހަމަކޮށްލި މަދު ބަތަލާއިންގެ ތެރެއިން އެކެކެވެ. އަދި މިހާރު އޭނާ އަކީ އިންޑަސްޓްރީގެ އެންމެ ހުނަރުވެރި އަދި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ ވެސް މެ އެވެ.
ދީޕިކާ ބުނި ގޮތުގައި 2007 ވަނަ އަހަރު ފަރާ ހާންގެ "އޯމް ޝާންތީ އޯމް" ބޮލީވުޑަށް ނުކުތީ އެއްވެސް ޓްރޭނިންއެއް އަދި މެންޓޯއެއްގެ އެހީއާ ވެސް ނުލަ އެވެ. އަދި ބެލުންތެރިން ފުރަތަމަ ފިލްމުން ވެސް އޭނާ ބަލައިގަތުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބުންޏެވެ.
"ކޮންމެ މީހެއްގެ ކެރިއަރާއި ޒާތީ ދިރިއުޅުމުގައި ވެސް ހުންނާނެ ފެއިލިއާތަކެއް. އެކަމުން އަހަރެން ވެސް އިސްތިސްނާއެއް ނުވޭ،" ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވާ ބަތަލާ ބުންޏެވެ. "އަހަރެން އަބަދު ވެސް ގަބޫލުކުރަން ކާމިޔާބީ އަކީ ބުރަ މަސައްކަތްކުރާ މީހުންގެ ހައްގެއްކަން. އަހަންނަކީ އަބަދު ވެސް ބުރަކޮށް މަސައްކަތްކުރާ މީހެއް. ހަގީގަތުގައި މިއަދު އާދެވިފައި މި ހުރި ހިސާބަށް އާދެވުމުގެ ސިއްރަކީ އެއީ. އެކަމާ އަހަރެން ފަހުރުވެރި ވަން."
ކުރިން މޮޑެލް ވެސް ކުރި ދީޕިކާ ބުނިގޮތުގައި މަޝްހޫރު މީހަކަށްވުމަކުން އޭނާގެ ދިރިއުޅުމަކަށް މާ ބޮޑު ބަދަލެއް ވެސް ނާދެ އެވެ. އަދި އޭނާ އަކީ ހަމަ ކުރީގެ ވެސް ދީޕިކާ ކަމަށް ބުންޏެވެ.
"މަޝްހޫރު މީހަކަށްވުމަކީ މީހާގެ މާޒީ ހަނދާން ނައްތާލަންޖެހޭ ކަމެއް ނޫން. އަހަރެން ގަބޫލު ކުރާ ގޮތުގައި އަހަރެން ބަދަލެއް ނުވޭ. އަހަންނަކީ ހަމަ ކުރީގެ ވެސް ދީޕިކާ. އަދި ކުރިން ވެސް އެކުގައި އުޅުނު މީހުންނާއި ގާތްކަން އޮންނަ މީހުންނަކީ މިހާރު ވެސް އަހަރެންގެ ގާތް މީހުން،" ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ ބަތަލާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފިލްމުތަކުގައި ދައްކައިދޭ ހުނަރަށް މީހުން ތައުރީފުކޮށް ވާހަކަ ދެއްކުމަކީ ކުރާ މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.
"އަހަރެންގެ މަސައްކަތްތަކަށް ލިބޭ ކޮމްޕްލިމަންޓްތަކަކީ އެންމެ ހިތްހަމަޖެހޭ ކަންތައް،" ބޮލީވުޑްގެ އެންމެ ނުފޫޒު ފަދަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާ އެކު މަސައްކަތްކޮށްފައިވާ ދީޕިކާ ބުންޏެވެ.
އަންނަ އަހަރު ދީޕިކާގެ ދެ ފިލްމެއް ސިނަމާތަކަށް އަންނާނެ އެވެ. އެއީ އޭނާ ކުޅުނު ފުރަތަމަ ބައޮގްރަފިކަލް ޑްރާމާ "ޗަޕާކް" އާއި ކައިވެންޏަށް ފަހު، ފިރިމީހާއާ އެކު ފެނިގެންދާ ފުރަތަމަ ފިލްމު "83" އެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައިި މިދިޔަ އަހަރު ރަންވީރާ ކައިވެނި ކުރި ބަތަލާ މި ވަގުތު އިނީ އަލަތު ދަރިފުޅަށް ބަލިވެ އެވެ.