21 އޯގަސްޓް 2019 - 22:50

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީ އުވާލައި އިންޓަރިމް ކޮމިޓީއާ އެސޯސިއޭޝަން ހިންގުން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ހަވާލުކުރުމުން އެ ނިންމުން ބަދަލުކުރަން ވީއޭޭއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނު ނަމަވެސް އެ އަމުރު ނުރެނެދިނެވެ.
މިދިޔަ މެއި މަހު ވީއޭއެމާ ގުޅުންހުރި ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާތީ އެ ކަންތައްތައް ތަހުގީގުކުރުމަށް ފަހު ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) ވަނީ ޖޫން 11 ވަނަ ދުވަހު ވީއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރި އެވެ. ސްޕޯޓްސް ކޮމިޝަނަރުގެ މި ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ އެ ކޮމިޝަނަރަށާއި ސްޕޯޓްސް މިނިސްޓްރީ އަށް ގިނަ ތުހުމަތުތަކެއް ކުރުމަށް ފަހު ލަތީފް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
މިދިޔަ މަހު 27 ވަނަ ދުވަހު ލަތީފް ސިވިލް ކޯޓުގައި އެދިފައިވަނީ ސްޕޯޓްސް ކޮމިޝަނަރު ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނާއި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވައިދާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ނިންމީ ލަތީފްގެ ފަރާތުން އެދިފައިވާގޮތަށް މި ވަގުތު ވަގުތީ އަމުރެއް ނެރެދީފިނަމަ މި ދައުވާގެ މައުލޫގައި ދުރާލާ ވަގުތީ އަމުރުގައި ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ޝަރީއަތަށް ބުރަވެވޭތީ މި ވަގުތު ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ވީއޭއެމް މައްސަލައިގައި އޮލިމްޕިކް ކޮމިޓީ އަށް ފޮނުވި ސިޓީގައި ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީން އެދިފައި ވަނީ ވީއޭއެމް އަކީ އެފްއައިވީބީގެ މެމްބަރަކަށްވީ ހިނދު އެ އެސޯސިއޭޝަން ހިންގުން އިންޓަރިމް ކޮމިޓީއަކާ ހަވާލުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން އެ ފެޑެރޭޝަނަށް އޮޅުން ފިލުވައިދިނުމަށެވެ. އަދި އެ ކަންތައްތަކުގެ ތަހުގީގު ނިމުމާ ހަމައަށް ވީއޭއެމްގެ އިސް ފަރާތެއްގެ ގޮތުގައި އެ ފެޑެރޭޝަނުން ގަބޫލުކުރާނީ އެންމެ ފަހުން އޮތް ލަތީފުގެ ލީޑަޝިޕްގެ ހިންގާ ކޮމިޓީ ކަމަށެވެ. އެ މައްސަލައިގައި ރަސްމީކޮށް އޮލިމްޕިކް ކޮމިޓީން މީޑިއާގައި އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.
ވީއޭއެމްގެ މި މައްސަލަ ކޯޓުގައި ކުރިއަށްދާއިރު، ވީއޭއެމްގެ ރަސްމީ ލޯގޯއާ އެކު ލަތީފްގެ ފަރާތުން ވެސް ވަނީ ނޫސްބަޔާން ނެރެފަ އެވެ. އެކަމަކު ވީއޭއެމްގެ ރަސްމީ ހުރިހާ ކަމެއް މި ވަގުތު ބަލަހައްޓަނީ ސްޕޯޓްސް ކޮމިޝަނަރަށް ލިބޭ ގާނޫނީ ބާރުން އައްޔަންކޮށްފައިވާ ނޯމަލައިޒިން ކޮމިޓީންނެވެ.
ވީއޭއެމްގެ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ދަނިކޮށް ލަތީފް އޭރު ވަނީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި އެދިފައިވަނީ އެސޯސިއޭޝަނުން އޭރު ކުރަމުން އައި އިސްލާހީ އެޖެންޑާގެ ބައެއް މަސައްކަތްތައް ނިމުމުން އަަވަސް އިންތިހާބަކަށް ދާން އެދޭ ކަމަށެވެ. އަދި އެ އިންތިހާބެއްގައި ވާދަވެސް ނުކުރައްވާނެ ކަމަށް ލަތީފް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އެކަމަކު ލަތީފް އެ އިޝާރަތްކުރާ އިސްލާހީ އެޖެންޑާ އަކީ އެއްވެސް މަސައްކަތެއްކުރެވޭ ކަމެއް ނޫން ކަމަށް ލަތީފްގެ ލީޑަޝިޕްގައި މަސައްކަތްކުރި އެތައް ފަރާތަކުން ތުހުމަތުކުރެ އެވެ.
ވީއޭއެމްގެ ރައީސްގެ މަގާމަށް މާޗު 2016 ގައި އޮތް އިންތިހާބު ކާމިޔާބުކުރައްވައި މުހައްމަދު ރިޔާޒު ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންވެފައިވަނިކޮށް، އެ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން ކެންސަލްކުރި އެވެ. މިހާާރުގެ ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފަށް އެ މަގާމު ލިބިވަޑައިގަތީ ދެން ބޭއްވި އިންތިހާބަށް ފަހު އެވެ.
ލަތީފްގެ ލީޑަޝިޕަށް އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވީ މިދިޔަ އަހަރު ވޮލީގެ އަހަރީ އާންމު ޖަލްސާ، ފުރިހަމަ އެއް މެމްބަރު ކްލަބްގެ ހާޒިރުގައި ކުރިއަށް ގެންގޮސް އަސާސީ ގަވާއިދު ބަދަލު ކުރުމުގެ އިތުރުން ވޮލީގެ ލޯގޯ އަށް ވެސް ބަދަލު ގެނައުމުންނެވެ. އަދި އެ ލޯގޯ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ރަޖިސްޓްރީ ނުކޮށްދެނީސް ވީއޭއެމުން ވަނީ ބޭނުންކުރުމުން ވެސް ފާޑުކިޔުން އަމާޒުވިއިރު، މިދިޔަ އަހަރުގެ އާންމު ޖަލްސާގައި ކަންތައްތައް ހިނގާދިޔައީ ގަވައިދާ އެއްގޮތަކަށް ނޫން ކަމަށް އެ ޖަލްސާގައި ބައިވެރިވި އޮބްޒާވަރުގެ ރިޕޯޓުގައި ހިމެނި އެވެ.
ނޭޕާލުގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގެ ސެމީ އަށް ރާއްޖެ ވަނީ ދަތުރުކޮށްފަ އެވެ. އޭވީސީގެ އާންމު ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު އެ ބައްދަލުވުމުގައި ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ އަހުމަދު އިބްރާހިމް އެވެ. އަދި އެ ޖަލްސާއާ ދިމާކޮށް ލަތީފް ވެސް ނޭޕާލަށް އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.