ޖަމާއަތުގެ މަސްއޫލިއްޔަތު މާތް ނަބިއްޔާ ސިފަކޮށްދެއްވި ގޮތް
ޖަމާއަތުގެ މަސްއޫލިއްޔަތު މާތް ނަބިއްޔާ ސިފަކޮށްދެއްވި ގޮތް

އިސްލާމީ މުޖުތަމައުތައް އިސްލާހުގެ މަތީ ދެމިއޮތުމަށްޓަކައި އެ މުޖުތަމައުގެ ވަކިވަކި ފަރުދުން އިސްލާހު ވުމަކީ އެންމެ ފުރަތަމަ ކަމެވެ. ހަމަމިއާ އެކު ޖަމާއަތުގެ މަސްއޫލިއްޔަތާ މެދު ހޭލުންތެރިވެ އެކަން އަދާކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، މި މުހިންމު މަސްއޫލިއްޔަތު ސިފަކޮށްދެއްވާފައި ވަނީ މިސާލަކުންނެވެ. އެއީ ނަވެއްގައި އޭގެ މަތީ ބައިގަޔާއި އަޑީ ބައިގައި ބަޔަކު ތިބެގެން ދަތުރު ކުރަމުން ދާއިރު އެ ނަވުގައި ތިބި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ހޭލުންތެރިވުމާއި ހޭލުންތެރި ނުވުމުން ކަން ހިނގައިދާނެ ގޮތެއްގެ މިސާލެވެ. މިގޮތުން ޖަމާއަތުގެ މަސްއޫލިއްޔަތާ މެދު ހޭލުންތެރި ނުވެ އަމިއްލަ މަސްލަހަތާއި ފައިދާއަށް އެކަނި ވިސްނައިގެން ކަންކުރާ މީހުން ކީރިތި ރަސޫލާ ސިފަ ކުރައްވާފައި ވަނީ އެ ނަވުގެ އަޑީ ބައިގައި ތިބެގެން ފެން ނަގަންވެގެން ނަވުގެ އަޑިން ލޯވަޅެއް ކަނޑާލި ބައެއް ފަދައިންނެވެ. މައްޗަށް އެރުން އެމީހުންނަށް އުނދަގޫ ކަމަކަށް ވާތީ ނުވަތަ މަތީ ބައިގައި ތިބި މީހުންނަށް އުނދަގުލެއް ނުފޯރުވުމުގެ ބަހަނާ ދައްކައިގެންވިއަސް މިގޮތަށް މިކަން ކުރަން މިބައިމީހުން ދޫކޮށްލައިފި ނަމަ ނައު ޣަރަގުވެ އެންމެން ހަލާކުވެގެން ދާނެ ކަމުގެ އިންޒާރު ނަބިއްޔާ ދެއްވައެވެ. ނަމަވެސް މީގެ ބަދަލުގައި މި ބައިމީހުން ހޭލުންތެރި ކުރުވައި ހެޔޮ ވިސްނުމަށް ގެނެވިއްޖެ ނަމަ އެންމެންވެސް ސަލާމަތް ކުރެވޭނެ ކަން ބަޔާންކޮށްދެއްވައެވެ.

މި މިސާލުން މުސްލިމުން ލިބިގަންނަން ޖެހޭ އެއް ފިލާވަޅަކީ، ދިރިއުޅުމުގައި މީސްތަކުން ތަބާވުމަށް ﷲ ކަނޑައަޅުއްވާފައިވާ ހުދޫދުތައް ގާއިމު ކުރުމާއި އެ ހުދޫދުތަކަށް އަރައިގަތުން ބިނާ ވެފައި ވަނީ ޖަމާއަތުގެ މަސްއޫލިއްޔަތާ މެދު މީސްތަކުންގެ މެދުގައި ހޭލުންތެރިކަން އޮންނަ މިންވަރެއްގެ މައްޗަށް ކަމެވެ. ނަވުގެ ޖަމާއަތުގެ އެއް ބަޔަކީ މަތީ ބައިގައި ތިބޭ މާލިމީންނާއި އެހީތެރިންނާއި ލަފާދޭ މީހުންނާއި ސަލާމަތީ ކަންކަން ބަލަހައްޓާ މީހުން ފަދަ މީހުންނެވެ. މުޖުތަމައެއްގައި ނަމަ އެއީ ވެރިންނާއި އިލްމުވެރިންނާއި މުފައްކިރުންނާއި ހިންގުންތެރިންނާއި ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭ މީހުން ފަދަ އެކިއެކި މަސްއޫލިއްޔަތުތައް ކޮނޑުގައި އެޅިފައި ތިބޭ މީހުންނެވެ. މި މީހުންނަކީ މުޖުތަމައުގެ މަތީ ފަޑިތަކުގައި ތިބޭ މީހުންނެވެ. ދެވަނަ ބަޔަކީ ނަވުގެ އަޑީ ބައިގައި ތިބޭ ދަތުރުވެރިންނެވެ. މުޖުތަމައެއްގައި ނަމަ އެއީ މަތީ ފަޑީގައި ތިބޭ މީހުންގެ ރިއާޔަތުގެ ދަށުގައި ތިބޭ މުޖުތަމައުގެ އެންމެހާ ރައްޔިތުންނެވެ. މި ދެބައި މީހުންގެ ތެރޭގައި ވެސް ޖަމާއަތުގެ މަސްއޫލިއްޔަތާ މެދު ހޭލުންތެރިކަން ލިބިފައިވާ މީހުންނާއި ހޭލުންތެރިކަން ނުލިބޭ މީހުން ފަހަރެއްގައި ތިބެދާނެ އެވެ. އަދި މި ހޭލުންތެރިކަން ނެތިއްޖެ ނަމަ ޖަމާއަތަށް ގެއްލުމެއް ލިބުމަކީ ވެސް ވެދާނެ ކަމެކެވެ.

ހަދީސާ މެދު އިތުރަށް ވިސްނާލުމުން އެނގެނީ ﷲ ގެ ހައްދުތައް ދެމެހެއްޓުމާއި އެއަށް އަރައިގަތުމުގައި އުންމަތުގެ މީހުން ތިން ބަޔަކަށް ކީރިތި ރަސޫލާ ބައްސަވާ ކަމެވެ. އެއް ބަޔަކީ ﷲ ގެ އަމުރުތަކަށް ރައްކާތެރިވެ ނަހީތަކުން ދުރުހެލިވެ ތިބެ އެހެން މީހުންނަށް ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރާ މީހުންނެވެ. މިފަދަ މީހުންނަކީ ޖަމާއަތުގެ މަސްއޫލިއްޔަތާ މެދު ހޭލުންތެރިކަން ލިބިގެންވާ އެ މަސްއޫލިއްޔަތު އިހުސާސް ކުރާ އަދި ފަސާދައިގެ ކިތަންމެ ކުޑަ ކަމެއް ފެނުނަސް އިސްލާހު ކުރަން މަސައްކަތް ކުރާ މީހުންނެވެ. ދެވަނަ ބަޔަކީ ﷲ ގެ އަމުރުފުޅުތަކަށް ފަރުވާލެއް ނުބަހައްޓައި މުންކަރާތްތަކަށް އަރައިގަންނަމުންދާ މީހުންނެވެ. މިފަދަ މީހުން އަމިއްލަ ނަފްސުގެ މަސްއޫލިއްޔަތާ މެދު ހޭލުންތެރި ނުވާ އިރު ޖަމާއަތުގެ މަސްއޫލިއްޔަތާ މެދު ހޭލުންތެރި ވުމަކީ ނާދިރު ކަމެކެވެ. ތިންވަނަ ބަޔަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެމީހުންގެ އަމިއްލަ ނަފްސުތައް ނަހީތަކުން ދުރުހެލިކޮށްގެން ތިބޭ، އެހެންނަމަވެސް މުޖުތަމައުގައި ހިނގާ މުންކަރާތްތައް ހުއްޓުވަން ނުވަތަ މުޖުތަމައުގައި މައުރޫފު ހިންގަން އެއްވެސް ސަމާލު ކަމެއް ނުދޭ މީހުންނެވެ. އާދެ، މުޖުތަމައުގެ މަސްއޫލިއްޔަތާ މެދު ހޭލުންތެރިކަމެއް ލިބިފައި ނުވާ މީހުންނެވެ. މި ތިން ބާވަތުގެ ތެރެއިން މުޖުތަމައަށް ސަލާމަތާއި ރައްކާތެރިކަން ލިބޭނީ ފުރަތަމަ ބާވަތުގެ މީހުން ކަމުގައި އެންމެން ވެސް ވެގެންނެވެ. އެހެންނަމަވެސް އެންމެން މިފަދައިން ނުވާނެތީ ގިނަ ބަޔަކު ނަމަވެސް މިފަދަ މީހުންނަށް ވެވޭތޯ ބަލަން ޖެހެއެވެ. އޭރުން ދެން ތިބި މީހުންނަށް ގަދަވެ ގަންނަން ފުރުސަތެއް ނުލިބޭނެ އެވެ.

ޖަމާއަތުގެ މަސްއޫލިއްޔަތާ މެދު ހޭލުންތެރިކަން ނެތް މީހުން ގިނަވެއްޖެ ނަމަ ދެވަނަ ބައިމީހުންގެ ނުފޫޒު މުޖުތަމައަށް ގަދަވެގެންދާނެ އެވެ. ނަވުގައި ތިބި މި ބާވަތުގެ މީހުން ނައު ފޫދުއްވާލާ ފަދައިން މުޖުތަމައު ހަލާކު ކޮށްލާނެ އެވެ. ވަކިން ހާއްސަކޮށް މުޖުތަމައުގެ މަތިފަޑީގައި ތިބޭ މީހުން މި ބަޔަށް ވަނުން ގިނަވެއްޖެ ނަމަ ލިބޭ ގެއްލުން ބޮޑުވެގެންދާނެ އެވެ. ގިނަ މުޖުތަމައުތަކަށް ކުރިމަތިވާ ބޮޑެތި މައްސަލަތައް ގިނައިން ކުރިމަތިވަނީ މަސްއޫލުވެރިންގެ އިހުމާލާއި އަޅާނުލުމުންނެވެ. މިފަދަ ހާލަތުގައި އާންމުން ތެދުވެ މި މީހުން ހޭލުންތެރި ކުރުވަން މަސައްކަތް ކުރަން ޖެހޭނެ އެވެ. އެހެން ނޫންނަމަ ވަކި ބަޔަކަށް ހާއްސަ ވެގެން ނުވާ އާންމު މުސީބާތްތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. އަލްއަންފާލު ސޫރަތުގެ 25 ވަނަ އާޔަތުގައި ﷲ އަންގަވަނީ ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވެ ތިބުމަށެވެ. ސަބަބަކީ އެ ފިތުނަ އައިސް ޖެހިދާ ހުށީ ހަމައެކަނި މީސްތަކުންގެ ތެރެއިން އަނިޔާވެރިވީ މީހުންނަށް އެކަނި ނޫން ކަމަށްވާތީ އެވެ. މީގެ ބައިވަރު މިސާލުތައް އިސްލާމީ އެކިއެކި ގައުމުތަކުން އެދަނީ ފެންނަމުންނެވެ. ސީރިއާ އާއި ޔަމަނާއި ލީބިޔާ ފަދަ ގައުމުތަކުގައި ހިނގަމުންދާ ކަންކަމަކީ ހަގީގަތުގައި ޖަމާއަތުގެ މަސްއޫލިއްޔަތާ މެދު ހޭލުންތެރި ނުވުން އޭގެ ސަބަބުތަކުގެ ތެރޭ ހިމެނިގެން ހިނގަމުންދާ ކަންކަމެވެ. އެއީ އަނިޔާ އަށް ފުރުސަތުދީ، އަޅާނުލައި ތިބުމުގެ ސަބަބުން ނުބައި ނިޔަތްތަކުގެ އަހުލުވެރިންނަށް ލިބޭ ކާމިޔާބުތަކެވެ. ހިތާމައަކީ، އާޚިރުގައި މިކަން ތަހައްމަލު ކުރަން މިޖެހެނީ އެންމެންނަށް ކަމަށް ވުމެވެ. ނައު ޣަރަގު ވީ އަމިއްލަ ފައިދާ އާއި މަސްލަހަތަށް ވިސްނި ބަޔަކު ދިން ގެއްލުމަކުން ކަމަށް ވިއަސް ޖަމާއަތުގެ މަސްއޫލިއްޔަތާ މެދު ހޭލުންތެރިކަން އޮތް ނަމަ ނައު ފޫދުއްވާލާކަށް ދުލެއް ނުދޭނެ އެވެ. ޣަރަގުވުމުން ސަލާމަތް ކުރެވޭނެ އެވެ.

މިއާ ޚިލާފަށް ޖަމާއަތުގެ މަސްއޫލިއްޔަތަށް ސަމާލުކަން ނުދޭނަމަ ﷲ ކަނޑައަޅުއްވާފައިވާ ހުދޫދުތަކަށް އަރައިގަންނަ މީހުންނާއި ކަންކަމާ އަޅާނުލައި ތިބޭ މީހުންގެ އަދަދު އިތުރުވެގެން ދާނެ އެވެ. އެހާރުން ރަނގަޅު ބަޔަކު މުޖުތަމައުގައި ތިއްބަސް މުޖުތަމައު ހަލާކު ވާނެ އެވެ. ހެޔޮލަފާ މީހުން ތިއްބާ ވެސް ﷲ ލަޝްކަރެއް ހަލާކު ކުރައްވަފާނެތޯ ޢާއިޝަތުގެފާނު ކީރިތި ރަސޫލާ އަށް ސުވާލު ދެންނެވި ހިނދު އެކަލޭގެފާނު ހަދީސްފުޅު ކުރެއްވެވީ ނުބައިކަންތައް އާންމު ވެއްޖެ ނަމަ އެހެން ވާނެ ކަމަށެވެ.

ވީމާ ކޮންމެ މީހަކުވެސް މިކަމަށް ވިސްނަން ޖެހެއެވެ. އާޚިރަތުގައި ހިސާބު ކުރެވޭއިރު މިކަމަށްޓަކައި ކުރި މަސައްކަތަށް ވެސް ބެލޭނެ އެވެ. ޖަމާއަތް ސަލާމަތް ނުކޮށްފިނަމަ ޖަމާއަތް ހަލާކުވެގެން ދާއިރު ތިމާވެސް ހަލާކުވެގެން ދާނެއެވެ. އަދުގެ މުސްލިމުންގެ ހާލަތަށް ބަލާއިރު މުސްލިމުން މިތިބީ ކީރިތި ރަސޫލާ ސިފަ ކުރެއްވި ނަވުގެ ހާލަތަށް ވުރެ ދަށުގައެވެ. އެއް ސަބަބަކީ ނަވުގެ މިސާލަށް ބަލާއިރު ޖަމާއަތުގެ މަސްއޫލިއްޔަތު އަދާނުކޮށް އަޅާނުލައި ތިބި މީހުންނަކީ ނަވުގެ އަޑީ ބައިގައި ތިބި އާންމުންނެވެ. އެކަމަކު މިއަދު މުސްލިމުންގެ ތެރޭގައި މި މަސްއޫލިއްޔަތު އަދާ ނުކުރުމުގައި ކަންކަމާ ހަވާލުވެ ތިބޭ މީހުން މާ ގިނައެވެ. އަދިކިއެއްތަ، ނައު ފޫދުއްވާލަން ވެސް ނުކުންނަ ގިނަ މީހުން މި ތިބެނީ މަސްއޫލުވެރިންގެ ތެރޭގައެވެ. ދެވަނަ ސަބަބަކީ ހެޔޮކަންތަކަށް އަމުރުނުކޮށް ނުބައިކަންތައް ނަހީ ނުކޮށް ތިބުމުގެ އިތުރުން ހެޔޮ ކަންތަކާއި ނުބައިކަންތައް އޮޅުވާލައި ނުބައިކަންތަކަށް އަމުރުކޮށް ހެޔޮކަންތައް ނަހީ ކުރާ ދަރަޖައިގައި މިއަދު މުސްލިމުން ތިބުމެވެ.

ވީމާ މިނުބައިކަންތައްތައް މުސްލިމުންގެ ތެރެއިން ނައްތާލައި ޖަމާއަތުގެ މަސްއޫލިއްޔަތާ މެދު ހޭލުންތެރިވެ އެ މަސްއޫލިއްޔަތު އަދާކޮށްގެން މެނުވީ ހެޔޮ އުންމަތެއް ކަމުގައި މުސްލިމުންނަށް ނުވެވޭނެ އެވެ. ހެޔޮ އުންމަތަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ﷲ އަށް އީމާންވުމާއި ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންތައް ނަހީ ކުރުން ހިމެނެއެވެ.