22 އޯގަސްޓް 2019 - 10:15

ނިއު ދިއްލީ (އޮގަސްޓް 22) - ކޮރަޕްޝަނާއި މަނީ ލޯންޑަރިން ހިންގިކަމުގެ ތުހުމަތުގައި އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ޕަލަނިއައްޕަން ޗިދަމްބަރަމް ހައްޔަރުކޮށްފި އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީގެ ސީނިއާ މެންބަރެއް ކަމަށްވާ ޗިދަމްބަރަމްގެ މައްޗަށް ތަހުމަތުކޮށްފައި ވަނީ އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ރިޝްވަތު ނަންގަވައިގެން ބޭރުގެ އިންވެސްޓްމަންޓްތަކަކަށް ހުއްދަ ދެއްވި މައްސަލަ އެވެ. ޗިދަމްބަރަމް، 73، ގެންދަވަނީ އެ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.
ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ޗިދަމްބަރަމް ރޭ ހައްޔަރުކުރި އިރު ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވި އެވެ.
ޗިދަމްބަރަމްގެ ވަކީލް ވިދާޅުވީ މިއީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ސަރުކާރުން ސިޔާސީ ގޮތުން ހިންގާ ބަދަލު ހިފުމެއް ކަމަށެވެ.
ޗިދަމްބަރަމްގެ މައްޗަށް ތުހުމަތު ކުރަނީ އައިއެންއެކްސް ގްރޫޕަށް އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް ހުއްދަ 2007 ވަނަ އަހަރު ދިން މައްސަލައިގަ އެވެ. އެ މައްސަލައިގައި ޗިދަމްބަރަމްގެ ދަރިކަލުން ކަރްތީ ރިޝްވަތު ނެންގެވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ޗިދަމްބަރަމް ހައްޔަރު ކުރުމުގެ ކުރިން ސީބީއައި އިން ވަނީ އޭނާ ގައުމުން ބޭރަށް ފުރުން ހުއްޓުވުމަށް އިންޑިއާގެ ހުރިހާ އެއާޕޯޓަކަށް އަންގައިފަ އެވެ.
ޗިދަމްބަރަމް ވަނީ 2004-2008 އަށް އަދި 2012-2014 އަށް އިންޑިއާގެ ފިނޭންސް މިނިސްޓަރުކަން ކުރައްވައިފަ އެވެ.