ދިރާގު ޓީވީން ދިވެހި ފިލްމު "ބަވަތި" ދައްކަނީ
ދިރާގު ޓީވީން ދިވެހި ފިލްމު "ބަވަތި" ދައްކަނީ

ދިރާގު ޓީވީން "އައި ފިލްމްސް" ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" އެ ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް ގެނައުމަށް ސޮއިކޮށްފި އެވެ.

މި ފިލްމަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ އާދަޔާ ހިލާފު ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ފިލްމެކެވެ.

"އައި ފިލްމްސް" އަކީ 2018 ވަނަ އަހަރު އިލްޔާސް ވަހީދު އުފެއްދި ފިލްމު ކުންފުންޏެކެވެ. މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ އިފްނާޒް ފިރާގާއި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. މި ފިލްމު ސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހެވެ. އަދި ސްކްރީނިން އަށް ފަހު ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމުން ބަލާލެވޭނެ އެވެ.

ދިރާގު ޓީވީން ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ފިލްމީ އުފެއްދުންތަކަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް އޮން ޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތައް މަގު ފަހިކޮށްދޭނެ އެވެ. ދިރާގުގެ އަމާޒަކީ ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާ އިން ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން މަސައްކަތްކުރަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ވީހާ ވެސް ގިނަ ދިވެހި ކޮންޓެންޓް ފަސޭހަކަމާ އެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

އޮން ޑިމާންޑަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ " އޮން ޑިމާންޑް" ޖަހާފައިވާ ބަޓަނަށް ފިއްތަވާލުމުން އޮން ޑިމާންޑް ކޮންޓެންޓްތައް ބަލައިލެވޭނެ އެވެ.

ދިރާގު ޓީވީ ތައާރަފް ކުރިތާ ދެ އަހަރު ތެރޭ ރާއްޖޭގެ އާބާދީގެ 72 ޕަސެންޓަށް ޓީވީގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.