21 އޯގަސްޓް 2019 - 23:07

ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 10 އާއި 10 ޕްލަސް ރާއްޖެ އަށް ތައާރަފްކޮށް ޕްރީ އޯޑަރަށް މިރޭ ހުޅުވާލައިފި އެވެ.
މިރެއިން ފެށިގެން މި ފޯނުތަކަށް ދިރާގުގެ ވެބްސައިޓުން ޕްރީ އޯޑާ ކުރެވޭނެ އެވެ. މީގެ އިތުރުން ދިރާގު މެދުވެރިކޮށް ޕްރީ އޯޑާ ކުރާ ފަރާތްތަކަށް ސެމްސަން ގެލެކްސީ ގަޑިތަކުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.
ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ނޯޓް 10 އަދި 10 ޕްލަސް އަކީ އެތައް ބަޔަކު އިންތިޒާރު ކުރަމުން އައި ފޯނުތަކެކެވެ. ގެލެކްސީ ނޯޓް 10 ގައި 6.3 އިންޗީގެ ޑިސްޕްލޭއެއް ހުންނައިރު ނޯޓް 10 ޕްލަސްގައި 6.8 އިންޗީގެ ޑިސްޕްލޭއެއް ހުރެ އެވެ.
ގިނަ ވަގުތު ބެޓަރީ ހިފަހައްޓާ މި ފޯނުތަކުގެ "ގެލެކްސީ ޕެން" އަކީ ވެސް ތަފާތު ފީޗާތައް އެކުލެވޭ ގަލަމެކެވެ. އެގޮތުން މި ގަލަމުގެ ބްލޫޓޫތު ފީޗާ ބޭނުންކޮށްގެން ވައިގެ ތެރޭގައި ލިޔެވުމާއި ސެލްފީ ނެގުން ފަދަ ކަންތައް ކުރެވޭނެ އެވެ.
ގެލެކްސީ ނޯޓް 10 އާއި 10 ޕްލަސް ފޯނުތަކުގައި ބޭނުންކޮށްފައިވަނީ "އޯރާ" ކުލަ އެވެ. މިއީ އެކި ދިމާލުން ތަފާތު ކުލަތައް ފެންނަން ހުންނަ ގޮތަށް ތައްޔާރުކޮށްފައިވާ ކުލަ އެކެވެ. މިއީ މި ކުލަ ފޯނެއްގައި ބޭނުންކުރި ފުރަތަމަ ފަހަރެވެ.